ގިނަ ފިލްމުތައް އަހަރުމެންނަށް އެންމެ ކަމުދަނީ އަސްލު ދިރިއުޅުން އެ ފިލްމުތަކުން ދައްކުވައިދޭލެއް ފުރިހަމަ ވުމުން ނެވެ. އެކަނިވެރި މަޔަކު، އޭނާގެ އަނިޔާވެރި ލޯބިވެރިއާގެ ކިބައިން ސަލާމަތްވާ ގޮތް ދައްކައިދޭ ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް "މެއިޑް" ގިނަ ބަޔަކަށް ކަމުދާ ސަބަބަކީ މިއީ ކަމުގައި ވެދާނެ އެވެ.
އޮކްޓޯބަރު 1 ގައި ރިލީޒްކުރި މި ސިރީޒް ވަނީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު ފިލްމްތަކުގެ ލިސްޓުގަ އެވެ. ރާއްޖޭގައިވެސް އޮތް މަގުބޫލުކަން ވަކި ކުޑައެއް ނޫނެވެ.
ސީރީޒްގެ މައިގަނޑު މައްސަލައާ ހިސާބަށް ދިއުމަށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ ސީންގައިވެސް ފެނިގެންދަނީ އެލެކްސް އޭނާގެ ލޯބިވެރިއާ، ޝޯން އާއެކީ ދިރިއުޅެމުންދިޔަ އަނިޔާގެ ހާލިން ސަލާމަތްވުމަށް ދަރިފުޅު ގޮވައިގެން ސިއްރުން ނުކުންނަ މަންޒަރެވެ. ސަސްޕެންސްއިން ފުރިގެންވީ ފުރަތަމަ ދެ މިނިޓް ވެސް ނޭވާ ހިފަހައްޓާލެވޭނީ ހަމަ ކިރިޔާ އެވެ.
މި ސިރީޒް އަކީ 2019 ވަނަ އަހަރު ސްޓެފެނީ ލޭންޑް ލިޔުނު ބައޮގްރަފީއެއް ކަމުގައިވާ "މެއިޑް: ހާޑް ވޯކް, ލޯ ޕޭ އެންޑް އަ މަދާސް ވިލް ޓު ސަވައިވް" ގެ މައްޗަށް އުފައްދާފައިވާ ސީރީޒް އެކެވެ. ދިހަ އެޕިސޯޑް ހިމެނޭ މި ސީރީޒްގައި ދައްކުވައިދެނީ ޝޯންގެ ކިބައިން ސަލާމަތްވެ ދަރިފުޅު، މެޑީއާ އެކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މިނިވަން ދިރިއުޅުމެއް ހޯދުމެއް އެލެކްސް ކުރާ މަސައްކަތެވެ. އަދި ދައްކުވައި ދެނީ އިޖުތިމާއީ ގޮތުން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނަމެއްގައި ފަރުމާކުރެވިފައިވާ ނިޒާމެއްގެ ދޯހަޅި ކަމެވެ.
ހިތްދަތި، އެކަނިވެރި މި ދިރިއުޅުމުން ކިތަންމެ ފަހަރަކު ހިތް ރޮއްވާލާނެ އެވެ.

ސީރީޒްގެ މެއިން ކެރެކްޓާ ގެ ރޯލުން ފެނިގެން ދަނީ އެޗްބީއޯގެ "ލެފްޓް އޯވާ" ސީރީޒްއިން މަގުބޫލުކަން ހޯދި މާގަރެޓް ކުއެލީ އެވެ. ގިނަ ބަޔަކު ވަނީ ސީރީޒްގައި އޭނާ ދައްކުވައިދީ ފައިވާ އެކްޓިންއަށް ތައުރީފުކޮށްފަ އެވެ.









