ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެބޭންކުގެ ކްރެޑިޓް ކާޑުތަކަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމް، ބީއެމްއެލް ރިވޯޑްސް ތައާރަފުކޮށްފި އެވެ.
ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމް ތައާރަފުކޮށްފައި ވަނީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. މިއީ ދުނިޔޭގެ 55 ގައުމެއްގައި މިހާރުވެސް ލޯޔަލްޓީ ޕްރޮގްރާމް ހިންގަމުންދާ ގިފްޓް އާ ގުޅިގެން ތައާރަފުކުރި ޕްރޮގްރާމެކެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަރކާޑު ގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް މި ޕްރޮގްރާމަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ބީއެމްއެލް ރިވޯޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ރިވޯޑް ޕޮއިންޓްސް ލިބޭނެއެވެ.
މިގޮަތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން 900 އަށް ވުރެ ގިނަ އެއާލައިނާއި، 650،000 ހޮޓެލްއިން ބުކިންގ ހެދުމުގެ އިތުރުން ކާރު ކުއްޔަށް ނެގުމަށް ވެސް ބޭނުންކުރެވޭނެ އެވެ.
މީގެ އިތުރުން އެމޭޒަން، އެޕްސްޓޯރ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ ފާހަގަކޮށްލެވޭ އިތުރު ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ގަތުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އެންމެ ފުރިހަމަ ލޯޔަލްޓީ ޕްރޮގްރާމް ތައާރަފް ކުރެވޭކަމީ ބޭންކަށް ލިބޭ އުފަލެއްކަން ފާހަގަކުރައްވައި މި ޕްރޮގްރާމް ގެ ސަބަބުން ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކުގެ އިތުރުން ކްރެޑިޓް ކާޑުން ލިބޭ ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ބީއެމްއެލްގެ ރިޑީމް ޕްރޮގްރާމްގައި ރާއްޖެ އަދި ރާއްޖެއިން ބޭރުން ވިޔަފާރިކޮށްގެން ބައިވެރިވެވޭނެ އެވެ. އޮންލައިންކޮށް ކުރާ ވިިޔަފާރިތަކަށް ފައިސާ ދެއްކުމަށް ކްރެޑިޓް ކާޑު ބޭނުންކުރުމުންވެސް ޕޮއިންޓް ލިބޭނެ އެވެ.
ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ބޭންކުން ވަނީ ހާއްސަ ވެބްސައިޓެއް ވެސް ތައާރަފުކޮށްފަ އެވެ. މި ވެބްސައިޓް މެދުވެރިކޮށް ޕްރޮގްރާމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބޭނެ އެވެ.
ކަސްޓަމަރުގެ ކާޑަށް ލިބިފައިވާ ޕޮއިންޓްގެ އަދަދާއި އިތުރު ތަފްސީލުތައްވެސް ވެބްސައިޓް މެދުވެރިކޮށް ބެލޭނެ އެވެ.










