ޑޮލަރުގެ މުއާމަލާތްތައް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލިމިޓްލެސް ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑު ތައާރަފުކޮށްފި އެވެ.
ބީއެމްއެލްއިން ތައާރަފުކޮށްފައިވާ ލިމިޓްލެސް ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑަކީ ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތައް ނުހިމެނޭ ގޮތަށް ތައާރަފުކޮށްފައިވާ ކާޑެކެވެ.
މި ކާޑާ ބެހޭގޮތުން ބޭންކުން ބުނަނީ މިއީ ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނަ ކާޑެއް ކަމަށެވެ. އެގޮތުން މި ކާޑު ފަރުމާކޮށްފައި ވަނީ އެކަސްޓަމަރަކު އެޕްރޫވްވެ ކަނޑައަޅާ ލިމިޓަކާ ހަމައަށް ބޭނުން ކުރެވޭ ގޮތަށެވެ.
ނަމަވެސް މި ކާޑަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކޭނީ ހަމައެކަނި ޑޮލަރުންނެވެ.
ބީއެމްއެލްގެ ކްރެޑިޓް ކާޑު މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ފަސޭހައިން ޑޮލަރު ކާޑަކަށް ބަދަލުކުރެވޭނެ އިންތިޒާމުތައް ބޭންކުން ވަނީ ހަމަޖައްސާފަ އެވެ.
ޑޮލަރު ކާޑަށް ބަދަލުކުރަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ކާޑު ބަދަލުކުރަން ހުށަހެޅޭނެ އެވެ.
އަލަށް ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އެދޭ ފަރާތްތަކަށް އޮންލައިންކޮށް ކާޑަށް އެދި ހުށަހެޅޭނެ އެވެ.
މި ކާޑު ބޭނުންކޮށްގެން ބޭރުގެ މުއާމަލާތްތަކުގެ އިތުރުން ރާއްޖޭގެ މުއާމަލާތްތައްވެސް ކުރެވޭނެ އެވެ. ވިސާ ކްރެޑިޓް ކާޑު ކޯޕަރޭޓް ކާޑުގެ ގޮތުގައި ވިޔަފާރިތަކަށް ދޫކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް އައި ލޮޅިމާއެކު ހާލަތަށް ރިއާޔަތްކޮށް، ޑެބިޓް އަދި ކްރެޑިޓް ކާޑުން ބޭރަށްދާ ޑޮލަރުގެ ނިސްބަތް މަދުކުރުމަށް ބޭންކުން އެޅި ފިޔަވަޅުތައް ފާހަގަކުރައްވާ ވާހަކަދައްކަވަމުން، ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވަނީ މިހާރު އެ ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށް ވިދާޅުވެފަ އެވެ.
ޓިމް ވަނީ މިއަދު ތައާރަފުކުރެވިގެން މިދިޔަ ކްރެޑިޓް ކާޑާއެކު ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރު ލުއިތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފަ އެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ބޭންކުގެ ކަސްޓަމަރުންގެ އަދަދު ތިން ލައްކައަށް ވުރެ އިތުރެވެ. އަދި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބޭންކުން މަސައްކަތްކުރެ އެވެ.
ރާއްޖޭގައި ވިސާގެ ޕްރިންސިޕަލް މެންބަރަކީވެސް ބީއެމްއެލް އެވެ.











