މުޅި ރާއްޖޭގައި ފުޓްބޯޅައިގެ ޖީލުތަކެއް ބިނާކުރަން އެހީވާން ސަލްގާޑޯ ތައްޔާރު

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ޒުވާން ފުޓްބޯޅަ ކުޅުންތެރިން ޅަ އުމުރުން ފެށިގެން ހައި ޕާފޯމަންސް ސެންޓަރެއްގެ ތެެރެއިން ޑިވެލޮޕްވެގެން ސީނިއާ ފުޓްބޯޅަ އަށް ގެނެސްދީ ދިވެހި ފުޓްބޯޅައިގެ ޖީލުތަކެއް މަތީ ފެންވަރުގައި ތަމްރީނު ކުރުމުގެ މަސައްކަތާ ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯގެ ކްލަބް، ރިއަލް ހިސްޕަނިއާ އެފްސީން ހަވާލުވެއްޖެ އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި އިވެންޓެއްގައި ސަލްގާޑޯ ބުނީ މިދިޔަ ތިނެއް ނޫނީ ހަތަރު އަހަރު ކުރިން އެކި ގޮތްގޮތުން އެފްއޭއެމާ އެކު މަސައްކަތް ކުރެވުނު ކަަމަށެވެ. އަދި މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހަ އަހަރު ދުވަހަށް ކޮންޓްރެކްޓެއް ހަދައި ރާއްޖޭގެ ފުޓްބޯޅައިގެ ގްރާސްރޫޓުން ފެށިގެން ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަން ބޭނުންވީ ފުރިހަމަ ޔަގީންކަމާ އެކު ކަމަށް ސަލްގާޑޯ ބުންޏެވެ.

"ކަންކަން ފެށުން ކޮވިޑާ ހެދި ލަސް މިވީ. އަހަރެން ވަރަށް ފަހުރުވެރިކަމާ އެކު މި ޕްރޮގްރާމް މި އެނައުންސް ކުރަނީ. މިއީ ރާއްޖޭގެ ގްރާސްރޫޓަށް ކޮށްދޭން ބޭނުންވާ ކަމެއް. މިދިޔަ އެއް އަހަރާއި ބައިގައި ވެސް އަހަރެމެން މަސައްކަތްތަކެއް ކޮށްފިން. ރަނގަޅު ކޯޗުންތަކެއް ހޯދައި ކުރިއަށް އޮތް ހަ އަހަރަށް މި ރާވަނީ،" ސަލްގާޑޯ ބުންޏެވެ.

ފުޓްބޯޅަ ރަނގަޅު ކުރާނަމަ ފަށަން ޖެހޭނީ ގްރާސްރޫޓުން. ކުޑަކުދިންނަށް އިންވެސްޓްކުރި އެއްޗެއް މުސްތަގުބަލުގައި ފައިދާކުރާނީ. ގްރާސްރޫޓުން ފަށައިގެން ކަންކަން ބަދަލުނުކޮށެއް ސީނިއާ ނޭޝަނަލް ޓީމެއް ރަނގަޅެއް ނުކުރެވޭނެ - ސަލްގާޑޯ

ސަލްގާޑޯ ބުނީ ރާއްޖޭގައި ފުޓްބޯޅައިގެ ބޮޑު މަސައްކަތެއް ކުރަން ބަލާއިރު، ރާއްޖޭގެ ރަށްތައް އޮތްގޮތުން މީގެ ހުރި ޗެލެންޖްތައް ނުހަނު ބޮޑު ކަމަށެވެ. ހުރިހާ ރަށެއް އެއް ފަސްކޮށް އެއް ރަށެއްގެ ގޮތުގައި އޮތްނަމަ މި މަސައްކަތް ފަސޭހަވާނެ ކަމަށް އޭނާ ބުންޏެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަކޫ (ވ) އާއި ގައުމީ ޓީމުގެ ތަރި ދަގަނޑޭ (ކ) ސަލްގާޑޯއާ އެކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެކަމަކު، ހުރި އުނދަގޫތަކާ އެކު ވެސް މި މަސައްކަތް ކުރަން ސަލްގާޑޯ ބޭނުންވަނީ "ރަށްރަށުގައި ތިބި ޖަވާހިރެއް ފަދަ މޮޅެތި ކުޅުންތެރިން" ހޯދައިގެން ގެނެސް އެންމެ މަތީ ފަންތީގައި އެ ކުޅުންތެރިންގެ ހުނަރު ދައްކައިދޭން އެހީވެ، ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް ރަނގަޅު ކަންތައްތަކެއް ކޮށްދެއް ބޭނުންވާތީ ކަމަށެވެ.

މުޅި ރާއްޖޭގައި 18 އެކެޑަމީއެއް: ކަންކަން ރާވާނީ ސަލްގާޑޯގެ ހިސްޕާނިއާގެ ބެލުމުގެ ދަށުން

ހައި ޕާފޯމަންސް ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭ ސެންޓަރު އެންމެ ފުރަތަމަ ހިންގާއިރު، އެ ތަނަށް ހޮވޭ ކުދިން ނަގަން 18 އެކެޑަމީއެއް ހުޅުވާނެ އެވެ. މިތަންތަން ކުރިއަށް ގެންދާނީ ސްކޫލްތަކާ ނޫނީ އެކެޑަމީތަކާ ގުޅިގެންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި އަށް އެކެޑަމީ، އަތޮޅު ތެރޭގައި 10 އެކެޑަމީ ހުޅުވާނެ އެވެ. މީގެ ތެރެއިން އަތޮޅު ތެރޭގައި ހަދާ ދެ އެކެޑަމީ ހުންނާނީ އައްޑޫގަ އެވެ.

އެފްއޭއެއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ މި ރަށްތައް ކަނޑައަޅާފައި ވަނީ މިހާރު އެފްއޭއެމްގެ ބައެއް ޕްރޮގްރާމްތައް ހިންގާ ރަށްތަކާއި އާބާދީ އާއި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގެ މުހިއްމު މަސައްކަތްތައް ކުރެވި ކުޅުންތެރިން އުފައްދާ ރަށްރަށަށް އިސްކަން ދީގެންނެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ކަނޑައެޅި ރަށްތަކަކީ ހދ. ކުޅުދުއްފުށި، ނ. ކެނދިކުޅުދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކެވެ. އެފްއޭއެމުން ބުނީ މަސައްކަތް ފުޅާކުރެވޭ ވަރަކަށް ރަށްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިއަދުގެ އިވެންޓްގައި ސަލްގާޑޯ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސަލްގާޑޯ ބުނީ ރާއްޖޭގައި މި ކަންކަން މި ފަށަނީ ސުމަކުން ކަމަށެވެ. މީގެ އޮތް ފަސޭހައެއްގެ ގޮތުގައި ސަލްގާޑޯ ފާހަގަކުރީ މިކަމުގައި ފައުންޑޭޝަން އެޅޭގޮތް އެ މީހުންނަށް އެނގޭނެތީ ކުރިއަށް ދެވޭނެ މަގުވެސް ސާފުކޮށް ފެންނާނެތީ އެވެ.

"އަހަރެމެން މި ތިބީ ސްޕެއިނުގައެއް ނޫން ރާއްޖޭގައި. އެހެންވީމަ މިތަނުގެ ކަންކަން ބަލައި މިތަނުގެ އުސޫލާއި ސަގާފަތުގެ ތެރެއިން ކުރިއަށްދާނީ،" ސަލްގާޑޯ ބުންޏެވެ.

