ދަން ވާ ވަރަކަށް އެ ހޮރު ހޮރަށް ވަންނަ މީހުންގެ އަދަދު ގިނަވަނީ އެވެ. އެ ތަންތަނުގެ ތެރެއަށް ވަންނަ ގޮތަށް ބައެއް މީހުން ފަށަނީ ހާވައި ކޮންނާށެވެ. އަނެއްބައި މީހުން އެތަނުގައި ޖަހާފައި ހުންނަ ކުޑަ އައްޓާއި ބެންޗު އަދި ގޮނޑިތަކުގެ މަތީގައި ހަމަޖެހިލައިގެން ޖައްސާލަނީ އެވެ. އޭގެ ފަހުން ފަށަނީ، މަސްތުގެ ދުނިޔެއަކަށް ފީނާށެވެ.
މި ބުނާ ހޮރު ހޮރަކީ ހުޅުމާލޭގެ ކޮންމެ ފްލެޓެއްގެ ގްރައުންޑް ފްލޯއިން ފެންނަން ހުންނަ ހުޅުވާލެވިފައިވާ ޕަމްޕް ހައުުސްތަކެވެ. އެތަންތަން މިވަނީ މަސްތުވާތަކެތި ވިއްކާ ފަރާތްތަކުގެ ގުދަނަކަށެވެ. ބޭނުންކުރާ މީހުންނަށް ހަމަޖެހިލައިގެން އިނދެ ބޭނުންކުރެވޭ ސޭފް ހައުސްއަކަށެވެ. މިހާރު މާލެއެކޭ އެއްވަރަށް ހުޅުމާލޭގައި ވެސް މަސްތުވާތަކެެތީގެ ވަބާ މިވަނީ އަށަގަނެ، ފެތުރިފަ އެވެ.
އެންމެ ފުރަތަމަ އާބާދުވަން ފެށިއިރު، އެކަންކަން މާ ބޮޑަށް ފާހަގަނުވި ނަމަވެސް، މީހުން އާބާދުވި ވަރަކަށް އެކަން މި ދަނީ އާންމު ވަމުންނެވެ. އަދި މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ހުޅުވާލި ސިނަމާލެ ބްރިޖާއެކު، މަސްތުވާތަކެތީގެ ވިޔަފާރިއާ ވަބާ މިވަނީ މުޅި ހުޅުމާލެއަށް ފުޅާވެފަ އެވެ.
"އާނ! ވަސް ވެސް ދުވާ. އެމީހުން އެކަން ކުރަން ވަންނަ ރެޔެއް ވިއްޔާ ބަދިގެއަށް ވަރަށް ވަސްދުވާނެ. ބައެއް ރޭރޭ ގުޅަންވެސް ހިތަށް އަރާ ޕޮލިހުންނަށް. ދެން ހިތަށް އަރަނީ، ގުޅައިފިއްޔާ އަނެއްކާ މިގެއިން ކަން އެނގިދާނެއޭ، އެންމެ ތިރިވީމަ، ގެންގޮއްސަ އޭގެ އަނެއް ދުވަހު ދޫކޮށްލަނީ ވިއްޔަ،" ހުޅުމާލެ ނެއިބާހުޑް 2 ގެ ފްލެޓެއްގައި ދިރިއުޅޭ މުސްކުޅި އުމުރުފުރައިގެ ދައްތައަކު، ގެ ކައިރި ކުނިކަހަން ނިކުމެ ހުރެ ބުންޏެވެ.
ހަފްތާ ބަންދު ދުވަސް ދުވަހަކީ، އެ ސަރަހައްދުގެ އެ މުސްކުޅިފުރައިގެ އެންމެންހެން ގޭދޮށް ކުނިކަހައި ސާފުކުރަން ނިކުންނަ ދުވަހެކެވެ. އެކަހަލަ ދުވަސްދުވަހު، މިބުނާ ޕަމްޕްހައުސްތަކުގެ ތެރެއިން މަސްތުވާތަކެތި ފެންނަވަރު މަދެއް ނޫނެވެ.
"ހުންނާނެ އުކާލާފަ. އެތަންތާ އެތެރޭގަ. ވަރަށް އުނދަގޫވޭ އަސްލު. މިފަހުން ހަމަ ވަރަށް އާންމުކޮށް ކުރާ ކަމެއް އެމީހުން. އެއްޗެކޭ ބުނުމަށްވުރެ ނުބުނުން ރަނގަޅުވާނީ. ދައްތަމެންނަށް އެނގޭ، އެކަމަކު ދެން ކުރެވޭނެ ކަމެއް ނެތީ،" އެ ދައްތަ ކިޔައިދިނެވެ.
