އަންނަ އާދިއްތަ ދުވަހު، ސްކޮޓްލެންޑްގެ ގްލާސްގޯ ގައި ފަށާ މޫސުމީ ބަދަލު ކޮންޓްރޯލްކުރުމާ ބެހޭ އެންމެ ބޮޑު ސަމިޓް، ކޮޕް26 އަށް، ރާއްޖެއިން ދާ ވަފުދުގެ އެންމެ ތަފާތު ބައިވެރިއަކަށް ވާނީ އުމުރުން ހަތް އަހަރުގެ ހަސަން އަލްމާން ޝުޖާއު އެވެ. ނުވަތަ "އައިލެންޑް ބޯއީ އަލްމާން" އެވެ. ކޮޕް26 ގައި އަލްމާން ބައިވެރިވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން މިހާރު ވެސް އެތައް ގެއްލުންތަކެއް ކުރިމަތިވެފައިވާ ދިވެހި ރަށްތައް ސަލާމަތްކޮށްދޭން އެދި އޭނާ ކުރާ އިލްތިމާސްގެ އަޑު މުޅި ދުނިޔެއަށް އިއްވުމަށެވެ.
"އަލްމާން ބޭނުންވަނީ މިހާ ރީތި އައިލެންޑްސް ތައް ސޭވް ކުރަން. އެނގޭތަ، ކުނި އެޅުމުން މަސްތައް މަރުވާކަން. އަދި ވެހިކަލް ގިނަ ވެގެން ގިނަ ވިހަ ގޭސް ޖައްވައް ދިޔައިމަ ދުނިޔެ އަށް ވަރަށް ބޮޑަށް ގެއްލުން ވާކަން. އެހެންވީމަ އަލްމާން ބޭނުންވަނީ އެންމެން ކައިރީގަ އަލްމާންގެ ރީތި އައިލެންޑް ނޭޝަން ސަލާމަތްކުރަން ހެލްޕް ކޮށްދޭން ބުނަން،" މަޖީދިއްޔާ ސްކޫލުގެ އެއް ވަނަ ގުރޭޑުގައި ކިޔަވާ ދަރިވަރު ބުންޏެވެ.
އަލްމާން ބުނީ، އޭނާ އެންމެ ދެކެން ބޭނުންވަނީ ވެހިކަލް ނެތް ރާއްޖެ އެއް ކަމަށެވެ. ކުނި ނާޅާ ސާފު ރާއްޖެ އެއް ކަމަށެވެ. ބީޗު ތަކާއި ދޮންވެލި ފިނޮޅުތައް އޭގެ އެންމެ ރީތި ގޮތުގައި ކުނިން ސަލާމަތްވެފައި އޮންނަ ތަން ދެކެން ކަމަށެވެ. އެކަން ވާނީ، އެންމެން ވެސް ޑަސްބިންތަކަށް ކުނި އަޅައިގެން ކަމަށް އަލްމާން ބުންޏެވެ. މޫދާއި ދިރިއުޅޭ މާހައުލަށް ކުނި އަޅާ ނަމަ، މަސްތައް މަރުވެ، ރީތި ރައްތައް ހަޑިވެދާނެތީ އޭނާ ދެރަވެ އެވެ.
އަހަންނަށް އެހީވެދީ، އަހަރެންގެ ޖަޒީރާ ރާއްޖެ އަށް އެހީވެދީ، އަހަރެންގެ ދުނިޔެ އަށް އެހީވެދީ
ކޮޕް26 އަށް ދެވޭތީ އަލްމާން ހުރީ ވަރަށް އުފާވެފަ އެވެ. އޭނާ ބުނީ ބައިވަރު ގައުމުތަކުން މީހުން ބައިވެރިވާނެތީ އެ ހުރިހާ ގައުމެއްގެ މީހުންގެ ފަރާތުން އެހީ އަށް އެދޭނެ ކަމަށެވެ. އޭރުން އެންމެން މަސައްކަތް ކޮށްފިއްޔާ ރަށްތައް ސަލާމަތްކުރެވޭނެ ކަމަށެވެ. މަސްތަކާއި މުރަކަތަކާއި ބީޗް ސަލާމަތްކުރެވޭނެ ކަމަށެވެ.


