ސުވާލު އުފެދޭ ފަދަ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗުގެ ފިލިޕީންސް ނަރުސް މަރާލިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މިއަދު ހައްޔަރުކޮށްފި އެވެ.
ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި މޭރީ ގްރޭސް ޕިނޭޑާ މަރުވީ މިދިޔަ އަންގާރަ ދުވަހެވެ. އެ މައްސަލައިގައި ހައްޔަރު ކުރި އުމުރުން 29 އަހަރުގެ ހަމަ ފިލިޕީންސަށް ނިސްބަތްވާ އޭނާގެ ފިރިހީމާއަކީ އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތް ކުރާ ނަރުހެއްކަން އެނގިފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން މީހަކު ހައްޔަރުކޮށްފައި މި ވަނީ ގްރޭސްގެ މަރުގައި "ބަލަންޖެހޭ އިތުރު ކަންކަން ހުރި ކަމަށް ފާހަގަ" ކުރެވިފައިވާ ކަމަށް ބުނުމަށްފަހު އެވެ. އެނގިފައިވާ ގޮތުގައި ގްރޭސްއަށް އަނިޔާތަކެއް ލިބިފައިވާ ކަމުގެ ނިޝާންތަކެއް ހަށިގަނޑުން ވަނީ ފެނިފަ އެވެ.
ގްރޭސް އޭނާގެ ފިރިމީހާއާ ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ގްރޭސް ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.
ގްރޭސްގެ މަރާ ގުޅިގެން "އަދަދު" އިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ އަންގާރަ ދުވަހު ވެސް އޭނާ ޑިއުޓީއަށް ނިކުތް ކަމަށާއި މަސައްކަތުގައި އެއްވެސް ތަފާތެއް އެ ދުވަހު ފާހަގަ ނުކުރެވޭ ކަމަށެވެ.

ގްރޭސް މަރުވީ މަސައްކަތުން ލިބުނު ހުސް ވަގުތުކޮޅެއްގައި ގެއަށް ދިޔަ ފަހުން ކަމަށްވެ އެވެ. އަދި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު ވެސް ހުންނަ ގްރޭސްގެ މަރާއެކު ޑރ. އަހުމަދު ރާޒީ މެމޯރިއަލް ޑަޔަލެސިސް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސިހުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ގްރޭސް ދަންޖެހިގެން އަމިއްލަ މަރުވިކަން ގަބޫލު ކުރަން އޭނާގެ ރަހުމަތްތެރިންނަށް ދަތި ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.












