މާދަމާ ރާއްޖޭގައި ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން ކާމިޔާބީ ހޯދަން ގައުމަށްޓަކައިވާ ގުރުބާނީގެ ހިތްވަރަކަށްވާނީ 12 ވަނަ ކުޅުންތެރިޔާ ނުވަތަ ދިވެހި ސަޕޯޓަރުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ބައްސާމް، "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ މުބާރާތަށް ގައުމީ ޓީމުގެ ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި މިހާރު އިންތިޒާރުކުރަނީ މުބާރާތުގައި ރަނގަޅު ނަތީޖާތަކަކަށް ކަމަށެެވެ.
"ގައުމީ ޓީމު މި އޮތީ ދިވެހި ރައްޔިތުންނަށްޓަކައި ވަރަށް ބޮޑު ގުރުބާނީއެއް ވުމަށް ތައްޔާރުވާން ގާތްގަނޑަކަށް މަސް ދުވަސް މިކަމަށް ތައްޔާރުވާން މިދިޔައީ. އަޅުގަނޑަށް ހީވަނީ މާދަމާގެ މި މެޗުން އެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ފެނިގެން ވެސް ދާނެއޭ. ވަރަށް ބޮޑު އެދުމެއް އެއީ ހުރިހާ ރައްޔިތުން ގައުމީ ޓީމުގެ ފަހަތުގައި ތިބުން،" ބައްސާމް ވިދާޅުވި އެވެ.
ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕްގެ ކަންކަން ބަލައިލެއްވުމަށް ބައްސާމް ވަނީ ގަތަރަށް ވަޑައިގެން، ޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފަ އެވެ. ގަތަރު ޓްރެއިނިން ކޭމްޕާ މެދު ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ވަރަށް ހިތްހަމަ ޖެހެ އެވެ. ބައްސާމް ވިދާޅުވީ އިތުރަަށް މެޗުތަކެއް ކުޅެވުނު ނަމަ އިތުރަށް ފުރިހަމަވާނެ ކަމަށެވެ.
"ވަރަށް ރަނގަޅު ޓްރެއިނިން ކޭމްޕެއް ރަނގަޅު ވަސީލަތްތަކެއް ބޭނުން ކޮށްގެން ޓީމު ރަނގަޅަށް ބައްޓަން ކުރެވުނީމަ. މި ޓްރެއިނިން ކޭމްޕަކީ ވަރަށް ކާމިޔާބު ޓްރެއިނިން ކޭމްޕެއް. މި ފުރުސަތުގައި އެފްއޭގެ ނަމުގައި ދިވެހި ފުޓްބޯޅައިގެ ނަމުގައި ގަތަރު ފުޓްބޯޅަ ފެޑެރޭޝަނަށް ޝުކުރު އަދާކުރަން (މި ޓްރެއިނިން ކޭމްޕް ހަމަޖައްސައިދިނީމަ)" ބައްސާމް ވިދާޅުވި އެވެ.
ރާއްޖޭން ސާފް ޗެމްޕިއަންޝިޕް މި ފަހަރު ހޯސްޓް މި ކުރަނީ ދޮޅު މަހެއްހާ ދުވަހުގެ މުއްދަތެއްގައި ތައްޔާރުވެގެންނެވެ. ކޮވިޑް-19ގެ ހާލަތުގައި ކަންކަން ކުރަން ހުރި ދަތިތަކުގެ ތެރޭގައި ވެސް ވީ އެންމެ ފުރިހަމަ އަށް މިހާތަނަށް ވެސް އިންތިޒާމްގެ ކަންކަން ކުރެވުނީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު ސަޕޯޓެއް މިކަމުގައި ލިބިވަޑައިގެންފައިވާތީ ކަމަށް ބައްސާމް ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ބާއްވަން ކުރެވިފައި ހުރި މަސައްކަތުން އެފްއޭއެމްގައި މިހާރު އޮތް ޓީމަކީ ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓްކުރަން "ފައްކާވެފައި" އޮތް ޓީމެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.

ގައުމީ ޓީމަށް ހިތްވަރުދޭން މިއަދު ބޭއްވި ސައިިކަލް ބުރުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ސްޓާފުންނާ މާކެޓިން ޓީމު އަދި މުޅި މުބާރާތުގައި މި ބައިވެރިވާ ހުރިހާ ސްޕޮންސަރުންނާއި ފުޓްބޯޅައިގައި ޝާމިލުވެ އުޅޭ އެންމެން ވަރަށް ފޯރީގައި މަސައްކަތް ކުރަމުން މި ދަނީ މުބާރާތް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
"ދިވެހި ރާއްޖޭގައި މާލެ ސަރަހައްދުގައި އުފާވެރި ކާނިވަލެއްގެ ގޮތުގައި މި 16 ދުވަސް ކުރިއަށްދާނެ ކަމަށް މި ބަލަނީ،" ބައްސާމް ވިދާޅުވި އެވެ.
"ރާއްޖޭގެ ފުޓްބޯޅަ އަށް އޮތް ލޯބި ފެނިއްޖެ ސްޕޮންސަރުންނާއި ޕާޓްނަރުންގެ ފަރާތުން. މިއީ ދެތިން މީހަކަށް ކުރެވޭނެ ކަމެއް ނޫން. މިއީ އެންމެން ގުޅިގެން އެކަތިގަނޑަކަށް ވެގެން މިކަން ކުރެވޭނީ. މި އަށް ވުރެ ދިގު މުއްދަތެއް ލިބުނުނަމަ މި އަށް ވުރެ ފުރިހަމަ އަށް ފޯރިގަދަކޮށް މި ކަންތައްތައް ކުރިއަށް ގެންދެވޭނެ. ދޮޅު މަސް ނޫނީ މަސް ދުވަހުގެ މަސައްކަތަށް ބަލާނަަމަ އަޅުގަނޑު ދަންނަވާނީ ހީނުުކުރާވަރުގެ ވަރުގަދަ އަށް މުބާރާތަށް ތައްޔާރުވެވިއްޖެއޭ،"
ގައުމީ ޓީމަށް ހިތްވަރުދޭން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއި ސަޕޯޓަރުންގެ އެކި ގްރޫޕްތަކުން އަންނަނީ ގިނަ ކަންތައްތަކެއް ރާވަމުންނެވެ. އެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގެ ދިދަ ފަތި ދަމައި ސަޕޯޓަރުންގެ ހަރަކާތްތައް ބޭއްވުމުގެ އިތުރުން މިއަދު ހަވީރު ވަނީ ސައިކަލު ބުރެއް ވެސް ބާއްވައިފަ އެވެ.
"ވަރަށް ގިނަ ޒުވާނުންތަކެއް އެބަ ބައިވެރިވޭ. މި ސަޕޯޓް ދޭތަން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އިހުސާސް ކުރެވުނަސް އަޅުގަނޑު ދަންނަވާނީ މާދަމާރޭ އެ ކުޅޭ މެޗުން ރަނގަޅު ކާމިޔާބެއް ހޯދާނެއޭ. އަޅުގަނޑު ޝައްކެއް ނުކުތް. އަޅުގަނޑުމެންގެ 12 ވަނަ ކުޅުންތެރިޔާ ޕާފޯމަންސް ދައްކާނެ ކަމަށް މި ބަލަނީ،" އުއްމީދާ އެކު ބައްސާމް ވިދާޅުވި އެވެ.
ގައުމީ ޓީމަށް ހިތްވަރު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ގައުމީ ޓީމާ ބައްދަލުކުރައްވައިފަ އެވެ. ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕްގައި ބޭނުންކުރާ ޖޯޒީ ވަނީ މިރޭ ދައްކާލައިފަ އެވެ. ޕީއެސްއެމް އިން ލައިވްކޮށް ދެއްކި އިވެންޓެއްގައި ޖޯޒީ ދައްކާލީ އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އެވެ.