އަލްމާން، ތިމާވެށި މިނިސްޓަރު ޝައުނާ އާ އެކު: ސަމިޓުގައި ވީހާވެސް ގިނަ ބަޔަކަށް އަލްމާންގެ މެސެޖު އިއްވަން އޭނާ ބޭނުންވޭ
"އައި ޑޯންޓް ލިޓާ. ހުރިހާ ކުދިން ވެސް ވާނެ ކުނި ނާޅަން. މޫދަށް ކުނި ނާޅަން. މަސްތައް ސޭވް ކުރަން. އެ ހުރިހާ އެއްޗިއްސަކީ ވެސް ދިރޭ އެއްޗެހި އަހަރެމެން ގޮތަށް. އެހެންވީމަ ދުނިޔެ ސަލާމަތްކުރަން ޖެހެނީ، ބައިވަރު ޖަނަވާރު ވެސް ދިރިއުޅޭތީ،" އަލްމާން ގެ މެސެޖު ވަރަށް ސާދާ އެވެ. އޭނާގެ މި އަޑު ދުނިޔޭގެ ސަތޭކަ އަށްވުރެ ގިނަ ގައުމަށް މިފަހަރު އިއްވަން އަލްމާން ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.
"އައިލެންޑް ބޯއީ އަލްމާން" ހޭޝްޓެގް ވައިރަލްވީ، ތިމާވެއްޓަށް އޭނާ ހުންނަ ޝައުގުވެރިކަމަށް ހިތްވަރު ދިނުމުގެ ގޮތުން 2019 ވަނަ އަހަރު އާއިލާ އިން ހެދި ވީޑިއޯ އެއް، ޔޫއެންޖީއޭގެ ރައީސް، އަބްދުﷲ ޝާހިދު އިހަށް ދުވަހު ރިޓުވީޓު ކުރުމާ އެކުގަ އެވެ. އެއާ އެކު ތިމާވެށި މިނިސްޓަރު އާމިނަތު ޝައުނާ ވެސް ވަނީ އަލްމާން އާ ބައްދަލުކުރައްވާފަ އެވެ.
ކޮޕް 26 ގައި ނިންމާނީ ކޮން ކަންތައްތަކެއް؟
އާދީއްތަ ދުވަހު ފަށައިގެން، ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް، އޮންނަ ސަމިޓު ފެށުމުގެ ކުރިން ގިނަ ގައުމުތަކުން ގޭސް ބޭރު ކުރުން މަދު ކުރަން ކުރާނެ ކަންތައްތަކުގެ ޕްލޭން ނިންމާނެ އެވެ. ސަމިޓު ކުރިއަށްދާ ދެ ހަފުތާގެ ތެރޭގައި މުޅިން އާ ކަންކަން ވެސް އިއުލާނުކުރާނެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ޕެރިސް އެގްރީމެންޓު ތަންފީޒު ކުރަން އަމަލު ކުރާނެ އުސޫލާ ގުޅޭ ކަންކަމެވެ.
ސަމިޓުގެ ތެރެއިން އިއުލާނު ކުރާނެ ކަމަށް ބެލެވޭ އިތުރު ކަންކަމުގެ ތެރޭގައި ކަރަންޓު ކާރަށް ބަދަލުކުރުމާއި، ކޯލް ހަކަތަ ބޭނުންކުރުން ހުއްޓާލާނެ ގޮތް އަވަސް ކުރުމާއި، ގަސްތައް ކެނޑުން މަދުކުރުމާއި، ކޯސްޓަލް ޑިފެންސް ސިސްޓަމަށް ފަންޑުކޮށް މޫސުމީ ބަދަލުގެ އަސަރުން ގިނަ ބަޔަކު ރައްކާތެރި ކުރާނެ ގޮތްތައް ހިމެނެ އެވެ.
ގްލާސްގޯ އަށް ޖުމްލަ 120 ގައުމަކުން 25،000 އަށް ވުރެ ގިނަ މީހުން ޖަމާވާނެ ކަމަށް ބެލެވެ އެވެ. އެއީ ދުނިޔޭގެ ލީޑަރުންނާއި ޑިޕްލޮމެޓުންނާއި ނޫސްވެރިންނެވެ. ކޮންފެންރެންސް ނިމޭއިރު ނެރޭ ގަރާރުގައި ހުރިހާ ގައުމަކުން ވެސް ސޮއިކުރަން ޖެހޭނެ އެވެ.
ރާއްޖެ އިން ސަމިޓަށް ދާ ވަފުދުގައި އެންމެ އިސްކޮށް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގެ އެހެން އިސް އޮފިޝަލުން ވެސް ބައިވެރިވާނެ އެވެ.










