މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝް ޓީމު، ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮންއާ ހަވާލުކުރުމަކީ ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝް ޓީމުގެ ކޯޗުކަމުން އިނގިރޭސި ކޯޗު ޖެމީ ޑޭ ވަގުތީ ގޮތުން ދުރުކޮށް އެ ގައުމުގެ ބަންޝުންދުރާ ކިންގްސްގެ ކޯޗު އަދި ދިވެހި ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އޮސްކާއާ ޓީމު ހަވާލުކުރީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށެވެ. މުބާރާތް ބޯމަތިވެފައި އޮއްވައި އެ ވަރުގެ ނިންމުމެއް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ގައުމީ ޓީމު ކޮމިޓީން ކުއްލިއަކަށް ނިންމި ސަބަބާ މެދު ބަންގްލަދޭޝްގެ މީޑިއާގައި ތަފާތު ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ސަލާހުއްދީން ވަނީ އިއްޔެ މެންދުރު ފަހު މާގިރި ހޮޓެލްގައި ސާފް ޗެމްޕިއަންޝިޕަށް އައި ބަންގްލަދޭޝްގެ މީޑިއާއާ ބައްދަލުކޮށް އެ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ.

ބަންގްލަދޭޝްގެ ޓްރެއިނިންއެއްގެ ތެރެއިން އެ ޓީމުގެ ކޯޗު އޮސްކާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ސަލާހުއްދީން ވިދާޅުވީ އޮސްކާއާ ޓީމު ހަވާލުކުރުމުގެ ފަހަތުގައި އޮތް ސަބަބުތައް ވެސް ސާފުވާނެ ކަމަށާއި ބޭނުންވަނީ ބަންގްލަދޭޝްގެ ފުޓްބޯޅަ ދަންނަ ކޯޗަކާ ޓީމު ހަވާލުކުރުން ކަމަށެވެ.
"އަހަރެމެން ދެން ކޯޗެއް ގެންނާނީ އަހަރެމެންގެ ޑޮމެސްޓިކް ލީގުން. ސަބަބަކީ އެ މީހުންނަށް މި ކުޅޭ ފުޓްބޯޅަ ތަރައްގީ ކުރެވޭނެ ސާފު މަންޒަރުތައް ފެންނާނީ. އެ ވިސްނުމުގައި އަހަރެން މި ވަގުތު އޮސްކާ މި ގެނައީ. އޮސްކާ އަށް ބަންގްލަދޭޝް ފުޓްބޯޅަ އާއި މި ސަރަހައްދުގެ ފުޓްބޯޅަ އެނގުމުގެ ފައިދާ މި މުބާރާތުގައި އެބަ ފެނޭ،" ސަލާހުއްދީން ވިދާޅުވި އެވެ.
ވަރުގަދަ ގައުމީ ޓީމެއް ބާއްވަން މަތީ ފެންވަރުގެ ވަސީލަތްތައް ވެސް ތަރައްގީވެފައި ހުންނަން ޖެހޭނެކަން ސަލާހުއްދީންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
އެ ގޮތުން ގައުމީ ޓީމު ކުރިއަށް ގެންދިއުމަށް ތަފާތު ވަސީލަތްތަކެއް އިންފްރާސްޓްރަކްޗާ އަށް ބެލިޔަސް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ސަލާހުއްދީން ވަނީ ވިދާޅުވެފަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުން ލަންކާ އަތުން 1-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ވަނީ 1-1 އިން ވަރުގަދަ އިންޑިއާއާ އެއްވަރުކޮށްފަ އެވެ. އޮސްކާގެ ކޯޗުކަމުގައި ބަންގްލަދޭޝް އިން ކުޅެމުން އަންނަނީ ކުރިން ކުޅޭ ސްޓައިލާ ތަފާތު ފުޓްބޯޅަ އެކެވެ.
ބަންގްލަދޭޝް އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދެން ކުޅޭ މެޗުގައި ނުކުންނާނީ ބުރާސްފަތި ދުވަހުގެރޭ ރާއްޖެއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ ބަންގްލަދޭޝަށް ފައިނަލާ ގާތަށް ޖެހިލެވޭނެ އެވެ.












