ކަރަންޓީނު ނުވެ އިޓަލީއަށް ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް ދިވެހިރާއްޖެ އަރައިފި އެވެ.
ކޮވިޑް-19ގެ ސަބަބުން އަޅާފައިފާ ފިޔަވަޅުތަކަށް އިޓަލީން ލުއިދޭން ފަށާފައިވާ އިރު، ޔޫރަޕަށް ނިސްބަތްނުވާ ހަ ގައުމަކަށް ދަތުރުކުރުމުގައި އިޓަލީ ސަރުކާރުން ވަނީ މިހާރު ލުއި ދީފަ އެވެ. އެއީ ރާއްޖޭގެ އިތުރުން ސީޝެލްސް، މޮރިޝަސް، މިސްރު، ޑޮމެނިކަން ރިޕަބްލިކް އަދި އަރުބާ އެވެ.
އަންގާރަ ދުވަހު އިޓަލީގެ ހެލްތު މިނިސްޓްރީން މި ހަ ގައުމަށް ދަތުރު ކުރުމަށްފަހު އަބުރާ ގައުމަށް އައިސް ކަރަންޓީން ވާން ނުޖެހޭނެކަން އިއުލާނުކޮށްފައިވާ އިރު، މި ގައުމުތަކަށް ދަތުރުކުރާ އިރު، "ގްރީން ޕާސް" އެއް އޮންނަން ޖެހޭނެ އެވެ. އެއީ ކޮވިޑް ޖެހި ރަނގަޅުވުން ނުވަތަ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމެވެ.
މީގެ އިތުރުން އިޓަލީން ފުރުމުގެ 48 ގަޑި އިރު ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށް ނެގަޓިވް ނަތީޖާއެއް އޮންނަން ޖެހެ އެވެ. އަދި އަނބުރާ ގައުމަށް އައުމުގެ 48 ގަޑި އިރު ކުރިން ކޮވިޑް-19 އަށް ޓެސްޓުކުރަން ޖެހެ އެވެ.
އިޓަލީގެ ހެލްތު މިނިސްޓްރީން ވަނީ ބޮޑެތި ލުއިތަކަކާ މި ހަ ގައުމަށް ދަތުރުކުރަން ހުޅުވާލާފައި މިވަނީ އަޖުމަ ބަލާލަން ކަމަށްވެސް ބުނެފަ އެވެ.
އިޓަލީ އަކީ ކޮވިޑް-19ގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އެއް ގައުމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގޮތުގައި އިޓަލީ ފާހަގަކުރެވޭ އިރު، އިޓަލީގެ ފަތުރުވެރިންނަށް ލުއިތަކާ އެކު ރާއްޖެ ދަތުރުކުރެވެން ފެށުން އެއީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމެކެވެ. ހާއްސަކޮށް ރާއްޖޭގެ ލިވަބޯޑްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު މީގެ ސަބަބުން އިތުރުވާނެ އެވެ.