"ފަސް ލޯކަލް ކޯޗުން ހުންނާނެ ހައި ޕާފޯމަންސް ސެންޓަރުގައި ވެސް. 36 ލޯކަލް ކޯޗުން ޖުމްލަ އެކު އުޅޭނެ. ފަހަރެއްގައި ފުޅާވަމުންދާ ވަރަކަށް މި އިތުރު ވެސް ވެދާނެ. ލޯކަލް ކޯޗުން ތަމްރީން ކުރުމުގެ ކަންތައްތައް ވެސް ކުރިއަށްދާނީ އަހަރެމެންނާ އެކު،"

ސަލްގާޑޯ ބުނީ ސްކޫލް/އެކެޑަމީ 18 ތަނެއްގައި ފަށާއިރު މުޅި މަސައްކަތް ބެހިފައި އޮންނާނީ ތިން ކެޓަގަރީ އަކަށް ކަމަށެވެ. ފުރަތަމަ 18 އެކެޑަމީން އަންނަ ކުދިން ހައި ޕާފޯމަންސް ސެންޓަރަށް ނެގުމުގެ މަރުހަލާ އެވެ. ދެން އޮންނާނީ އެ ކުދިން ހައި ޕާފޯމަންސް ސެންޓަރުގައި ޑިވެލޮޕް ކުރުމެެވެ. އެންމެ ފަހުން އޮންނާނީ އެ ކުޅުންތެރިން ކްލަބްތަކާ ހަމައަށް ފޯރުކޮށްދިނުމެވެ.

އެންމެ ފުރަތަމަ ހަތް އަހަރުން ފެށިގެން 12 އަހަރުން ދަށާ ހަމަ އަށް އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރާނީ އެ ސްކޫލް ނޫނީ އެކެޑަމީ އަކުންނެވެ. މި ހުރިހާ އެކެޑަމީ އަކުން އައިސް 12 އަަހަރުން ދަށުގެ އެންމެ ރަނގަޅު ކުދިން އަންނާނީ ހައި ޕާފޯމަންސް ސެންޓަރަށެވެ.

"ކޮންމެ އަހަރަކު އަހަރެމެން މި ނަގަނީ 12 އަހަރުން ދަށުގެ އެންމެ މޮޅު 20 ކުޅުންތެރިން ހައި ޕާފޯމަންސް ސެންޓަރަށް. ހަފްތާއެއް ގޮތަށް އަހަރެމެން ޓްރެއިނިން ކުރަނީ. ކޮންމެ އުމުފުރާ އަކަށް ކޯޗެއް ބަހައްޓައިގެން. އެއީ 12 އަހަރުން ދަށުން ފެށިގެން 17 އަހަރުން ދަށާ ހަމައަށް އަހަރެމެން ބައިތިއްބާނަން އަހަރެެމެންގެ ހާއްސަ ކޯޗުންގެ އިތުރުން ފަސް ނެޝަނަލް ޓީމު ކޯޗުން ވެސް މީގެ ތެރޭގައި،" ސަލްގާޑޯ ބުންޏެވެ.

ހުޅުމާލޭގައި ހުރި ފުޓްބޯޅަ ހައި ޕާފޯމަންސް ސެންޓަރުގެ ކަންކަން ރޭވިފައި އޮތީ ހަމައެކަނި ޓްރެއިނިންގެ މައްޗަށް ނޫނެވެ. ފެންވަރު ރަނގަޅު ފިޒިއޯއެއްގެ ބެލުމުގެ ދަށުން ހަށިގަނޑު ބައްޓަން ކުރުމުގެ ކަންކަން ކުރިއަށްދާއިރު، ކުދިންނަށް އެތުލީޓެއްގެ ގޮތުގައި ޑިވެލޮޕްވާން ބޭނުންވާ ރަނގަޅު ކާނާ ފޯރުކޮށްދޭން ނިއުޓްރިޝަނިސްޓެއް ހުންނާނެ އެވެ. އަދި ޓްރެއިނިން މޮނިޓާ ކުރަން ރަނގަޅު ވީޑިއޯ އެނަލިސްޓެއް ވެސް ހުންނާނެ ކަމަށް ސަލްގާޑޯ ބުނެފައިވެ އެވެ.

ސަލްގާޑޯ ބުނީ މީގެ ދުރު ވިސްނުމަކަށް ބަލާއިރު އެންމެ މުހިއްމު ކަމަކީ ހައި ޕާފޯމަންސް ސެންޓަރުން ތަމްރީން ވެގެން ނުކުންނަ 17 އަހަރުގެ ކުޅުންތެރިންނަށް ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު މައްޗަށް ޖައްސާލެވޭގޮތްވުން ކަމަށެވެ.

