އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާ ގޮތުން އަންނަ އަހަރު ހުށަހަޅަން ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށްޓަކައި އަންނަ އާދީއްތަ ދުވަހަށް ޖަލްސާއެއް ތާވަލުކުރެވިފައިވާކަން އިއުލާނު ކުރައްވައިފަ އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ޖަލްސާތައް އާންމުކޮށް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.
"އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ. އެ ދުވަހު އޮންނާނީ ފިނޭންސް މިނިސްޓަރު ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުން،" އީވާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު، މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވެ އެވެ.
ނަމަވެސް، މަޖިލީހުގެ ގަވައިދުގައި ބުނާ ތާރީހަށް ގިނަ އަހަރުތަކުގެ ބަޖެޓު ތައްޔާރުކޮށް ހުށައެއްނޭޅެ އެވެ.
އެގޮތުން، މި އަހަރުގެ ބަޖެޓު ވެސް 2019 ވަނަ އަހަރު ހުށަހެޅުނީ ނޮވެމްބަރު ހަތަރު ވަނަ ދުވަހު އެވެ.
13 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ޖެހޭ
ފިނޭންސް މިނިސްޓްރީގެ "ފިސްކަލް އެންޑް ޑެޓް ސްޓްރެޓަޖީ" ރިޕޯޓު ބުނާގޮތުން އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ، 23.6 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، 37 ބިލިއަން ރުފިޔާގެ ބަޖެޓު ހަމަޖައްސަން 15.4 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.
ބަޖެޓަށް ބޭނުންވާ ފައިސާގެ ބޮޑު ޕަސަންޓެއް ހަމަޖައްސަން ފިނޭންސުން ވިސްނަނީ ދަރަނި ނަގައިގެންނެވެ. މި ފައިސާ ހޯދާނީ އެތެރޭގެ ބާޒާރުގައި ޓީ-ބިލާއި ޓީ-ބޮންޑު ވިއްކައިގެންނާއި ބޭރުގެ ބާޒާރުގައި ސޮވަރިން ބޮންޑާއި ސުކޫކް ވިއްކައިގެންނާއި ބޭރުގެ ލޯނުގެ އެހީގެ އިތުރުން ސީދާ ޕްރޮޖެކްޓްތަކަށް ލޯނު ނަގައިގެންނެވެ.
ބަޖެޓުގެ ބާކީ ގެޕް ހަމަޖައްސަން ފިނޭންސުން ވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން 771 މިލިއަން ރުފިޔާ ބޭނުންކުރަން ހަމަޖައްސާފަ އެވެ. ފިނޭންސުން އެންމެ ފަހުން އާންމުކުރި ފިސްކަލް ރިޕޯޓުގައި ބުނާ ގޮތުން އެސްޑީއެފް ފަންޑު ޖުމްލަ އަދަދަކީ 3.5 ބިލިއަން ރުފިޔާ އެވެ. އެކަމަކު ބޭންކު ބެލެންސްގައި ހުރީ 860 މިލިއަން ރުފިޔާ އެވެ.
ބާކީ ފައިނޭންސިން ހަމަޖައްސަނީ ސަރުކާރު ކުންފުނިތައް ޕްރިވެޓައިޒްކޮށްގެން ނޫނީ އެ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެންނެވެ. މިގޮތަށް ޕްރައިވެޓައިޒްކޮށްގެން ވެސް 771 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. މިއި މި އަހަރުގެ ބަޖެޓުގައި ވެސް އާމްދަނީ ހޯދަން ހިމެނި ކަމެކެވެ. އެކަމަކު މިހާތަނަށް ކުންފުންޏެއް ނޫނީ ކުންފުންޏެއްގެ ހިއްސާއެއް ވިއްކައިގެން ސަރުކާރަށް އެއްވެސް އާމްދަނީއެއް ނުލިބެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނަނީ މިހާރުވެސް އަންނަ އަހަރަށް ބޭނުންވާ ފައިނޭންސިންގެ ތެރެއިން 5.1 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ. މީގެ ބޮޑު އިންސައްތައަކީ، އަންނަ އަހަރު ބަޖެޓު ކުރެވިފައިވާ މަޝްރޫއުތަކަށް ހަމަޖެހިފައިވާ ފައިސާ އެވެ.











