ކ. މާފުށީގެ ހިއްކި ބިން ތަރައްގީކުރާ އިރު އެ ބިމުގެ 45 ޕަސަންޓުގެ ބިން ބޭނުންކުރާނީ ބަންޑާރަ ގޯތި ދޫކުރުމަށް ކަމަށް ކައުންސިލުން ބުނެފި އެވެ.
މާފުށީ ބިން ހިއްކުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. އެކުންފުނިން އެރަށުގެ ބިން ހިއްކައި ރިވެޓްމެންޓް ޖަހައި ނިންމާލާފައި ވަނީ ނިމުނު ސެޕްޓެމްބަރު 27 ގަ އެވެ.
މާފުށިން ހިއްކާފައިވަނީ 25 ހެކްޓަރުގެ ބިމެކެވެ. މި ބިމަކީ މާފުއްޓާ ވަކިން، ބްރިޖަކުން ގުޅާލެވޭގޮތަށް ހިއްކާފައިވާ ބިމެކެވެ. އެހެން ކަމުން އެ ބިން ތަރައްގީކުރާ އިރު ރަށަކުން ލިބެންޖެހޭ ހުރިހާ ހިދުމަތަކާއި ވަސީލަތެއް ލިބޭނެހެން ތަރައްގީކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށް ރަށު ކައުންސިލްގެ ރައީސް ހަސަން ސޮލާހް "އަދަދު"އަށް ވިދާޅުވި އެވެ.
ސޮލާހް ވިދާޅުވީ އަދި މިހާތަނަށް އެ ބިން ކައުންސިލާ ހަވާލު ކޮށްފައި ނުވި ނަމަވެސް މިހާރު ބިމުގެ ލޭންޑް ޔޫސް ޕްލޭން ހަދަން ފަށާފައިވާ ކަމަށެވެ. އެގޮތުން ބިމުގެ 45 އިންސައްތަ ބޭނުންކުރަނީ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބަންޑާރަގޯތި ދޫކުރުމަށް ކަމަށް ސޮލާހް ވިދާޅުވި އެވެ.
ރަށުގެ ބިން ބޭނުންކުރާނެ ޕްލޭން އެކުލަވަލާއިރު، ވިޔަފާރިއަށް ބިން ދޫކުރާނެ ގޮތާއި، ސްކޫލް އަދި ތައުލީމީ ހިދުމަތް ފޯރުކޮށްދިނުމަށް ބިން ކަނޑައެޅުމުގެ އިތުރުން ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބިން ކަނޑައަޅާނެ ކަމަށް ސޮލާހް ފާހަގަކުރެއްވި އެވެ.


މާފުށިން ހިއްކާފައި ވަނީ 25 ހެކްޓަރުގެ ބިމެއް. -- ފޮޓޯ:އެމްޓީސީސީ
ހިއްކާފައިވާ ބިމުގައި އިންޑަސްޓްރިއަލް ޒޯނެއްގެ އިތުރުން ކަރަންޓާއި، ފެނާއި ނަރުދަމާ ހިމެނޭގޮތަށް ޔޫޓިލިޓީ ކުންފުނިތަކަށްވެސް ބިން ކަނޑައެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އެސަރަހައްދުގައި މިސްކިތް އެޅުމަށް ބިން ހާއްސަކުރެވޭނެ ކަމަށްވެސް ސޮލާހް ވިދާޅުވި އެވެ.
މާފުށީ ކައިރިން ހިއްކި ބިމާއި މާފުށި ގުޅާލާ ބްރިޖް އަދި އިމާރާތްކޮށްފައެއް ނުވެ އެވެ. ނަމަވެސް ބްރިޖްގެ ކޮންސެޕްޓް ޑިޒައިނާއި އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް ވަކި މަޝްރޫއެއްގެ ގޮތުގައި ކުރިއަށްދާ ކަމަށް ކައުންސިލުން ވިދާޅުވި އެވެ.
މާފުއްޓަކީ މިހާރު 36 ހެކްޓަރުގެ ރަށެކެވެ. ހިއްކި ބިމާއެކު މިހާރު އެ ރަށުގެ ސައިޒަކީ 61 ހެކްޓަރެވެ. އެރަށަކީ ގެސްޓް ހައުސް ވިޔަފާރިއާ ލޯކަލް ޓޫރިޒަމަށް މަޝްހޫރު ރަށެކެވެ. އެހެންކަމުން ރަށުގެ ބިން ހިއްކާނީ ރަށުގެ އިގުތިސާދު ބިނާވެފައި އޮންނަ ގޮތަށް ބަލައި ރިސޯޓް ކޮންސެޕްޓަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ މާފުއްޓަކީ ލޯކަލް ޓޫރިޒަމަށް ފައްކާވެފައިވާ ރަށަކަށްވާއިރު އެރަށުގެ ބިން ރިސޯޓު ކޮންސެޕްޓަށް ހިއްކައިފި ނަމަ ރަށުގައި މިހާރު އޮތް ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
މާފުށީ ބިން ހިއްކުމުގެ މަޝްރޫއަށް 118.07 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.












