ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 7) - ޗައިނާ އަށް ބެލުމެއް ނެތި އެމެރިކާގެ ހާއްސަ ފައުޖާއި މެރީން ސިފައިން ޓައިވާނުގެ ސިފައިންނަށް ތަމްރީން ނަގައިދޭކަން ފަޅާ އަރައިފި އެވެ.
ވޯލް ސްޓްރީޓް ޖާނަލް ނޫހުން ބުނީ އެމެރިކާގެ 30 އެއްހާ ސިފައިން ޓައިވާނުގައި ތިބެ އެ ތަނުގެ ސިފައިންނަށް ތަމްރީނު ފޯރުކޮށްދޭތާ އަހަރެއް ވެއްޖެ ކަމަށެވެ.
އެ ނޫހުން އެ ވާހަކަ ލިޔުނީ ސިއްރު މަސްދަރުތަކާ ހަވާލަދީ އެވެ. ޓައިވާނުގެ ޑިފެންސް މިނިސްޓްރީން ވަނީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.

އެމެރިކާގެ ޕެންޓަގަން އިން އެ ހަބަރު ދޮގުކޮށްފައި ނުވާއިރު، ތަރުޖަމާނު ޖޯން ސަޕްލް ވިދާޅުވީ އެމެރިކާ އިން ޓައިވާނު ސިފައިންނަށް އެހީވަނީ ޓައިވާނުގެ ދިފާއީ ބާރު ވަރުގަދަ ކުރަން ކަމަށެވެ.
"އަޅުގަނޑުމެން ޓައިވާނަށް ފޯރުކޮށްދޭ އެހީ އާއި އެ ގައުމާއެކު ބާއްވާ ދިފާއީ ގުޅުން ބިނާވަނީ ޗައިނާގެ ފަރާތުން އޮތް ނުރައްކަލުގެ މައްޗަށް،" ސަޕްލް ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.
އެމެރިކާ އިން ދަނީ ޓައިވާނަށް ހަތިޔާރު ވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން މިސައިލާއި ފައިޓާ ޖެޓުތައް ފޯރުކޮށްދޭއިރު، ޓައިވާނުން ބުނަނީ ޗައިނާގެ ހަމަލާއެއް އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޗައިނާ އިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ. ނަމަވެސް ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. ބާރުގެ ބޭނުންކޮށްގެން ނަމަވެސް، ޓައިވާނު، ޗައިނާގެ ދަށަށް ގެންދަން ޗައިނާ އިން ބޭނުންވެ އެވެ.
މިދިޔަ ހުކުރު ދުވަހު ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރި ފަހުން ރިކޯޑު އަދަދަކަށް އެއް ފަހަރާ 150 އަސްކަރީ ޖެޓު ވަނީ ޓައިވާނުގެ ވައިގެ ދިފާއީ ޒޯނުން ދަތުރުކޮށްފަ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ ހަފުތާގައި ޓައިވާނުގެ އިދިކޮޅު ލީޑަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ގުޅުން ވަރަށް ގޯސްވެއްޖެ ކަމަށާއި ޓައިވާނު "ހިފުން ނުހުއްޓުވޭނެ" ކަމަށެވެ.