މަސްތުވާތަކެތީގެ އުނދަގޫ މިވަނީ މުޅި ހުޅުމާލެއަށް ޖެހިފަ އެވެ. ފަހުން އާބާދުވި ނެއިބާހުޑް 2 ގައި އެކަންކަން ފެށި ފުޅާވެގެން ދިޔައީ މި ފަހުންނެވެ. ނެއިބާހުޑް 1 ގެ މީހުންނަށް އެކަންކަން ވަނީ ފެނި ބާވެފަ އެވެ.

ހުޅުމާލޭގެ ޕަމްޕްހައުސްއެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ޕެކެޓްތަކެއް.-- ފޮޓޯ: އަދަދު
ނެއިބާހުޑް 1 ގެ ފްލެޓެއްގައި ދިރިއުޅޭ ޝިފާއު ކިޔައިދިން ގޮތުގައި އެ ސަރަހައްދުގައި އެކަން ކުރަން ހާއްސަ ގުރޫޕެއް އޮވެ އެވެ. އެ ގުރޫޕަކީ އެތަނުން ފްލެޓެއް ކުއްޔަށް ނަގައިގެން މީގެ ދެ ތިން އަހަރު ކުރިން ބަދަލުވި އެތަނަށް އާއިލާއެކެވެ.
"އެމީހުން ތިބޭނެ ސިޑިމަތީގަ އާންމުކޮށް. އެއްދުވަހު ޕޮލިހުން އެގެޔަށް ރެއިޑެއް ޖަހަން އައިސް ސިޑިން އަރައަރާ ތިއްބާ، އެ ގޭ ބެލްކަނިން އެއްޗިހިތަކެއް އުކާލިތަން މަށަށް ފެނުނު ގައިމު. އެއީ ހަމަ މަސްތުވާތަކެތި. ބަޔަކު ހައްޔަރުވެސް ކުރި އެއްފަހަރު، އަހަރުމެން ހީކުރީ އެ ނިމުނީކަމަށް އެކަން އެހިސާބުން،"
އެހެންނަމަވެސް، ހީކުރިގޮތާ ހިލާފަށް، އޭގެ ދެ ތިން ދުވަސް ފަހުން ހަމަ އެމީހުން އަނެއްކާ ވެސް އެ ސިޑި މަތިން ފެނުނުކަމަށް ޝިފާއު ބުންޏެވެ. އޭގެ ފަހުން އެމީހުން އެ ސަރަހައްދުގައި ކޮންމެ ކަމެއް ކުރިޔަސް، ރިޕޯޓްކުރަން ޖެހިލުންވާކަމަށް ޝިފާއު ބުންޏެވެ.
ގޭގޭގެ ބުޑުގައި މަސްތުވާތަކެތި ބޭނުންކޮށް ފޮރުވާތީ، ދަންވަރު ގަޑީގެ ނިދި ހަރާބުވެ، ކުޑަކުދިން ކުޅެން ގޭތިރިއަށް ކުޅެން ފޮނުވަން ޖެހިލުންވާ، އަދި ގޭގެ ވަށައިގެންވާ ސަރަހައްދު ސާފުކުރަން ނުކުންނަން ނުކެރިފައި ތިބި އެތައް ބައެއްގެ އެތައް ވާހަކަތަކެއް އިވިގެން ދިޔަ އެވެ. އަދި މަސްތުވާތަކެތި އާންމުވުމާއެކު، އެއާ ގުޅިފައިވީ އެހެން ވަބާތަކުގެ ގޮތުގައި ވައްކަމާއި ފޭރުން އަދި މާރާމާރީގެ ކަންކަން ވެސް ހުޅުމާލޭގެ އާއްމުންނަށް ފެންނަ މިންވަރު މިހާރު މިވަނީ އިތުރު ވެފަ އެވެ.
"އެއްރޭ ގޭގެ ބަދިގެ ކައިރިން ހުންނަ ކުޑަދޮރުން ބޯދިއްކޮށްލި މީހަކު. ނަސީބެއް ކޮއްކޮ ހޭލާ އޮތް ކަން އޭރު. އެސޮރު ދިޔައީ ވަޅިއެއް ހިފައިގެން އަވަހަށް. ދިޔައިމަ އަވަހަށް ބިރުން ނައްޓާލީ. ދެން އެސޮރު އަދި ކުށަ ސޮރެއް، އައިސް އެންމެން ހޭލައްވާފަ އެ ވާހަކަ ކިޔައިދިނީ. މިއީ ފަސްޓް ފްލޯ، ދެން އޭގެ ފަހުން އޮޅިގެން ވެސް ތަނެއް ތަޅުނުލާ ނުބަހައްޓަން،" ނެއިބާހުޑް 2 ގެ ފްލެޓެއްގެ ތެރެއިން ވީ ކަމެއް ކިޔައިދެމުން އެ ފުލެޓުގައި ދިރިއުޅޭ އަހުމަދު ބުންޏެވެ.
ބައެއް ޕަމްޕްހައުސްތަކުގެ ތެރޭގައި ހުންނަނީ ގޮނޑިއާ އަށި އަދި ބެންޗު ޖަހާފައި ސީދާ އައްޑާ ސްޓައިލަށެވެ. އަދި އެތަންތަނުގެ ތެރެއިން މަސްތުވާތަކެތި ހުސުްކޮށްފައި ހުންނަ ޕެކެޓާއި، އެ ތަކެތި ބޭނުންކުރަން ގެންގުޅޭ ސާމާނު ހޯދުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. މިފަދަ އެއް ޕަމްޕްހައުސްއެއް ހުންނަނީ ނެއިބާހުޑް 2 ގެ ފުލުހުންގެ ސްޓޭޝަނާއި ޖެހިގެން ހުންނަ ފްލެޓްގަ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން އެ ތަކެތި ރައްކާކުރަން ވެސް މި ތަންތަން ބޭނުންކުރެ އެވެ. ހުޅުމާލޭގައި ހިނގި ބައެއް މާރާމާރީތައް ވެސް ގުޅިފައި ހުރީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުން މި ބުނާ ޕަމްޕްހައުސްތަކަށް ވަދެ އެ ތަނުގައި ފޮރުވާފައި ހުންނަ ތަކެތި ވަގަށް ނަގާ ކަމުގެ ތުހުމަތާ އެވެ. އެކަމަކު މައިގަނޑުކޮށް އެ ޕަމްޕްހައުސްތަކަށް ވަންނަނީ ކައިރި ސަރަހައްދެއްގެ ޑީލަރެއްގެ އަތުން ލިބޭ މަސްތުވާތަކެތި ބޭނުންކުރާށެވެ.
"ދަންވަރު އާންމުކޮށް ފެނޭ ޕެޓްރޯލްކުރަން ނިކުންނަ ފުލުހުންވެސް ވަކިވަކިން ލައިޓް އަޅުވައިގެންވެސް އެތަންތަން ބަލާތަން. އަޑު ވެސް އިވޭ، ފެންނަން ވެސް ފެނޭ އެކަންކަން،" ނެއިބާހުޑް 2 ގައި ދިރިއުޅޭ ޝަމްއާން ނަމަކަށްކިޔާ މީހަކު ކިޔައިދިނެވެ.

ހުޅުމާލޭގެ އުފާވެރި ޖައްވު ވިހަވެ، ދިރިއުޅޭން ކަމުނުދާ ތަނަކަށް އިސާހިތަކު ބަދަލުވެގެން ހިނގައިދާނެ އެވެ.
އޭނާ ބުނި ގޮތުގައި އެތަންތަން އެހައި ގިނަވީމަ، ފުލުހުންނަށް ވެސް ކޮންމެ ޕަމްޕްހައުސްއެއް ވަކިވަކިން ނުބެލޭނެ އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ތިބޭ ވަގުތާ ދިމާނުވާނަމަ، އެތަނުގައި މަސްތުވާތަކެތި ބޭނުންކޮށް އުޅޭކަން ފުލުހުންނަށް އެނގުނު ނަމަވެސް، އެކަން ހުއްޓުވޭނެ ގޮތެއް ނެތްކަމަށް ޝަމްއާން ލަފާ ކުރެ އެވެ. އޭނާ ދެކޭ ގޮތުގައި އެކަން ހުއްޓުވަން އެޔަށް ވުރެ މާ ފަސޭހަ ގޮތެއް އެބަ އޮތެވެ.
"ކިހިނެއް އެނގޭނީ އެ ހުރިހާ ޕަމްޕްހައުސްއަކާ ގޮޅިތަކެއް ހުއްޓާ އޭގެ ތެރެއިން މި ވަގުތު މަސްތުވާތަކެތި ބޭނުންކުރަން ތިބޭނީ ކޮން ތަނެއްގައި ކަމެއް؟ އެވަރަށް ފާރަވެރިވުން ވާނީ ދަތި ކަމަކަށް. އެޔަށްވުރެ މާ ރަނގަޅުވާނެ އެޗްޑީސީން އެތަންތަނަށް ނުވަދެވޭ ގޮތަށް ތަޅު އެޅުވިއްޔާ،" ޝަމްއާން ބުންޏެވެ.
ގޭދޮށުން މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރަނީ ކޮން ފުލެޓްތަކެއްގައިކަން ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެނގެ އެވެ. އެމީހުންގެ އޮތް ސުވާލަކީ، ފުލުހުންނަށް އެކަންކަން ނޭނގެނީތޯ އެވެ.
"މިތަނުގައެއް ނޫން. އެކަމަކު އެހެރަ ޖެހިގެން ހުރި ބުލޮކުގައި...ޔަގީން. އެހެރަ ފްލެޓްގަ،" މަސްތުވާތަކެތި ވިއްކާކަމަށް ބުނެ އެއްކަލަ މުސްކުޅި އުމުރުފުރައިގެ ދައްތަ ދެ ތިން ފްލެޓެއް ވެސް ދެއްކި އެވެ. ކުރިން ވާހަކަ ދެއްކި ޝަމްއާން ވެސް އެ ބަހަށް ބާރު ދިނެވެ.
"އަހަރުތަކެއްވެއްޖެ މިކޮޅުގަ އުޅޭތާ. ފެންނާނެތާ ދެން ގެ ކައިރިން، ބެލްކަނީގަ ހުންނައިރުވެސް. އަހަރުމެންނަށް ފެނޭހަމަ ދަންވަރަށް، ދެން އެކި އެކި ވާހަކަ ވެސް އަޑުއިވޭ،" ޝަމްއާން ބުންޏެވެ.
އާންމުންގެ ސުވާލުތަކާއި ފާޑުކިޔުންތައް އެކަމުގައި ފުލުހުންނަށް އަމާޒުވެފައިވާއިރު، ފުލުހުންނަށް ވެސް އެކަންކަން ހުއްޓުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ހުޅުމާލޭގެ ދެ ފޭސްގައި 200 ހެކްޓަރު އެބަހުއްޓެވެ. ފޭސް އެކެއްގެ ނެއިބާހުޑް 1 އާ 2 ގައި މަސްތުވާތަކީގެ މައްސަލަތަކާއެކު ދެންހުރި ހުރިހައި މައްސަލަތަކަށް ވެސް އެޓެންޑްވާން ތިބީ މަދު ފުލުހުން ކޮޅެކެވެ.
އެކަން އެހެން އޮއްވައި އަނެއްކާ ފޭސް 2 އާބާދުވާން އެ ފެށީ އެވެ. ހިޔާ ފްލެޓްތަކަށް މީހުން އާބާދުވެ ނިމޭއިރު، ކޮންމެ ޓަވަރެއްގައި ކުޑަ ރަށެެއްގެ އާބާދީއަށް ވުރެ ގިނައިން މީހުން އުޅޭނެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނެއިބާހުޑް 1 އާ 2 އަށް ވެސް ވީ ގޮތަށް އަނެއްކާ ވެސް މަސްތުވާތަކެތީގެ އެ ވިޔަފާރި، އެ ސަރަހައްދަށް ވެސް ފުޅާ ވެގެންދާނެ އެވެ. މަސްތުވާތަކެތި އިތުރުވެފައިވާ މިންވަރު ދަނެގަނެވޭނެ ސީދާ ތަފާސްހިސާބެއް ނެތް ނަމަވެސް، އާއްމުންގެ ޝަކުވާތަކުން އެކަން ވަރަށް ސާފެވެ.
ހުޅުމާލެ ޕޮލިސްގެ ޑެޕިއުޓީ ހެޑް އޮފް އިންވެސްޓިގޭޝަން، އިންސްޕެކްޓަރ އަހުމަދު ވަހީދު ވިދާޅުވީ، ހުޅުމާލޭގައި މަސްތުވާތަކެތި ބޭނުންކުރާ ތަންތަނާއި، ވިއްކަައި ވިޔަފާރިކުރާ ތަންތަން ވެސް ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ރިޕޯޓް ލިބޭ ވަރަކުން އަބަދު ވެސް ފުލުހުން އެ މައްސަލަތަކަށް އެޓެންޑް ވަމުން ދާ ކަމަށެވެ. އެހެންނަމަވެސް، ޕެޓްރޯލް ކުރަން ޖެހޭ ސަރަހައްދުގެ ބޮޑުކަމާއި، ފުލުހުންގެ އަދަދު މަދުކަމަކީ ފުލުހުންނަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް އަހުމަދު ވަހީދު ވިދާޅުވި އެވެ.
"މަސްތުވާތަކެތި ބޭނުންކުރާކަމަށް ފާހަގަކުރެވިފައި ހުރި ލޮކޭޝަންތަކަށް ބަލާލާއިރުގައި، ހުޅުމާލޭގެ ޕާކުތަކާއި، ބީޗު ސަރަހައްދުގެ ބައެއް ރެސްޓޯރެންޓްތަކާއި، ބައެއް ހުސްބިންތަކާއި، ބައެއް ފްލެޓްތައްވެސް ހިމެނޭ ގޮތަށް ބައެއް ލޮކޭޝަންތައް އަޅުގަނޑުމެންނަށް ފާހަގަކުރެވިފަ އެބަހުރި. ތިން ޕާކެއް އަދި ދިހަ ފްލެޓެއް ވިޔަފާރިކުރުމުގެ ކަންތައްތަކުގަ ބޭނުންކުރާކަމަށްވެސް ފާހަގަވެފަ އޮތީ" އިންސްޕެކްޓަރ ވަހީދު ވިދާޅުވި އެވެ.
އާއްމުކޮށް ހުޅުމާލެއަށް މަސްތުވާތަކެތި އެތެރެކުރާ ގޮތަކީ، ހުޅުމާލެ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކުންނާ ބްރިޖުން ކަން އިންސްޕެކްޓަރު ވަހީދު ވެސް ފާހަގަކުރެއްވި އެވެ. ސަފާރީތަކުން ބަނގުރާ އެތެރެކުރާއިރު، ބްރިޖުން މަސްތުވާތަކެތި އެތެރެކުރެ އެވެ.

ސިނަމާލެ ބްރިޖު ހުޅުވިފަހުން ހުޅުމާލެައަށް މަސްތުވާތަކެތި އެތެރެވާ މިންވަރު އިތުރުވެފައިވާކަން އާއްމުންގެ ޝަކުވާތަކުން އެނގޭ. ފޮޓޯ: އަދަދު
މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި އިންޓެލިޖެންސް ޑިޕާޓްމެންޓް، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އަދި ހުޅުމާލެ ޕޮލިހުން ގުޅިގެން "ޓާގެޓް އޮޕަރޭޝަންސް" ތައް ކުރިޔަށް ގެންދާކަން އިންސްޕެކްޓަރު ވަހީދު ފާހަގަކުރެއްވި އެވެ. ޓާގެޓް އޮޕަރޭޝަންތަކުގެ އިތުރުން، ފުލުހުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރާކަމަށް އިންސްޕެކްޓަރު ވަހީދު ވިދާޅުވި އެވެ.
އެހެންނަމަވެސް އެއީ ހަމަ އެކަނި އެކަންކަމުން މުޅި މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެން ދާނޭ ކަންކަމެއް ކަމުގައި ބަލައިގެން ނުވާނެ އެވެ. ހުޅުމާލެއަށް މަސްތުވާތަކެތި އެތެރެވާ ގޮތްތައް ވެސް އެބަ ހޯދެން ޖެހެ އެވެ.
އިންސްޕެކްޓަރު ވަހީދު ވިދާޅުވި ގޮތުން ހުޅުމާލެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެވަނީ، ސިނަމާލެ ބްރިޖާއި، ހުޅުމާލެ ފަޅުގައި އަޅަފައި އޮންނަ ސަފާރީތަކުން ކަން ވަނީ ހޯދިފަ އެވެ. އެހެންނަމަވެސް، ބްރިޖުން ދަތުރުކުރާ ކޮންމެ ކާރެެއް އަދި ސައިކަލެއް ހުއްޓުވައި ބަލާފާސްކުރުމަކީ ވެސް ކުރެވޭނޭ ކަމެއް ނޫނެވެ.
ހައްސާން އަލީ (އަސްލު ނަމެއް ނޫން) ބުނާ ގޮތުގައި އޭނާގެ އާއިލާ 2012 ވަނަ އަހަރު މާލެއިން ހުޅުމާލެއަށް ބަދަލުވިއިރު، އޭނާއަށް އެތަން ސިފަވެގެން ދިޔައީ ފޮރުވިފަ އޮތް ނިއުމަތެއްގެ ގޮތުގަ އެވެ.
