ލަންކާ އަތުން މޮޅުވެ، ނޭޕާލް އެއް ވަނަ އަށް

Oct 4, 2021, 6:11 PM
ލަންކާ އަތުން މޮޅުވެ، ނޭޕާލް އެއް ވަނަ އަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ސްރީލަންކާ އަތުން 3-2 އިން މޮޅުވެ، ނޭޕާލް ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ އަތުން ވެސް މޮޅުވި، ނޭޕާލް ވަނީ ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. ތާވަލްގެ ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝެވެ. އިންޑިއާ އެއް ޕޮއިިންޓާ އެކު އޮތްއިރު، ސްރީ ލަންކާ އާއި ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ފަސް ގައުމުން ވާދަކުރާ މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ ޓީމެވެ.

މި މެޗުގެ ނަތީޖާއާއެކު، ލަންކާ އަށް ވަނީ މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ.

މުބާރާތުގައި ކުޅިުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެފައި އޮތުމާއެކު، މިރޭގެ މެޗުން މޮޅެއް ހޯދުމަށް ލަންކާ އަށް އޮތީ މުހިންމުވެފަ އެވެ. އެހެންކަމުން، ލަންކާ އިން މެޗު ފެށީ އެޓޭކަށް ވިސްނައި، ނޭޕާލަށް ވަރަށް ބޮޑަށް ޕްރެސްކޮށްގެނެވެ.

ލަންކާ އަށް މާ ނުރައްކާތެރި ހަމަލާއެއް ނުއުފެއްދެނީސް، ނޭޕާލުން ފުރަތަމަ ހާފުގައި ފޮނުވާލި ދެ ހަމަލާއެއް ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފަ އެވެ. އެކަމަކު ސުޖަން އަށް ވެސް ނޭޕާލްގެ ހަމަލާތައް ހިފެހެއްޓުނީ މެޗުގެ 31 ވަނަ މިނިޓާ ހަމައަށެވެ.

ލަންކާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނޭޕާލްގެ ކުޅުންތެރިއެއް ފޮނުވާލި ބާރު ޝޮޓެއް ހުރަސް ދަނޑީގައި ޖެހިފައި ކުޑަ އޭރިޔާ ތެރެއަށް ފެނު ޖެހުނު ވަގުތު، ނޭޕާލްގެ ސުމަން ލާމާ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ލަންކާގެ ޕެނަލްޓީ އޭރިޔާ ބޭރުން ނޭޕާލަށް ލިބުނު ހިލޭޖެހުމަކުން، އަންޖަން ބިސްޓާ ގޯލުގެ މަތީ ކަނާ ދިމާލަށް ފޮނުވާލި ބޯޅަ، ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފަ އެވެ.

ނޭޕާލުން ލީޑު ފުޅާކުރީ މެޗުގެ 51 ވަނަ މިނިޓުގައި ނަވާޔުގް ޝްރެސްތާ ޖެހި ލަނޑުންނެވެ. ނޭޕާލްގެ ބިސްޓާ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ސުޖަން ދިފާއުކުރި ނަމަވެސް، އޭނާގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ ނަވާޔުގް ވަނީ ގޯލުގެ ތެރެއަށް އަމާޒުކޮށްލައިފަ އެވެ.

ނޭޕާލުން ދެ ލަނޑު ލީޑެއް ނެގި ނަމަވެސް، ލަންކާ އިން ހިތްވަރު އެލުވައި ނުލައި، ކުރިއަށް ޖެހި ނޭޕާލްގެ ޑިފެންސް ފޫއަޅުވާލުމަށް މަސައްކަތްކުރި އެވެ. އެގޮތުން، 57 ވަނަ މިނިޓުގައި ލަންކާގެ ކަވިންދު އިޝާން ފޮނުވާލި ހަމަލާ ނޭޕާލްގެ ޑިފެންޑަރެއް ސަލާމަތްކުރީ ގޯލުގެ ރޮނގު މަތިންނެވެ.

ލަންކާ އިން އުންމީދުއާކުރީ 58 ވަނަ މިނިޓުގައި މާވިން ހެމިލްޓަން އޮމޯލޭ ޖެހި ލަނޑުންނެވެ. ނޭޕާލްގެ ޕެންލަޓީ އޭރިޔާ ބޭރުން އޮމޯލޭ ފޮނުވާލި ބާރު ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އެ ލަނޑާއެކު، ލަންކާ އިން ނޭޕާލްގެ ޑިފެންސަށް ބާރުބޮޑުކުރި އެވެ. ރަނގަޅު ހަމަލާތަކެއް ވެސް އުފެއްދި އެވެ. އެކަމަކު މުޅި ޓީމު ކަހަލަ ގޮތަކަށް ކުރިއަށް ޖެހި، ލަންކާ އިން ކުޅެމުންދިޔައިރު، ކައުންޓާ އެޓޭކްގައި ނޭޕާލް އިން ނުރައްކާކުރި އެވެ. ނޭޕާލްގެ ނުރައްކާތެރި ދެ ހަމަލާއެއް، ލަންކާގެ ކީޕަރު ސުޖަން ވަނީ ދިފާއުކޮށްފަ އެވެ.

ނޭޕާލުން ތަފާތު ބޮޑުކުރީ 87 ވަނަ މިނިޓުގައި އަޔޫޝް ގާލަން ކާމިޔާބުކުރި ލަނޑާއެކު އެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ އޭނާ ގޯލަށް އަމާޒުކޮށްލީ އޭރިޔާ ތެރޭގައި ހުސްކޮށްހުރެ އެވެ.

މެޗުގެ އިތުރު ވަގުތުގައި ލަންކާ އިން ފަރަގު ކުޑަކުރީ ލިބުނު ޕެނަލްޓީއަކުން ޑިލަން ސެނަން ޑިސިލްވާ ކާމިޔާބުކުރި ލަނޑާއެކު އެވެ. ލަންކާ އަށް ޕެނަލްޓީއެއް ލިބުނީ ނޭޕާލްގެ ޑިފެންޑަރު ގައުތަމް ޝްރެސްތާގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

މި ލަނޑާއެކު، މެޗުގައި ބަކީ އޮތް ދެ މިނިޓުގައި ވެސް ލަންކާ އިން ނުރައްކާތެރި ހަމަލާއެއް އުފެއްދި ނަމަވެސް، ނޭޕާލުން ވަނީ އެ ޓީމުގެ ލީޑު ހިފަހައްޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox