ކޮންސްޓްރަކްޝަން ސިނާއަތް މިހާރަށް ވުރެ ހަރުދަނާކުރަން ގިނަ ލޭބަރުން ބޭނުންކޮށްގެން މަސައްކަތްކުރުން ދޫކޮށް އެ ސިނާއަތް މެކެނައިޒް ވާން ޖެހޭ ކަމަށް ކޮންސްޓްރަކްޝަން ވިޔަފާރިވެރިންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.
ކޮވިޑު ބަލިމަޑުކަމުގައި ކޮންސްޓްރަކްޝަން ސިނާއަތުގެ މުސްތަގުބަލާ ގުޅިގެން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޖަނާހު ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން ދާއިރާއަށް މި ވަގުތު ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.
އޭގެ ތެރޭގައި ބައިނަލްއަގުވާމީ ސަޕްލައި ޗޭނަށް ދިމާވެފައިވާ މައްސަލަތަކާއި، ކޮންސްޓްރަކްޝަން ސާމާނުގެ އަގު ބޮޑު ވުމާއި، ޑިމާންޑާ އެއްވަރަށް ސަޕްލައި ނުލިބުމާއި، ލޭބާ މާކެޓުގައި ހުރި މައްސަލަތައް އޭނާ ފާހަގަކުރެއްވި އެވެ.
ލޭބާ މާކެޓުގައި ބޭނުންވާ ވަރަށް ލޭބަރުން ނުލިބުމާއި ލޭބަރުން ގެނައުމުގައި ހުރި ދަތިތަކާ ގުޅިގެން ޖަނާހު ވިދާޅުވީ ކުރިން ކުރަމުން އައި ގޮތަށް "ލޭބާ އިންޓެންސިވް"ކޮށް މި މަސައްކަތް ކުރެވެން ނެތް ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް އިމާރާތްކުރުމުގައި މެޝިނަރީ ބޭނުންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް މިހާރު ނެތް ކުރީގަ އަޅުގަނޑުމެން އެ ވިސްނި ގޮތަށް ލޭބާ އިންޓެންސިވްކޮށް މިކަން ކުރެވޭކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އެބަޖެހޭ ބޮޑަށް މެކެނައިޒް ވާން،" ޖަނާހު ވިދާޅުވި އެވެ.
އެކަމަކު މިކަން ކުރަން ވިޔަފާރިތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ޖަނާހު ވިދާޅުވި އެވެ. އެގޮތުން މެޝިނަރީ ގެންނަން ޑިއުޓީ މާފުކުރުން ފަދަ މަންފާތަކެއް ވިޔަފާރިތަކަށް ދޭންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
"އިންސެންޓިވްތަކެއް ވެސް ކުންފުނިތަކަށް އެބަ ދޭން ޖެހޭ އަޅުގަނޑު ގަބޫލުކުރަނީ ޑިއުޓީ އެގްޒެމްޕްޝަންސްގެ އުސޫލުން މި މެކެނައިޒް ކުރުމަށް މެޝިނަރީ ގެނައުމާ މިކަހަލަ ކަންތައްތަކަށް،" ޖަނާހު ވިދާޅުވި އެވެ.
މިދިޔަ އަހަރު މަސީން ލަފާކުރީ ކޮވިޑާ ގުޅިގެން ކޮންސްޓްރަކްޝަން ސިނާއަތަށް 600 މިލިއަން ރުފިޔާ ގެއްލުން ވާނެ ކަމަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ދަށަށް ދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކޮންސްޓްރަކްޝަނަށް އައި ހީނަރުކަން ފާހަގަކުރެވެ އެވެ.
މި ދަތިތައް މިހެން ހުރި ނަމަވެސް، ޖަނާހު ވިދާޅުވީ އަންނަ އަހަރާއީ ޖެހިގެން އަންނަ އަހަރު ވެސް ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ އިގުތިސޯދު ފުޅާވާނެ ކަމަށެވެ. އަދި އެއާއެކު އެ އުފެދޭ ޑިމާންޑާ އެއްވަރަށް ކެޕޭސިޓީ އިތުރުކުރަން ކޮންސްޓްރަކްޝަން ދާއިރާގެ ދައުރު މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެކަންކަން ކުރެވޭނީ މިހާރު ހުރި މައްސަލަތައް ހައްލުކުރަން ދުރާލާ މަސައްކަތްކޮށްގެން ކަމަށާއި، އެހެން ނޫނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޖަނާހު ވިދާޅުވި އެވެ. އަދި އިމާރާތްކުރުމުގެ އަގު ބޮޑުވެ މުދަލުގެ އަގު ބޮޑުވާ ހާލަތެއްގައި އޭގެ ގެއްލުން ވާނީ އާންމު މީހާއަށް ކަން އޭނާ ފާހަގަކުރި އެވެ.
އެހެންކަމުން، މިއީ ދުރާލާ މަސައްކަތްކޮށްގެން ހައްލުކުރެވޭނެ ކަންކަމަށް ވާތީ ކޮންޓްރެކްޓަރުންނާއި ސަރުކާރާއި ކްލަޔަންޓުން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޖަނާހު ވިދާޅުވި އެވެ.
އަދި ވިދާޅުވީ، ކުރިން ހުރި ހާލަތަށް ކޮންސްޓްރަކްޝަން ސިނާއަތް އަނބުރާ ރުޖޫއަ ވާން ދެ ތިން އަހަރު ނަގާނެ ކަަމަށެވެ.











