މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ޖެހޭ މިންވަރު އިތުރުވަމުން ދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
މި މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 11008 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. އިންފްލުއެންޒާ އަށް މި މަހު ޓެސްޓް ކުރި 432 ސާމްޕަލްގެ ތެރެއިން 192 ސާމްޕަލް ޕޮޒިޓިވް ވެފަ އެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ އަށް ޓެސްޓު ކުރެވުނު 1198 ސާމްޕަލުގެ ތެރެއިން 365 ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.
އެޗްޕީއޭން ވަނީ އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނަކަން ފާހަގަ ވާތީ، މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މި ދުވަސްވަރު ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.
އަދި ކޮވިޑް ބަލިމަޑުކަމެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ އަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން، ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
- 5 އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދިގުމުއްދަތަށް ފަރުވާ ދޭންޖެހޭ ފަދަ ބައްޔެއް ޖެހިފައިވާ މީހުންނާއި، މާބަނޑުމީހުން، ދިފާއީ ނިޒާމު ބަލިކަށި މީހުން، އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކޮށް ސިއްހީ ފަރުވާ ހޯދުން.
- އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލްގެ އާއްމު އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުން.
- ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރުން.
- އާއްމު ތަންތަނުގައި އަބަދުވެސް މާސްކް އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް ރަނގަޅަށް މާސްކް އަޅައިގެން އުޅުން.
- ރޯގާގެ އަލާމާތެއް ހުރިނަމަ ގޭތެރޭގައި ވެސް މާސްކް އަޅައިގެން އުޅުން. (ހާއްސަކޮށް ގޭގައި ކުޑަކުދިން ނުވަތަ އުމުރުން ދުވަސްވީ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށި މީހުންނާ ދުރުގައި އުޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން އަދި މާސްކް އަޅައިގެން ނޫނީ އެމީހުންނާ ގާތް ނުވުން.)
- ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އޮފީސް އަދި ސްކޫލް ފަދަ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން. (ކޮވިޑަށް ނެގެޓިވްވީ ކަމުގައި ވިޔަސް، ރޯގާގެ އަލާމާތްތައް ރަނގަޅުވަންދެން ގޭގައި މަޑުކުރުން.)
- ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް ކުޑަކުދިންނާއި ބަލި މީހުން ކައިރިޔަށް ނުދިއުން.
ރޯގާ އާއި އިންފުލުއެންޒާ ޖެހިގެން މި މަހު ރިޕޯޓު ކޮށްފައިވާ މިންވަރު އިތުރު ވެފައިވާއިރު، އޮގަސްޓް މަހާ އަޅާ ބަލާއިރު ސެޕްޓެމްބަރު މަހު ރިޕޯޓްކުރި މިންވަރު 60 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ. ވޭތުވެ ދިޔަ ތިން އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު މަދު ކަމަށެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.













