ބޭންކް އޮފް މޯލްޑިވްސް އިން އަހަރެންގެ ބޭންކް ކޮމިއުނިޓ ފަންޑުން ހަރަދު ކުރާނެ އިތުރު މަޝްރޫއުތައް ހާމަކޮށްފި އެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުން ހަރަދުކުރަން ހަމަޖެހިފައި ވަނީ ފަސް މަޝްރޫއަކަށެވެ. މި މަޝްރޫއުތައް ހޮވަނީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިންނެވެ.
މިއީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް އެހީތެރިވުމަށް ބީއެމްއެލް އިން ކުރާ މަސައްކަތެކެވެ.
މިފަހަރު ބީއެމްއެލް އިން ފަންޑުކުރުމަށް ހޮވާފައިވަނީ ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުމުގެ މަޝްރޫއަކާއި ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުމުގެ މަޝްރޫއެއްގެ އިތުރުން ވ. ފެލިދޫގައި ޕިކްނިކް އޭރިއާ އެއް ތައްޔާރުކުރުމުގެ މަޝްރޫއެއް އަދި ނ. މާޅެންދޫގައި މަސްކަނޑާތަނެއް ތަރައްގީކުރުމާއި ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ގާއިމްކުރުމުގެ މަޝްރޫއެވެ.
މި މަޝްރޫއުތަކާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވަނީ މިއީ މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒުގައި ބޭންކުން ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
މި މަސައްކަތަށް ހުށައެޅޭ ޕްރޮޖެކްޓްތަކުން އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު ފެނިގެންދާ ކަމަށް ސައީދު ފާހަގަކުރައްވަ އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ބީއެމްއެލް އިން ވަނީ މިހާތަނަށް 55 ރަށެއްގައި މިފަދަ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަން ފަންޑު ކޮށްދީފަ އެވެ.











