ކޮންމެ އަހަރެއްގެ އޮކްޓޫބަރު 3 ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.
ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަމަށް ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން އައީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާ ސެޕްޓެމްބަރު 27 އެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ރައީސް ސޯލިހު ކަނޑައެޅުއްވި ދުވަހަކީ ކ. ވިހަމަނާފުށީގައި ކުރުނބާ ވިލެޖު (މިހާރު ކުރުނބާ މޯލްޑިވްސް) ރިސޯޓެއް ހުޅުވި ދުވަހެވެ.

ކުރުނބާ ވިލެޖު: މި ރިސޯޓު ހުޅުވީ އެންމެ 30 ކޮޓަރި ހިމެނޭހެން ވަރަށް އާދައިގެ ގޮތަކަށް -- ފޮޓޯ: ކުރުނބާ މޯލްޑިވްސް
ރައީސް މިކަން އިއުލާނުކުރެއްވީ ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބިލުގެ ރަސްމީ ކައުންޓްޑައުން ފެށުމަށް އެ ރިސޯޓުގައި ބޭއްވި ހަފުލާއެއްގަ އެވެ.
"ރާއްޖޭގައި ފުރަތަމަ ރިޒޯޓް ހުޅުވުނު ދުވަސް، އާދެ، ކުރުނބާ ވިލެޖުގެ ނަމުގައި މި ރިޒޯޓް ހުޅުވުނު ދުވަސް، 3 އޮކްޓޫބަރު، ކޮންމެ އަހަރަކުވެސް، ދިވެހިރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް." ރައީސް ސޯލިހު
މިކަން އިއުލާނުކުރައްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި އާދައިގެ ގޮތަކަށް ފެށިގެން އައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހަށް އަލިއަޅުއްވާލާ ވިދާޅުވީ މިއީ ހިތްވަރުގަދަ ބޭފުޅުންގެ ބުރަ މަސައްކަތްޕުޅެއް ކަމަށެވެ.
އެގޮތުން ކެރަފާ އަހުމަދު ނަސީމާއި މުހައްމަދު އުމަރު މަނިކާއި ޗަމްޕާ ހުސެއިން އަފީފާއި އެފަހުން ފަތުރުވެރިކަން ކުރިއެރުވުމުގައި އިސްކޮށް އުޅުން ދިވެހި ވިޔަފާރިވެރިންނާ ވިޔަފާރިތަކުގެ ނަންތައް ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވި އެވެ.
އޭގެ އިތުރުން މިނިމަމް ވޭޖު ކަނޑައެޅުމުގެ އަޑުތައް ގަދަވެފައިވާ ދުވަސްވަރެއްގައި ރައީސް ވަނީ އެ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ވިދާާޅުވި އެވެ.
ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަކީ، ސަރުކާރުން މިއަދު ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއް. ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ހަމައަށް އައިސްފައިކަން އަޅުގަނޑު ފާހަގަކުރަން. - ރައީސް ސޯލިހު
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތަކާއި ޓޫރިޒަމް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތައް ވެސް ހިއްސާކުރެއްވި އެވެ. އަދި ފަތުރުވެރިކަމުގެ ކުރިއެރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި، ފަތުރުވެރިކަމުގެ މުސްތަގުބަލަށް ތިމާވެށި ރައްކާތެރިކަމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަދެއްކެވި އެވެ.
މި ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ރަން ޔޫބިލް އަހަރަށް ތައްޔާރުކޮށްފައިވާ ހާއްސަ ލަވައެއް ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ.