އެ ގޮތުން ހައި ޕާފޯމަންސް ސެންޓަރުގެ އެންމެ ރަނގަޅު 20 ކުޅުންތެރިން ދިވެހި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ދެވޭނެ ގޮތެއް މަގުފަހިވެފައި އޮންނަން ޖެހޭކަން ސަލްގާޑޯ ފާހަގަކުރި އެެވެ.

"ރަނގަޅު ކުޅުންތެރިން ކްލަބްތަކަށް ދޭނީ އެ ކުޅުންތެރިއަކު އެންމެ ބޮޑަށް ކުރިއަރާނެ ގޮތްތަކަށް ބަލާފައި. ފަހަރެއްގައި ހައި ޕާފޯމަންސް ސެންޓަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ގޮސްފާނެ. ލީގުގެ އެންމެ ފުލުގައި އޮތް ޓީމަށް ވެސް. މީގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަހަރެެމެން ސީނިއާ ނެޝަނަލް ޓީމަށް ކުޅުންތެރިން ނެގުމުގައި ވަރަށް ރަނގަޅު ކުޅުންތެރިންގެ ޕޫލެއް އޮންނާނެ،" ސަލްގާޑޯ ބުންޏެވެ.

ސަލްގާޑޯ ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ކުރިއަށް އޮތް ހަ އަހަރު ތެރޭ ކުރެވޭ މަސައްކަތުން އޭނާ ބޭނުންވަނީ އަނެއްކާ ވެސް އިތުރު ހަ އަހަރު ރާއްޖޭގައި މަސައްކަތްކޮށް ފުޓްބޯޅަ ކުރިއެރުވޭތޯ ބެލުމަށް ކަމަށެވެ.

ޖެންގެ ބޯލް ރޫމުގައި މިއަދު ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

"އެކަން ކުރެވޭނީ ހަގީގީ ނަތީޖާ ވެސް ނެރެގެން. އަހަރެން މިތަނަށް މިއައީ ފޮޓޯއެއް ނަގާލައި ވީޑިއޯ ކޮށްލާކަށެއް ނޫން. އެކަން ކުރީ ކުރިން އައި ފަހަރުތަކުގައި. މި ފަހަރު މި އައީ މަސައްކަތް ކުރަން. ފުޓްބޯޅަ ލެޖެންޑަކަށް ވިޔަސް އަހަރެން މިއައީ މަަސައްކަތްކޮށް މި ގައުމުގެ ފުޓްބޯޅަ ކުރިއަރުވަން. ކޮންމެ މަހެއްގައި އަހަރެން އައިސް ހުރިހާ ކަމެއް ދާ ގޮތް ބަލާނަން،" ސަލްގާޑޯ ބުންޏެވެ.

ހައި ޕާފޯމަންސް ސެންޓަރުގައި ވެސް ކަންކަން އެންމެ ރަނގަޅުކުރަން ކުރަން ޖެހޭ ބޮޑު ކަމަކީ އިންޓަނޭޝަނަލް ފުޓްބޯޅަ ކުޅެވޭނެ ގޮތެއް ހޯދުންކަން ސަލްގާޑޯ ފާހަގަކުރި އެވެ. އެކަން ކުރުމެއް ނެތި ރާއްޖެ އަށް ކުރިއަށް ނުދެވޭނެ ކަމަށާއި ހައި ޕާފޯމަންސް ސެންޓަރުގެ ކުޅުންތެރިން ޔޫރަޕަށް ވެސް އޭޝިއާގެ އެކި ސަރަހައްދުތަކަށް ވެސް މުބާރާތް ކުޅެން ދާނެ ކަމަށް ސަލްގާޑޯ ބުނެފައިވެ އެވެ.

