ތާލިބާނާއެކު މަސައްކަތް ކުރަން ޕާކިސްތާނުން ގޮވާލުމުން އިންޑިއާގެ ކަންބޮޑުވުން!

އދ. ގެ އާއްމު މަޖިލީހުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާންގެ ވީޑިއޯ މެސެޖު ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

އދ. ގެ އާއްމު މަޖިލީހުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާންގެ ވީޑިއޯ މެސެޖު ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (ސެޕްޓެމްބަރު 25) - އަފްގާނިސްތާނުގެ ގާނޫނީ ވެރިކަން ވައްޓާލުމަށް ފަހު ސަރުކާރެއް ހަދައިގެން އުޅޭ ތާލިބާނުންނާ ގުޅިގެން މަސައްކަތް ކުރަން ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ދުނިޔެ އަށް ގޮވާލުމާއެކު އިންޑިއާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރެއްވުމަށް ފަހު އެކަމުގެ ކަންބޮޑުވުން ހުށަހެޅުއްވި އެވެ. އޭގެ އިތުރުން އިންޑިއާ އާއި އެމެރިކާ އަދި އޮސްޓްރޭލިއާ އާއި ޖަޕާނުގެ ވެރިން އެކުގައި ބޭއްވެވި ސަމިޓުގައި ވެސް އެ މައްސަލަ ފާހަގަކުރެއްވި އެވެ.

"ގައުމުތަކަށް އެއްބަސްވެވުނު ކަމަކީ ޓެރަރިޒަމްގައި ޕާކިސްތާނުގެ ދައުރާއި އަފްގާނިސްތާނުގައި ޕާކިސްތާނުގެ ދައުރު ކައިރިން ފަރުވާތެރިކަމާ އެކު ބަލަން ޖެހޭނެ ކަމަށް،" އިންޑިއާގެ ފޮރިން ސެކެޓްރީ ހަރްޝް ވަރްދަން ޝްރިންގްލާ ވައިޓް ހައުސްގައި ނޫސްވެރިންނަށް ވިދާޅުވި އެވެ.

އދ. ގެ އާއްމު މަޖިލީހުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ބޮޑު ވަޒީރު ވިދާޅުވީ އޯގަސްޓު މަހު ވެރިކަމަށް އައި ތާލިބާނުން އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމަށާއި އެންމެންގެ ބައިވެރިވުން ހިމެނޭ ސަރުކާރެއް ހިންގުމަށް ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު އޮތް ތާލިބާނުންގެ ވަގުތީ ސަރުކާރާ މެދު ވެސް ގައުމުތަކުން ހިތްހަމައެއް ނުޖެހެ އެވެ.

"ދުނިޔޭގެ ކޮމިއުނިޓީން ތާލިބާނުންނަށް އެހީވެ، އެ ވައުދުތައް ފުއްދަން ހިތްވަރުދޭ ނަމަ، އެއީ ހުރިހާ އެންމެންނަށް ވެސް ކުރި ލިބޭނެ ހާލަތެއް،" އިމްރާން ހާން ވިދާޅުވި އެވެ.

"މިހާރު އޮތް ތާލިބާން ސަރުކާރު ވަރުގަދަކޮށް، ހަމަޖެހުން ގެންނަން ޖެހެނީ އަފްގާނިސްތާނުގެ ރައްޔިތުންނަށްޓަކައި."

އދ. ގެ އާއްމު މަޖިލީހުގައި ދެއްކި އިމްރާން ހާންގެ ވީޑިއޯ މެސެޖުގައި ވަނީ ޕާކިސްތާނުން މީގެ ކުރިން އަމަލު ކުރި ގޮތް ދިފާއު ކުރައްވާ ގިނަ އިރުތަކެއް ވަންދެން ވާހަކަ ދައްކަވާފަ އެވެ. ތާލިބާނުން 1996 އިން 2001 އަށް ވެރިކަން ކުރިއިރު ވެސް، އެ މީހުންނަށް އެންމެ ބޮޑަށް ތާއީދު ކުރީ ޕާކިސްތާނުންނެވެ.

ޓެރަރިސްޓު ޖަމާއަތް އަލް ގައިދާ އިން އަފްގާނިސްތާނުގައި ހަރަކާތްތެރިވާން ތާލިބާނުން ފުރުސަތު ދިނެވެ. ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާ އިން އެމެރިކާގައި ދިން ހަމަލާތަކަށް ފަހު، އެމެރިކާ ސިފައިން އަފްގާން ފަސްގަނޑަށް އެރީ އެހެންވެ އެވެ. އޭރު ތާލިބާން ސަރުކާރު ވެއްޓުނީ އެމެރިކާ ސިފައިން އެރުމުންނެވެ.

އޭގެ ފަހުން ވިހި އަހަރު ވަންދެން އެމެރިކާ ސިފައިން އަފްގާނިސްތާނުގައި އުޅުމަށް ފަހު، އެނބުރި ގައުމަށް ދިޔެއީ މިދިޔަ އޯގަސްޓު މަހު އެވެ. އެއާއެކު ހައިރާން ކުރުވަނިވި ގޮތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ތާލިބާނުން ވަނީ އަލުން ވެރިކަމަށް އައިސްފަ އެވެ.

އިމްރާން ހާން ވިދާޅުވީ ޕާކިސްތާނުގެ އެތެރޭގައި ހަރުކަށި ފިކުރު އުފެދި، ޓެރަރިސްޓުން ހަރަކާތްތެރި ވާން ފެށީ އަފްގާން ހަނގުރާމައިގެ ދުވަސްވަރު އެއްވެސް ބެލުމެއް ނެތި އެމެރިކާ އިން ދިން ޑްރޯން ހަމަލާތަކާ ހެދި ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން އެމެރިކާ އަށް އެހީވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެމެރިކާގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތް އަފްގާން ހަނގުރާމައިގެ ދުވަސްވަރު، އަފްގާނިސްތާނުގައި ތަރުޖަމާނުންގެ ގޮތުގައި އުޅުނު މީހުންނާއި އެ ނޫން ގޮތް ގޮތަށް އެމެރިކާ އަށް އެހީވެ ދިން މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން. އެކަމަކު އަޅުގަނޑުމެންނާ މެދު ވިސްނާނެ ބަޔަކު ނެތް،" އިމްރާން ހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮށްދިން ކަންކަން ބަލައިގަތް ކަމަށް ކުޑަމިނުން އެންމެ ބަހެއް ވެސް ނުބުނޭ. އަޅުގަނޑުމެންގެ މަސައްކަތް ބަލައިނުގަނެ، އަފްގާނިސްތާނުގައި ކަންކަން ހިނގާދިޔަ ގޮތުގެ ޒިންމާ އަޅުގަނޑުމެން އުފުލަން ޖެހޭނެ ކަމަށް ބުނުމުން، އަޅުގަނޑުމެން ހިތަށް އަރާނެ އެއްޗެއް ވިސްނާލައްވާ."

އެމެރިކާގެ އޮފިޝަލުން އަބަދުވެސް ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުގެ ބާރުގަދަ ޖާސޫސީ އިދާރާއަކީ ތާލިބާނުންނަށް ތާއީދު ކުރާ ބަޔެކެވެ. އެ ތުހުމަތާ ހެދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕާކިސްތާނަށް ފޯރުކޮށްދޭ އަސްކަރީ އެހީ ވެސް މަދުކުރައްވާފަ އެވެ.

ހޫނު ކޯޅުމެއް

ބައިޑެން އާއި އިމްރާން ހާން އާ ދެމެދު މީގެ ކުރިން އެއްވެސް މަޝްވަރާއެއް ކުރައްވާފައެއް ނުވެ އެވެ. ބައިޑެންގެ ފަރާތްޕުޅުން އިމްރާން ހާނަށް އެއްވެސް ދައުވަތެއް ވެސް މިހާތަނަށް ނުފޮނުއްވަ އެވެ. ނަމަވެސް އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އަދި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި އެމެރިކާ އިން ވަނީ އަފްގާނިސްތާނުން އެމެރިކާ ރައްޔިތުން ފުރުމަށް ޕާކިސްތާނުން އެހީވެ ދިނުމުން ޝުކުރު އަދާކޮށްފަ އެވެ.

އިމްރާން ހާން އދ. ގެ އާއްމު މަޖިލީހުގައި ވިދާޅުވީ އިންޑިއާގެ ބިލިއަން ޑޮލަރުގެ މާކެޓަށް ދަހިވެތިވެފައިވާ ދުނިޔެއިން މޯދީގެ ސަރުކާރުގެ އަނިޔާވެރިކަމާއި ހުދުމުހުތާރުކަން ނުފެންނަ ކަމަށް ހަދައިގެން އުޅޭ ކަމަށެވެ.

