ރޯމް (18 އޮކްޓޯބަރު) - ނިއުކާސަލް ޔުނައިޓަަޑަކީ އޭނާ އަށް ހާއްސަ ކްލަބަކަށް ވިޔަސް، ރޯމާގެ ކޯޗުކަން ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ނިއުކާސަލް ގަތުމާއެކު، އެ ޓީމަށް އާ ކޯޗެއް ހޯދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނިއުކާސަލްގެ ކޯޗުކަަމާ މޮރީނިއޯ ހަވާލުވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މީޑިއާ އިން ސުވާލުކުރުމުން މޮރީނިއޯ ބުނީ "ނިއުކާސަލްއާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތް" ކަމަށެވެ.
އެހެން ނަމަވެސް، ނިއުކާސަލްގެ ކުރީގެ ކޯޗު އަދި ފުޓްބޯޅަ ލެޖެންޑް ބޮބީ ރޮބްސަންއާ އެކު ކުރިން މަސައްކަތްކުރެވުމާ އެކު، ނިއުކާސަލް އަށް އޭނާގެ ހިތުގައި ވެސް ހާއްސަ ގަދަރެއް ދެވިފައިވާ ކަމަށެވެ.
"ނިއުކާސަލްގެ ތާރީހުގައި އެންމެ މުހިންމު އެކަކު ކަމަށްވާ ބޮބީ ރޮބްސަންއާ އެކު މަސައްކަތް ކުރެވުނީމަ، އެ ކްލަބާއި ސަޕޯޓަރުން އަދި އެ ސިޓީއާ މެދު ހާއްސަ ގޮތެއް އެބައޮތް. އެކަމަކު އިތުރު ކަމެއް ނެތް،" ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ އަކީ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު އެ ޓީމު ގަތް ފަހުން ފުރަތަމަ ގެނައި ކޯޗެވެ. މޮރީނިއޯ ވަނީ އެ ޓީމަށް 50 އަހަރު ފަހުން އިނގިރޭސި ލީގުގެ ތަށި ހޯދައިދީފަ އެވެ. އޭގެ ފަހުން ވެސް ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ލީގު ޗެމްޕިއަންކަން ހޯދައިިދިނެވެ.
ރޯމާގެ ކޯޗުގެ ގޮތުގައި ފުރަތަމަ ސީޒަން ހޭދަކުރަމުންދާ މޮރީނިއޯ ބުނީ އެ ކްލަބުގައި އޭނާ މަސައްކަތްކުރަމުން ދަނީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އަދި ރޯމާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. ލީގުގައި ރޭ ރޯމާ ވަނީ ޔުވެންޓަސް އަތުން 1-0 އިން ބަލިވެފަ އެވެ. މިއީ ލީގުގައި އެ ޓީމު ބަލިވި ތިން ވަަނަ މެެޗެވެ. -- ސްކައި ސްޕޯޓްސް












