150 ދުވަހަށްފަހު ނަޝީދު ރާއްޖެއަށް: ސަޕޯޓަރުން އުފަލުން!

150 ދުވަހަށްފަހު ނަޝީދު ރާއްޖެއަށް: ސަޕޯޓަރުން އުފަލުން!

އުޑުމަތި ބަނަކޮށް އޮތް މި ދުވަހު ގާތްގަނޑަކަށް 50 އަށް ވުރެ ގިނަ ސަޕޯޓަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގްވާމީ ޓާމިނަލުން ނުކުމެގެން ޑޮމެސްޓިކަށް ދާން އޮންނަ ތަޅުންއެޅި މަގުގެ ކޮޅުގައި މަޑުކޮށްލައިގެން އިންތިޒާރުގައި ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު, 151 ދުވަހަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާތަން ދެކިލާށެވެ.

މޭ ހަވަނަ ދުވަހު ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ފަރުވާއަށް ރާއްޖޭން ބޭރުގައި ފަސް މަސް ހޭދަކުރެއްވުމަށްފަހު ނަޝީދު މިއަދު ރާއްޖެ ވަޑައިގަތުންވީ ސަޕޯޓަރުންނަށް ޖޯޝާއި ފޯރިން ހިތް ފުރާލި ކަމަކަށެވެ.

ވަރުގަދަ ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ލިބި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިއިރު އެއާޕޯޓްގެ ސެކިއުރިޓީ އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ. އެތަނުގެ ސެކިއުރިޓީ މިހާ ވަރުގަދަކޮށް އޮންނަނީ މަދު ފަހަރެއްގަ އެވެ.

އެމްއެންޑީއެފާއި، އާދައިގެ ޔުނިފޯމުގައި ތިބި ފުލުހުންނާއި، ކަޅު ހެދުމުގައި ތިބި އެސްޕީޖީ އޮފިސަރުންނާއި، އެސްއޯ ފުލުހުން އެކި ތަންތަނުގައި ސްޓޭޝަންވެފައިތިބިއިރު، އެއާޕޯޓުގެ ވީއައިޕީ ލައުންޖްގެ ދޮރުމައްޗަށްވާ ގޮތަށް 10 ވަރަކަށް ވެހިކަލް ރޮނގަކަށް އަތުރާލާފައި އޮތެވެ.

އޭގެ ތެރޭގައި ނަޝީދަށް މަރުހަބާ ދަންނަވަން ވަޑައިގަތް އެމަނިކުފާނުގެ ގާތް އެކުވެރިޔާ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑުގެ ވެހިކަލްތައް ވެސް ހިމެނޭއިރު، އެވަގުތު ދެ ބޭފުޅުން ދިޔައީ މާމަހި އެގްޒެކިޓިވް ލައުންޖްގެ ތެރޭގައި ވާހަކަ ދައްކަވަމުންނެވެ.

އެކި ފަންތީގެ އެ އޮފިސަރުންގެ މޫނުތައް މަތިން ސީރިއަސްކަމާއި ވިސްނުމުގެ ނަޒަރަކުން އެތަނުގައި ތިބި އާއްމުންގެ މޫނަށް ބަލަންތިބި ތަން ފެނެ އެވެ. އެ ސަރަހައްދުގައި ގާތްގަނޑަކަށް 40 އަކަށް ސަޕޯޓަރުން ނޫން އާއްމުން ވެސް ބަލަން ތިބިއިރު، އޭގެ ތެރޭގައި ބޭރުގެ ގިނަ ބަޔަކު ވެސް ހިމެނެ އެވެ. އެންމެންގެ ވެސް ލޯ ހުއްޓިފައި ހުރީ ވީއައިޕީ ލައުންޖަށެވެ.

ގިނަ އޮފިސަރުން ދިޔައީ ޓޯކީން އެކި ކަންކަން ރިޕޯޓްކޮށް މައުލޫމާތު ބަދަލުކުރަމުންނެވެ. ބައެއް އޮފިސަރުން ދިޔައީ އެ ސަރަހައްދުގައި ސަޕޯޓަރުން ނޫން ދެން ތިބި 20-40 އަކަށް އާއްމުން ވަކި ހިސާބަކަށް ދުރުކުރުމުގެ މަސައްކަތުގައި އުޅެމުންނެވެ. އެއްވެސް އާއްމު މީހަކަށް އަދި ސަޕޯޓަރަކަށް ވެސް ވީއައިޕީ ލައުންޖާއި 50 ފޫޓަށް ވުރެ ކައިރި ވުމުގެ ހުއްދައެއް އެ އޮފިސަރުންނެއް ނުދޭއިރު، އަނެއްބައި އޮފިސަރުން ދިޔައީ ވީއައިޕީ ލައުންޖް އިންނަ އެއާޕޯޓުގެ މައި ބޮޑު މަގުން ދަތުރުކުރާ އާއްމު ވެހިކަލްތައް މަޑުކުރުވައި އެއް ފަރާތަށް އެރުމަށް އަންގަމުންނެވެ.

ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން ވަޑައިގަތް ސަރުކާރުގެ އިސް ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ނިކުމެވަޑައިގަތުމަށް ވަގުތު ކައިރި ވަމުން ދިޔަ ވަރަކަށް ސެކިއުރިޓީގެ ކަންކަން ވެސް ދިޔައީ އިތުރަށް ސީރިއަސްވަމުންނެވެ.

ވީއައިޕީ ލައުންޖުގައި ދެ ރައީސުން ދެއްކެވީ ކޮން ވާހަކައެއްކަމެއް ނޭނގުނުނަމަވެސް، ރައީސް ނަޝީދު ވަޑައިގަތް މަތިންދާބޯޓު ޖެއްސިތާ ބައިގަޑިއިރެއް ފަހުން އެ ދެބޭފުޅުން ވެސް ނިކުމެވަޑައިގަތީ ހިނިތުންވެވަޑައިގެންނެވެ. ކައިރީގައި ހުންނެވި މަޖިލިސް ނައިބު ރައީސް އީވާގެ މޫނު މަތިން ވެސް ފެނުނީ އުފާވެރިކަމެވެ.

ނަޝީދާއި ރައީސް ވެސް މާމަހި ލައުންޖުން ނިކުމެވަޑައިގަތުމާއެކު ސަޕޯޓަރުންގެ އަޑުގަދަވެ، އުފަލުން ފޮޅިގެން ދިޔަ ކަހަލަ އެވެ. ދެ ބޭފުޅުންގެ ނަޒަރު ވެސް ސަޕޯޓަރުންނަށް ހުއްޓުނު ގޮތަށް ދެ ބޭފުޅުން ވެސް ފެއްޓެވީ ސަޕޯޓަރުންނަށް ހަނާއަޅުއްވާށެވެ. އެގޮތަށް މަދު ވަގުތުކޮޅަކަށްފަހު ދެ ބޭފުޅުން ވެސް ކުރިމަތިލީ ވީއައިޕީ ލައުންޖް ކުރިމަތީގައި އޮތް ރައީސް ނަޝީދުގެ ހުދު ކާރުކޮޅާ ދިމާލަށެވެ. ރައީސް ސޯލިހު އަތްޕުޅުން އިޝާރާތް ކުރެއްވީ ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތުމަށެވެ.

ދެ ބޭފުޅުން ވެސް ކުރު ސަލާމެއް ކުރުމަށްފަހު، ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތްއިރު ވެސް ރައީސް ސޯލިހު ކައިރީގައި ހުއްޓެވެ. އަދި ރައީސް ނަޝީދުގެ ކާރުކޮޅު ލައުންޖް ކުރިމަތިން ފުރިހަމަ އަދި ވަރުގަދަ ސެކިއުރިޓީއާއެކު ދަތުރުކުރަން ފެށުމާއެކު ފަހަތުން އެމްއެންޑީއެފްގެ ސެކިއުރިޓީ ވެހިކަލްތައް ވެސް ވަގުތުން ނައްޓާލި އެވެ. ރައީސް ސޯލިހާއިއެކުގައި ލައުންޖް ކުރިމަތީގައި ތިއްބެވި ސަރުކާރުގެ އިތުރު އިސްވެރިންނާއި އެކު ރައީސް ސޯލިހު ވެސް ވަޑައިގަތީ ކާރުކޮޅާ ދިމާލަށެވެ.

އެއާއެކު ސަޕޯޓަރުންގެ ކުރިމަތިން ނަޝީދުގެ ކާރުކޮޅު ދިޔަ ވަގުތު އަނެއްކާ ވެސް ސަޕޯޓަރުންގެ އަޑުގަދަވެގެން ދިޔަ އެވެ. ނަޝީދު ވީއައިޕީ ލައުންޖުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގެން ނައްޓާލުމާއި ދޭތެރޭ ފަސް ވަރަކަށް މިނެޓުވެސް ހޭދަނުވިއިރު، އެވަގުތުކޮޅު ހީވީ މުޅި އެއާޕޯޓު ހުއްޓުމަކަށް އަރާފައި އޮތް ވަގުތުކޮޅެއް ހެންނެވެ. އެތަނަށް އައިސް ތިބި ނަޝީދުގެ ސަޕޯޓަރުންނަށް އެވަގުތުކޮޅުވީ އައި އީދަކަށެވެ.

އެތަނުގައި ހުރި ނަޝީދުގެ ގިނަ ދުވަސްވީ ސަޕޯޓަރެއްކަމުގައިވާ އަބްދުލް ލަތީފް ޓެކްސީއަކަށް އަރަން މަދުކޮށްލައިގެން ހުރުމަށްފަހު، ކޮނޑުގައި އަތް ބާއްވާލާފައި ބުނެލީ ރައީސް ނަޝީދުގެ އެނބުރި އައުމާއެކު ދުވަހަކު ވެސް އުފާނުވާހާ ވަރަށް އުފާވި ކަމަށެވެ. އުމުރުން 79 އަހަރުގެ ލަތީފް ރައީސް ނަޝީދު ދެކިލަން އެއާޕޯޓަށް ދިޔައީ އެމްޑީޕީ އާއި ރައީސް ނަޝީދު ވެސް އެންމެ ރަނގަޅަށް ރަމްޒުކޮށްދޭ ރީނދޫ ކުލައިގެ ގަމީހެއްގަ އެވެ.

"ދެން މިކޮޅުން ދިމާނުވީމަ އެންމެ ދެރައީ، އިރާދަކުރެއްވިއްޔާ އަދި އެކޮޅުން (މާލެއިން) ދިމާވާނެ،" އަބްދުލް ލަތީފް އުއްމީދީ ހިނިތުންވުމަކާއެކު ބުންޏެވެ.

ކައިރީގައި ހަމަ ރީނދޫ ކުލައިގެ ހެދުމެއްގައި ހުރި ލަތީފްގެ އަންހެނުންގެ ޝުއޫރު ވެސް ހުރީ މިހެންނެވެ. ނަޝީދު ފަސް މަހަށްފަހު ހަމަލޮލަށް އަނެއްކާ ވެސް ފެނިލުމުން އޭނާ ވެސް ހުރީ އުފަލުން ފެންކަޅިވެފަ އެވެ.

"އަހަރެމެންނަށް އޭނަ ފެނިލަން ހަމައެކަނި ބޭނުމީ، އެވަރުން ވެސް ފުދޭ ހަމަ،" އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox