އިނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ބޮޑު އަދި އެގައުމުގެ ގައުމީ އެއާލައިން ބްރިޓިޝް އެއާވޭޒްއިން އަނެއްކާ ވެސް އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ކުރަން ފަށައިފި އެވެ.
ބްރިޓިޝް އެއާވޭޒްއިން ހޫނު މޫސުމާ ދިމާކޮށް ނޮވެމްބަރާއި މާޗު މަހުގެ ތެރޭގައި އަބަދުވެސް ރާއްޖެއަށް ސީދާ ދަތުރުކުރެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި ބްރިޓިޝް އެއާވޭޒްއިން ފުރަތަމަ ހަފްތާއަކު ތިން ދަތުރު ރާއްޖެއަށް ކުރާނެ އެވެ. އަދި މިމަހުގެ 18ގެ ފަހުން، ދުވާލަކު އެއް ފްލައިޓު ދަތުރުކުރާނެ ކަމަށެވެ.
އަދި ލަންޑަންގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ އެ ދަތުރުތައް ހޫނު މޫސުން ނިމެންދެން ކުރިޔަށް ގެންދާނެ އެވެ.
ހޫނު މޫސުން ނިމުމުން ފިނި މޫސުމުގައި ވެސް، ޔޫރަޕުގެ އެހެން ބައެއް ބޮޑެތި އެއާލައިންތަކެކޭ އެއްގޮތަށް، ބްރިޓިޝް އެއާވޭޒް އިން ދަތުރުތައް ހުއްޓާނުލާ ކުރިޔަށްގެންދާނެކަމުގެ އުންމީދު ވެސް އެބަ އޮތްކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
ހޫނު މޫސުން ނޫންނަމަ، މީގެ ކުރިން އިނގިރޭސިވިލާތާއި ރާއްޖެއާއި ގުޅުވައިދެނީ އެއާލައިންތަކުގެ މެދުގައި އޮންނަ ވަން ވޯލްޑް އެލަޔަންސްގެ ދަށުން ބްރިޓިޝް އެއާވޭޒްގެ ޕާޓްނަރު އެއާލައިން ގަތަރު އެއާވޭޒް އިންނެވެ.
އެހެންނަމަވެސް އެ އެއާލައިނުން ކުރާ ދަތުރުތަކުގައި ގަތަރުގެ ވެރިރަށް ދޯހާގައި ޓްރާންސިޓް ކުރެ އެވެ. އެއާއެކު ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދުގައި ކުރާ ސީދާ ދަތުރުތަކަށް ހޭދަވާ 10 ގަޑިއިރު، އެތައް ގުނައެއް އިތުރުވެގެންދެ އެވެ.
ބްރިޓިޝް އެއާވޭޒްގެ ދަތުރުތައް އަނެއްކާވެސް އަލުން މި ފެށީ މި އަހަރުގެ ހޫނު މޫސުމުގެ ޓޫރިޒަމް ސީޒަނަށެވެ. އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ހިއްސާއެއް އޮންނަ މާކެޓެކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވެސް އިނގިރޭސިވިލާތުން ރާއްޖެއަށް ވަނީ 17،391 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.
އެ އަދަދަކީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވުމާއެކު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިނގިރޭސިވިލާތުގައި ރެޑް ލިސްޓުގައި ހިމެނުމުގެ ކުރިން ދަތުރުކުރި ފަތުރުވެރިންގެ އަދަދެވެ. އިނގިރޭސިވިލާތަކީ މި އަހަރު ތެރޭ ރާއްޖެއަށް އަށް ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެވެ.
އިނގިރޭސި ގައުމީ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވަނީ، ކޮވިޑާ ގުޅިގެން އެގައުމުން ޓޫރިސްޓުން އައުމަށް ހުރި ހުރަސްތައް ނައްތާލާފައިވަނިކޮށެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ހިމެނީ، މިދިޔަ މޭ މަސްތެރޭ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށީމަ އެވެ.
އޭގެ ފަހުން ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާން ޖެހޭ ގޮތަށް އެގައުމުން ވަނީ ނިންމައިފަ އެވެ. މާނައަކީ، ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފަ އަބުރާ އިނގިރޭސިވިލާތަށް ދާ ފަތުރުވެރިން ވެސް ކަރަންޓީނުވާން ޖެހޭނެ ކަމެވެ.
އެކަމަކު އެ ނިންމުން އެންމެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އިނގިރޭސި ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އަދި އޭގެ ފަހުން ދެން ރާއްޖެ އައުމަށް ހުރަހެއްގެ ގޮތުގައި އޮތް އިނގިރޭސިވިލާތުގެ ނޯ-ގޯ ގައުމުތަކުގެ ލިސްޓުން ވެސް މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ނަން ވަނީ އުނިކޮށްފަ އެވެ.
ބްރިޓިޝް އެއާވޭޒް އަކީ އީޒީޖެޓަށްފަހު އެގައުމުގެ އެންމެ ބޮޑު އެއާލައިނެވެ. ބްރިޓިޝް އެއާވޭޒް އިން ފެށި މި ދަތުރުތަކާއެކު އަނެއްކާ ވެސް އިނގިރޭސިވިލާތުގެ ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނަފާ ކުރާނޭ ކަމަށް ބެލެވެ އެވެ.