އޭރު ވެސް އޭނާއަކީ މަސްތުވާތަކެއްޗަށް ގަދަޔަށް ދެވިހިފާފައި ހުރި މީހެކެވެ. އެކަމަކު، ހުޅުމަލޭގައި އޭނާ ދިރިއުޅޭ އެ ސަރަހައްދުގައި އޭރު އެންމެ ކުޑަމިނުން ފިހާރައެއްހާތަން ވެސް ނެތުމުން މާލޭގައި ގޭ ބުޑުން ލިބޭ މަސްތުވާތަކެތި ހުޅުމާލެއިން ނުލިބޭނެކަމަށް އޭނާ އުއްމީދު ކުރި އެވެ.
ހުޅުމާލެއަށް ބަދަލުވެވުމަކީ އެ ވަބާއާ ދުރަށް ދިއުމަށް ކޮށުނު މަގެއް ކަމުގައި އޭނާ ދުށްޓެވެ. އެކަމަކު މިދިޔަ 10 ވަރަކަށް އަހަރު ތެރޭ މަންޒަރު މުޅިން ބަދަލުވީ އޭނާގެ ލޯ ކުރިމަތީގަ އެވެ. މިހާރު އޭނާއަކީ އަނެއްކާވެސް މަސްތުވާތަކެތި ބޭނުން ކުރާ އެއަށް ދެވިހިފާފައި ހުރި މީހެކެވެ.
"ކުރިން ދާން ޖެހެނީ ނެއިބަރހުޑް 1 އަށް. އެތަނުން ލިބޭ. ދެން މިހާރު އެބަ ލިބޭ މިތާ ކައިރިން ވެސް. މިހާރު ހަމަ ވަރަށް ފަސޭހައިން ލިބޭނެ" ހައްސާން ބުންޏެވެ.
މާލޭގެ މަސްތުވާތަކެތީގެ މަައްސަލަ ކޮންޓްރޯލުން ނައްޓާލާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. މަސްތުވާތަކެތި ނުވިއްކާ، އަދި އެކަމުގެ އައްޑާއެއް ނެތް ސަރަހައްދެއް މާލޭގައި ވަރަށް މަދު ވާނެ އެވެ. އެކަމަކު ބްރިޖު ހުޅުވުމުގެ ކުރިން ހުޅުމާލެއަށް އެ ވަބާ ގެ އަސަރު ކުޑަ އެވެ.
ހުޅުވާލި ބްރިޖާއެކު ހުޅުމާލޭގައި މަޑުމަޑުން އާލާވަމުންދިޔަ އެ މުޑުދާރު ވިޔަފާރި، ފުޅާވެ ކޮންޓްރޯލުން ނެއްޓިގެން ދިޔައީ އެވެ. ހުޅުމާލެއަށް ހިޖުރަކުރި މީހުންނާއެކު، މާލޭގައި ހިނގަމުންދިޔަ އެ ވިޔަފާރި ވެސް ހުޅުމާލެއަށް ފެތުރި ފުޅާ ވީީ އެވެ. ފޭސް 2 ގައި މީހުން އާބާދުވަމުން ދާ ވަރަކަށް އެތަނަށް ވެސް އެ މައްސަލަތައް ފުޅާ ވާނެ އެވެ.
ހުޅުމާލެ އަކީ ތަރައްގީގެ ސަހަރެވެ. މޮޑާން ސިޓީ އެވެ. ދިރިއުޅެން ފަސޭހަ، ނޭވާލާނޭ ޖާގަ އޮތް ރަށެވެ. އުމްރާނީ ތަރައްގީގެ އެންމެ މަތީ ފަންތީގެ ރަށްތަކާ އެއްފަދަ އިމާރާތްތަކާއި، އެންމެ ޖަޒީރާވަންތަ ދިރިއުޅުން ވެސް ތަޖުރިބާކުރަން ލިބޭ ރަށެވެ. މުޅި ރާއްޖޭގެ އުއްމީދާ ގުޅިފައި އޮތް މަރުކަޒެވެ. ހުޅުމާލޭގެ އުފާވެރި މާހައުލު އެގޮތުގައި އޮންނާން އެދޭނަމަ، ގަދަ ކުރަމުން ގެންދާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވެން ޖެހެ އެވެ. އެހެންނޫންނަމަ، އެ މޮޑާން ސިޓީ ވެސް ބަދަލުވެގެންދާނީ ދެވަނަ މާލެއަކަށެވެ.












