އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އަނބިކަނބަލުން ގޭގައި ރޭގެ ވަގުތެއްގައި ބަޔަކު ރޯކޮށްލަން މަސައްކަތް ކޮށްފި އެވެ.
ފުލުހުން ވަނީ އެފަދަ ހާދިސާއެއްގެ މައުލޫމާތު މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ރޯކޮށްލަން އުޅެފައިވަނީ މެމްބަރު އަސްލަމް ވެސް ކުރިން ދިރިއުޅުއްވި ހިތަދޫގައި ހުންނަ ކޮމަންޑޫ ގޭގަ ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ ގެޔަކީ މެމްބަރު އަސްލަމްގެ އަނބިކަނބަލުންގެ ބައްޕަގެ ގެޔެކެވެ.
މެމްބަރު އަސްލަމްގެ އާއިލާ ބޭފުޅަކު މި ނޫހަށް ބުނީ އެ ގޭގައި ރޯކޮށްލަން މަސައްކަތްކޮށްފައިވަނީ ރޭ ނުވައެއް ޖަހާކަންހާއިރު އެވެ.
ރޯކޮށްލަން އުޅުނުކަން ފާހަގަވީ އެ ސަރަހައްދުގައި ހުރި އެހެން މީހަކަށް ބަޔަކު އެކަން ކުރަން އުޅުނުތަން ފެނުމުން ކަމަށެވެ. އެ ހާދިސާގައި ގޭގައި އެވަގުތު އެއްވެސް މީހެއް ނެތުމުން މީހަކަށް އަނިޔާ ނުވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާއިލާ މެމްބަރު ބުނީ ރޯކޮށްލަން މަސައްކަތްކޮށްފައިވަނީ ޕެޓްރޯލް އަޅައިގެން ކަމަށެވެ. އެހެން ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ރަނގަޅަށް ހުޅު ނުހިފާ އަލިފާންގަނޑު ނިވުނު ކަމަށް އޭނާ ބުންޏެވެ.
އެ ހާދިސާގައި ގެޔަށް މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް އެކަމަކު ގޭގެ މައި ދޮރާއި ކުޑަދޮރުތަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ބުންޏެވެ.
ފުލުހުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.