އިތުރު ދެ ސަރަަަހައްދެއްގައި ހައި ޕާފޯމަންސް ސެންޓަރުތަކެއް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ވަގުތު ހުޅުމާލޭގައި ހުރި ހައިޕާފޯމަންސް ސެންޓަރު ކަހަލަ ދެ ތަނެއް އައްޑޫ އާއި ކުޅުދުއްފުށީގައި ގާއިމްކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އެތަންތަން ހުޅުވިގެން ދިއުމުން ހަމައެކަނި ހުޅުމާލޭ ހައި ޕާފޯމަންސް ސެންޓަރުން ކަންކަން ކުރުމުގެ ބަދަލުގައި ހުރިހާ ކަމެއް އޮންނާނީ މުޅި ރާއްޖެ އަށް ފުޅާވެފައި ކަމަށް ބައްސާމް ވިދާޅުވި އެވެ.

"މަގުސަދަަކަށް މި އޮތީ މުޅި ރާއްޖެ ޝާމިލުވާ ގޮތަށް މި ޕްރޮގްރާމްތައް ހިންގުން. ބޭނުމަކީ މި އޭރިއާތަކުން ކުޅުންތެރިން ޓްރެއިން ވެގެން އެންމެ ރަނގަޅު ކުޅުންތެރިން ސިލެކްޓް ވެގެން އައުން،" ބައްސާމް ވިދާޅުވި އެވެ.

"ހައި ޕާފޯމަންސް ސެންޓަރުގެ ތެރޭގައި 100 ކުދިންގެ ޖާގަ އިންނާނެ. ހަފްތާ ބަންދުގައި އާއިލާ ކައިރިއަށް ދިއުުމުގެ ކަންކަން އޮންނާނީ. އެ ގޮތަށް ރޭވިގެން އަންނާނީ އަތޮޅު ތެރޭގައި މި ޕްރޮގްރާމް ފެށިގެންދާއިރު ބެލެނިވެރިންނާ ވެސް މަޝްވަރާ ކުރެވިގެން ދާނެ މީގެ ކަންތައްތައް ހިނގާނެ ގޮތް،"

ހައި ޕާފޯމަންސް ސެންޓަރުގައި ކުދިންގެ ހުރުމާއި ކެއުމާއި ކިޔެވުން ވެސް ކުރިއަށްދާނެ އެވެ. އަދި ކިޔެވުން ކުރިއަށްދާނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަންގެ ބެލުމުގެ ދަށުން ހެދޭ ހާއްސަ ކަރިކިއުލަމެއްގެ ދަށުންނެވެ.

ބައްސާމް ވިދާޅުވީ މިހާރު ވެސް ކްލަބްތަކުގައި ކްލަބް ލައިސަންސިންގެ ތެރެއިން މި އޮންނަ އެކެޑަމީތައް ކުރިއަށްދާނެ ކަމަށެވެ. އަދި ކްލަބް ލައިސަންސިންގައި ބުނާ ޒުވާން އުމުރުފުރާގެ ޓިީމުތައް އޮންނަން ޖެހޭއިރު، އެފްއޭއެމުން މި މަސައްކަތް ފެށީ ބޮޑަށް އަތޮޅު ތެެރެއަށް ކަމަށެވެ.

"ހައިޕާފޯމަންސް ސެންޓަރަށް އަންނަން ޖެހޭ ކުއްޖަކު މީގެއިން ކްލަބެއްގައި ހުރެފިނަމަ ދެ ފަރާތް ވާހަކަ ދެކެވިގެން ޕްލޭނެއްގެ ތެރެއިން ކުރިއަށްދާނީ،" ބައްސާމް ވިދާޅުވި އެވެ.

މި މަސައްކަތްތަކުގެ ތެރެއިން ކުދިންނަށް ހާއްސަ މުބާރާތްތައް ފެނިގެންދާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. ހައި ޕާފޯމަންސް ސެންޓަރުގެ ކުދިންނަށް ހާއްސަ ކޮށްގެން މާލޭގެ އިތުރުން ގައުމުން ބޭރުގައި ސްޕެއިނާއި ދުބާއީގައި ވެސް މުބާރާތް ބާއްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox