މިދިޔަ ހަ ވަރަކަށް އަހަރަށް ބަލާއިރު ނޭޕާލުން އެންމެ ބޮޑަށް ކުރި އެއް ކަމަކީ އެ ގައުމުގެ އުމުރު ފުރާ ފުޓްބޯޅަ ޓީމުތަކަށް ކުރާ ހޭދަ ބޮޑުކުރީ އެވެ. ބައިނަލްއަގުވާމީ މެޗުތައް ކުޅޭ މިންވަރު އިތުރުކުރީ އެވެ. އެ މުއްދަތުގެ ތެރޭގައި އެ ޓީމަށް ސާފް ސަރަހައްދުގެ އެކި އެކި މުބާރާތްތަކުން ކާމިޔާބު ލިބިއްޖެ އެވެ. އެ ކާމިޔާބީތައް ސީނިއާ ޓީމާ ހަމައަށް ގެނެވޭނެ ފޯމިއުލާއެއް ހޯދަން އެކި އެކި ޕްލޭންތައް ކަރުދާހަށް ގެނެސް އެކި ކޯޗުންނާ ޓީމު ހަވާލުކުރަމުންދިޔަ އެވެ.
އެ ގޮތުން މިހާރު ޓީމާ ހަވާލުވެ ހުރި ކުވޭތުގެ ކޯޗު އަބްދުﷲ އަލް މުތައިރީގެ ކޯޗުކަމުގައި ރާއްޖެއާ ކުޅުނު ފުރަތަމަ މެޗުން ރޭ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި 1-0 އިން ގަލޮޅު ދަނޑުގައި ނޭޕާލުން ރާއްޖެ ބަލިކުރީ އެވެ.
ނޭޕާލުން ރޭ ރާއްޖޭގެ މައްޗަށް ހޯދި މޮޅަކީ ސާފް ޗެމްޕިއަންޝިޕް ތާރީހުގައި މި ދެ ޓީމު ބައްދަލުކުރި އަށް މެޗުގެ ތެރެއިން ނޭޕާލަށް ހޯދުނު ފުރަތަމަ މޮޅެވެ. އަނެއްކޮޅުން 2008 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ފަހުން ރާއްޖެ ސަރަހައްދުގެ ޓީމެއް އަތުން އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.
މި ކާމިޔާބީގެ ކްރެޑިޓް ނޭޕާލް ފުޓްބޯޅަ ކުރިއަރުވަން ފާއިތުވި އަހަރުތަކުގައި މަސައްކަތްކުރި ލޯކަލް ބައެއް ކޯޗުންނަށް ހައްގުވެ އެވެ. އޭގެ ތެރޭގައި މިހާރު އެ ޓީމުގައި ހުރި އެސިސްޓަންޓް ކޯޗު ކިރަން ޝްރެސްތާ އާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލްގެ ހެޑް ކޯޗުގެ ޒިންމާ އުފުލި އަދި މިހާރު 23 އަހަރުން ދަށުގެ ޓީމާ ހަވާލުވެ ހުރި ބާލް ގޯޕާލް މަހާރަޖަން ހިމެނެ އެވެ.
ނޭޕާލް ވަނީ 2015 އާއި 2017 ވަނަ އަހަރުގެ ސާފް 19 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި ނޭޕާލްގެ ޒުވާން ޓީމު ވަނީ 2016 އާއި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ރަން މެޑަލް ވެސް ހޯދައިފަ އެވެ. އޭގެ އިތުރުން 2016 ވަނަ އަހަރުގެ ބަންގުބަންދު ގޯލްޑް ކަޕާއި އެ އަހަރު ބޭއްވި އޭއެފްސީ ސޮލިޑާރިޓީ ކަޕް ވެސްް ކާމިޔާބުކުރީ ނޭޕާލުންނެވެ.
އަދި މި އަހަރު ކުރީކޮޅުގައި ނޭޕާލުން ހޯސްޓް ކުރި ތުރީ ނޭޝަންސް ކަޕް ވެސް ހޯދީ އެ ޓީމުންނެވެ. މިއީ ބަންގްލަދޭޝާއި ކިރްގިސްތާން 23 އަހަރުން ދަށުގެ ޓީމާ އެކު ކުޅުނު މުބާރާތެކެވެ.
ރާއްޖެ ބަލިކުރުން ނޭޕާލުން ކުރި އިންތިޒާރެއްގެ ނިމުން
ނޭޕާލުން ވަނީ މިދިޔަ ފަސް އަހަރެއްހާ ދުވަހު ރާއްޖެ އަތުން ބޮޑު ތިން މޮޅެއް ހޯދައިފަ އެވެ. އެ ގޮތުން 2016 ވަނަ އަހަރު ޖެނުއަރީ މަހު ބަންގްލަދޭޝްގެ ގޯލްޑް ކަޕްގައި 4-1 އިން ނޭޕާލުން ރާއްޖެ ބަލިކުރި އެވެ. އަދި ހަމަ އެ އަހަރު ފެބްރުއަރީ މަހު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލުން ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ބަލިކުރީ 4-3 އިންނެވެ. އެ ދެ މެޗުގައި ރާއްޖެ ކޮޅަށް ހެޓްރިކް ހެދި ނަވަޔޫގް ޝްރެސްތާ ރޭ ރާއްޖެ ކޮޅަށް ފުރަތަމަ އެގާރައިގައި ކުޅުނެވެ.
އޭގެ ފަހުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލުން ވަނީ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު 2-1 އިންނެވެ.
ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ނޭޕާލްގެ މައްޗަށް 3-0 އިން ކުރިހޯދިއިރު، އެ މެޗަށް ފަހު އޭރު ނޭޕާލްގެ ކޯޗު ބާލް ގޯޕާލް ދިނީ އުއްމީދީ ޖަވާބެކެވެ. މުޅި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ މޮޅަށް ކުޅުނު ނޭޕާލް އަތުން ރާއްޖެ ފަސޭހަކަމާ އެކު މޮޅުވުމުން ބާލް ގޯޕާލަށް ހުރީ ގަބޫލުކުރަން ވެސް އުނދަގޫވެފަ އެވެ.
"ސަރަހައްދުގައި އަހަރެމެން ކުރިއަރާނަަމަ ރާއްޖެ އަތުން މޮޅުވާން ޖެހޭ. މި މުބާރާތަކީ (2018 ވަނަ އަހަރުގެ މުބާރާތް) އަހަރެމެން އެންމެ މޮޅަށް ކުޅުނު މުބާރާތަށް ވާނެ. އެކަމަކު، މި ފަހަރު ވެސް މުބާރާތުގައި ކުރިއަށް މި ނުދެވުނީ ރާއްޖެ އަތުން މޮޅެއް ނުލިބިގެން. މިކަން ބަދަލުކުރާނީ ޔަގީނުން ވެސް އަހަރެމެންގެ ޒުވާން ޓީމެއް ރަނގަޅަށް މަސައްކަތް ކުރަމުން އައިސް ކުރިއަރައިގެން. ނޭޕާލްގައި އަަރަމުން އަންނަ މި ކުޅުންތެރިން އެކަން ކުރާނެ ކައިރި މުސްތަގުބަލެއްގައި،" ރާއްޖެ އަތުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަލިވި މެޗަށް ފަހު ބާލް ގޯޕާލް ބުންޏެވެ.
ބާލް ގޯޕާލް ބުނި އެ ވާހަކަ ރޭ ހަގީގަތަކަށް ހަދައިދިނީ އުމުރުން 20 އަހަރުގެ ފޯވާޑް މަނީޝް ދަންގީ އެވެ. ދިވެހި ސަޕޯޓަރުން ފުރާލާފައި އޮތް ދަނޑެއްގައި ރާއްޖޭގެ ޑިިފެންސް ލައިން ތެރެއިން ބޯޅަ ހިފައިގެން ވަދެ މަނީޝް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ނޭޕާލުން ފާއިތުވި އަހަރުތަކުގައި ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ކުޅެ ޒުވާން ކުޅުންތެރިންނަށް ދިން ފުރުސަތުތަކުގެ ތެރެއިން އިތުބާރު ހޯދައިގެން އައިސް ހޯދި މޮޅެކެވެ.
ނޭޕާލްގެ މިހާރުގެ ކޯޗު އަބްދުﷲ އަލް މުތައިރީގެ ނަޒަރުގައި ނޭޕާލްގައި މިހާރު އޮތް ޓީމު ރަނގަޅުކުރެވޭނީ ރޭންކިންގެ ގޮތުން ކުރީގައި އޮތް ޓީމުތަކާ ގިނައިން ކުޅެގެންނެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ނޭޕާލުން އެންމެ ފަހުން ކުޅުނު މެޗުގައި އޮމާން އަތުން ވަނީ 7-2 އިން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު މުތައިރީ އަށް ޕްރެޝަރު ބޮޑުވި ނަމަވެސް އޭނާ އަށް ފަރުވާލެއް ނެތެވެ.
"ކޮންމެ މީހެއް ވެސް ބަލަނީ ނަތީޖާ އަށް. ރޭންކިން މަތި ޓީމުތަކާ ކުޅެގެން ނަތީޖާ ނުނިކުތަސް އެ ލިބެނީ ތަޖުރިބާއެއް. އެއީ މުސްތަގުބަލުގައި ބޭނުންކުރެވޭނެ ބޮޑު އެއްޗެއް. އެ ފިޔަވަޅު މަތިން އަހަރެމެން ކުރިއަށްދާނީ،" މުތައިރީ ބުންޏެވެ.
އަހަރެން ޔަގީންކަމާ އެކު ބުނާނަން މި ޓީމު (ނޭޕާލްގެ މިހާރު އޮތް ޓީމު) އެކުގައި ޑިވެލޮޕްވާން ފުރުސަތު ދީފިއްޔާ. މިއީ ސަރަހައްދުގެ މޮޅު ޓީމަކަށް ވާނެ - މުތައިރީ
ނޭޕާލްގެ މިހާރުގެ ޓީމުގައި ގިނައިން އޮތީ މިދިޔަ އަހަރުތަކުގައި އުމުރުފުރާ މުބާރާތްތަކުގައި ކުޅުނު ކުޅުންތެރިންނެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނޭޕާލުން ނުކުތީ ތަށީގެ އަމާޒުގަ އެވެ. އެކަމަށް މަސައްކަތް ކުރާނަމަ މުބާރާތުގެ ހޯސްޓް، ރާއްޖެ މޮޅުވުމަކީ ބޮޑު މޮޅެކެވެ. ފަސް ގައުމުގެ މެދުގައި މި ފަހަރުގެ މުބާރާތް ކުޅޭއިރު، މުބާރާތުގެ ތަށި އެންމެ ފަހަރަކު ވެސް ނުލިބި އޮތް ހަމައެކަނި ޓީމަކީ ނޭޕާލެވެ. އެކަން ބަދަލުކުރުމަކީ އެ ޓީމުގެ އަމާޒެވެ.













