މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ކޮންގްރެސް ބާއްވައި، އެ ޕާޓީގެ އިސް މަގާމުތަކަށް މެމްބަރުން ހޮވައިފި އެވެ.
ސިޔާސީ ޕާޓީއެއްގެ ކޮންގްރެސް އަކީ އެ ޕާޓީއެއް އިލެކްޝަންސް ކޮމިޝަނު (އީސީ) ގައި ރެޖިސްޓަރީ ކުރާތާ ކުޑަ ދުވަސްކޮޅެއް ތެރޭ ބާއްވަން ޖެހޭ ޖަލްސާއެކެވެ. އެހެންނަމަވެސް ކޮވިޑާ ހެދި އެމްއާރުއެމްގެ ކޮންގްރެސް ބޭއްވުން އީސީން ވަނީ ފަސްކޮށްދީފަ އެވެ.
މިއަދު ޝީ ބިލްޑިންގައި ކުރިޔަށް ދިޔަ އެމްއާރުއެމްގެ ކޮންގްރެސްގައި، އެ ޕާޓީގެ ޒައީމަކަށް ހޮވިވަޑައިގަތީ އެމްއާރުއެމް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމެވެ. ޕާޓީގެ ރައީސްކަމަށް ހޮވިވަޑައިގަތީ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނެވެ.
އެ ދެ މަގާމަށް ވެސް ޕާޓީގެ ތެރެއިން އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.

އެމްއާރުއެމްގެ ނައިބު ރައީސްކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ހޮވިވަޑައިގަތްއިރު، އާމިނަތު ނާދިރާ ވެސް ވަނީ ޕާޓީގެ ނައިބު ރައީސެއްގެ ގޮތުގައި ހޮވިވަޑައިގެންފަ އެވެ.
ކޮންގްރެސްގައި އެމްއާރުއެމްގެ ޒުވާނުންގެ ކައުންސިލުގެ ރައީސްގެ ގޮތުގައި އިބްރާހިމް ފަރުހާދު އަދި އަންހެނުންގެ ކައުންސިލްގެ ރައީސްގެ ގޮތުގައި އާރިޒާ ރަޝީދު ވެސް ވަނީ ހޮވިވަޑައިގެންފަ އެވެ.
އޭގެ އިތުރުން އެމްއާރުއެމްގެ ޒުވާނުންގެ ކައުންސިލް އަދި އަންހެނުންގެ ކައުންސިލްއަށް ވެސް މެމްބަރުން ވަނީ މިއަދު ހޮވިވަޑައިގެންފަ އެވެ.
މުހިންމު މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމުގެ އިތުރުން ކޮންގްރެސްގައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުތައް ވެސް ފާސްކޮށްފަ އެވެ.
އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް ވަނީ ޕާޓީގެ އިންތިހާބީ މަގާމުތަކަށް ޖުމްލަ 28 ފަރާތަކުން ކުރިމަތިލާފައިވާކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރެޖިސްޓާކޮށްފައިވަނީ ޑިސެމްބަރު 20، 2019ގައި އެވެ.













