އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ހަވީރު ދިވެހިރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗަށް އާއްމުކޮށް ވިއްކަން ހުޅުވާލި ޓިކެޓުތައް ވިކި ހުސްވުމުން، ހާއްސަ ކެޓަގަރީން 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކަން އެފްއޭއެމުން ނިންމައިފި އެވެ.
ގަލޮޅު ދަނޑުގައި 10،000 ޖާގަ އޮތަސް ކޮވިޑާއި ދަނޑުގެ ސަލާމަތީ ސަބަބުތަކާ ހެދި ވިއްކަނީ 5000 ޓިކެޓެކެވެ. އެފްއޭއެމުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އޭގެ ތެރެއިން 2500 ޓިކެޓަކީ ކުޅުންތެރިންގެ އާއިލާ އާއި ސްޕޮންސަރުންނާއި ކްލަބްތަކަށް ވިއްކާ ޓިކެޓުތައް ކަމަށެވެ.
އެކަމަކު އާއްމުންނަށް ވިއްކަން ހުޅުވާލި ޓިކެޓްތައް ހުސްވުމުން އެ 2500 ޓިކެޓުގެ ތެރެއިން 1000 ޓިކެޓް ވިއްކަން ނިންމީ ކަމަށް ބުންޏެވެ.
"މި 1000 ޓިކެޓު ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 20:00 ގައި ސޯޝަލް ސެންޓަރުގައި،" ބަޔާނުގައިވެ އެވެ.
އާއްމުންނަށް ޓިކެޓް ވިއްކަން ފަށަން އޮތީ ހެނދުނު 10 ޖެހިއިރު އެވެ. ވިއްކަން ފެށިތާ މާގިނަ އިރުތަކެއް ނުވަނީސް ޓިކެޓް ވިކި ހުސްވީ ކަމަށް ބުނެ ކައުންޓަރު ބަންދުކުރި އެވެ. އެއާ އެކު ޓިކެޓު ގަންނަން ގޮސް ތިބި ދިވެހީން ނުރުހުން ފާޅުކޮށް ޓިކެޓު ކައުންޓަރު ވަށާލި އެވެ. އަދި އެތަނުން ބައެއް މީހުން ވަނީ ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ސިޑިބަރިތަކަށް އަރައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ. އަނެއް ބަޔަކު ދިޔައީ ދަނޑު ބޭރުގައި އިށީނދެ ތިބެގެން ނުރުހުން ފާޅުކުރަމުންނެވެ.

ރީބައިގައި ޓިކެޓު ގަންނަ ގިނަ ބަޔަކު ކިއުއަށް އަރާފައި ވަނީ އެންމެ ފަހުން ކުޅުނު ރާއްޖެ އާއި ބަގްލަދޭޝް މެޗުގެ ޓިކެޓްތައް ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުސްވެ، ކަޅު ބާޒާރުގައި ބޮޑު އަގުގައި ވިއްކާފައި ވާތީ އެވެ.
އެފްއޭއެމްގެ އުސޫލުގައި ވާގޮތުން ކޮންމެ މީހަކަށްވެސް ދޫކުރަނީ ގިނަވެގެން 5 ޓިކެޓެވެ. ޓިކެޓު ދޫކުރަނީ އެ އައިޑީކާޑާއި، ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކާޑްދެއްކުމުންނެވެ.











