މާލެ އިން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗަކުން ކަނޑަށް ވެއްޓުނު އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ކުއްޖާގެ އިތުރުން އިތުރު ދެ މީހަކު ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓް ކައިރިން ނެގި ރާޅެއްގައި ޖެހިގެން ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ފެނިފައިވާ ކަމަށެވެ.
"ހަތަރު އަހަރުގެ ކުއްޖާ އަދިވެސް ނުފެންނަ ކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުންޏެވެ.
އެ ލޯންޗު މިހާރު ވަނީ އެންމެ ކައިރީގައި އޮތް ކ. ގުރައިދޫ ފަޅުތެރެއަށް ވައްދައިފަ އެވެ.
މިއީ މިއަދު ކަނޑުމަތީގައި ހިނގައިދިޔަ މިފަދަ ދެވަނަ ހާދިސާ އެވެ. މިއަދު މެންދުރުގެ ވަގުތެއްގައި އެމްޕީއެލްގެ ޕައިލެޓް ބޯޓެއްގެ ހަލް ފަޅައިގެންދިޔުމުގެ ހާދިސާއެއް ވެސް ވަނީ ހިނގާފަ އެވެ.

މިއަދަކީ އިންތިހާ އަށް ވައިގަދަ، ވިއްސާރަ ދުވަހެއް ކަމުން އެމްއެންޑީއެފުން އަންނަނީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ނަސޭހަތްތެރިވަމުންނެވެ.