"ރުޅިވެރިކަމާއި އަނިޔާވެރިކަން ފަތުރަނީ ހިންދޫ ހަރުކަށި ފިކުރުގެ ހުދުމުހުތާރު އާރްއެސްއެސް-ބީޖޭޕީ ސަރުކާރުން. އެ ސަރުކާރުން ވަނީ އިންޑިއާގެ 200 މިލިއަން މުސްލިމުންގެ ކޮމިއުނިޓީއާ ދެކޮޅަށް އަނިޔާވެރިވެ، ބިރުވެރިކަން އުފައްދާފައި."

އިންޑިއާގައި ވެރިކަން ކުރާ މޯދީގެ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އަކީ ހިންދޫ ޕާޓީ އެކެވެ. އެ ޕާޓީއާ ގުޅިފައިވާ ރަޝްތްރިޔަ ސްވަޔަމްސެވަކް ސަންގް (އާރްއެސްއެސް) އަކީ 100 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހިންދޫ ދީން ފަތުރަން އުޅޭ، އަސްކަރީ ބާރު އޮތް ގްރޫޕެކެވެ.

މޯދީގެ ވެރިކަމުގައި އިންޑިއާ އިން ވަނީ ކަޝްމީރަކީ ވަކި ސްޓޭޓެއްގެ ގޮތުގައި ބަލައިގަތުން ހުއްޓާލާފަ އެވެ. ކަޝްމީރަކީ އިންޑިއާގައި މުސްލިމް މެޖޯރިޓީ އޮތް ހަމައެކަނި ހިސާބެވެ. އޭގެ އިތުރުން މުސްލިމުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ސިޓިޒެންޝިޕް ގާނޫނެއް ވެސް ތަންފީޒުކޮށްފައި ވާއިރު، ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ވަނީ އިތުރުވެފަ އެވެ.

އާއްމު ގޮތެއްގައި އދ. ގެ އާއްމު މަޖިލީހުގައި ޕާކިސްތާނުން ދައްކާ ވާހަކަތަކަށް އިންޑިއާއިން ރައްދެއް ނުދެ އެވެ.

ނަމަވެސް އާއްޢްމު މަޖިލީހުގެ ތަޅުމުގައި އިންނެވި އިންޑިއާގެ އދ. މިޝަންގެ ފަސްޓް ސެކެޓްރީ ސްނޭހާ ދުބޭ ތުހުމަތު ކުރެއްވި ގޮތުގައި ޕާކިސްތާނުން ވަނީ އަލް ގައިދާގެ އުސާމާ ބިން ލާދިން ފޮރުވައިގެން ގެންގުޅެފަ އެވެ. އަދި އުސާމާ ބިން ލާދިން "މަތިވެރިކޮށްގެން" އަދިވެސް ވާހަކަ ދައްކަމުންދާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

އުސާމާ ބިން ލާދިން މަރާލީ ޕާކިސްތާނުގެ އަބޮތްއާބާދު ސިޓީގައި ފިލައިގެން އުޅެނިކޮށް އެމެރިކާގެ ހާއްސަ ފައުޖުން ދިން ހަމަލާއެއްގައި 2011 ވަނަ އަހަރު އެވެ.

"ޕާކިސްތާނަކީ ޓެރަރިޒަމްގެ ޝިކާރައަކަށްވެފައިވާ ގައުމެއް ކަމަށް ބުނަމުންދާ އަޑު އަބަދު އެބަ އިވޭ. އެކަމަކު އަސްލު އެ ގައުމަކީ އަލިފާން ނިއްވާ މީހެއް ކަމަށް ހެދިގެން އުޅޭ، ހަގީގަތުގައި ފިލައި ހުރެ ހުޅު ޖަހަމުންދާ މީހެއް ފަދަ ގައުމެއް،" ސްނޭހާ ވިދާޅުވި އެވެ.

"ޕާކިސްތާނުން އަންނަނީ ޓެރަރިސްޓުން އުފައްދަން ހިތްވަރުދެމުން. އެ ގައުމުން އުއްމީދު ކުރަނީ އެ ޓެރަރިސްޓުގެ ޝިކާރައަކަށް ވާނީ ހަމައެކަނި އަވައްޓެރި ގައުމުތައް ކަމަށް."

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox