މާމަގެ ލޯބި ހަނދާނާއި ޕެޝަން ފްރުޓް ފަތު ރިހަ

މުޝް އޭނާގެ ބަދިގޭގައި-- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

މުޝް އޭނާގެ ބަދިގޭގައި-- ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

ގިނަ ބަޔަކަށް މުސްލިހާ ޔޫސުފް (މުޝް) އެނގޭނީ އޭނާ ހިންގަމުން އަންނަ ކޭކު އެޅުމުގެ ވިޔަފާރި 'މުޝް ބޭކްސް' އިންނެވެ. ކޮންމެ މުނާސަބަތަކަށް އަދި ކޮންމެ ހަފްލާއަކަށްވެސް މީރު ރަހައަކުން އެކި ޑިޒައިންތަކުގެ ކޭކު މި ފާއިތުވެދިޔަ ހަތް އަހަރުގައި އޭނާ އަޅަމުން އަންނައިރު މިފަހުން މާ ބޮޑަށް ލޮލުގައި އަޅައިގަތީ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވާ ޕެޝަން ފްރުޓް ފަތު ރިހަ އެކެވެ.

މުޝް ބުނާ ގޮތުން މިއީ އޭނާގެ ލޯބިވާ މާމަ (އެމަންމަ)، ތައްޔާރުކުރި ރިހަ އެކެވެ. މާމަ މިދުނިޔެއާ އަލްވަދާއު ކީ ނަމަވެސް މާމަގެ ލޯބި ހަނދާންތަކާއި، ރަހަ މީރު ކެއުންތައް އަދިވެސް މުޝްގެ ހިތާއި ސިކުނޑީގައި ތާޒާކޮށް އެބަހުއްޓެވެ.

މުޝް ކެއްކި ޕެޝަން ފްރުޓް ފަތުރިހަ ---ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު
މުޝް ކެއްކި ޕެޝަން ފްރުޓް ފަތުރިހަ ---ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

މުޝް ކެއްކި ޕެޝަން ފްރުޓް ފަތުރިހަ ---ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

މުޝްގެ އުމުރުން 22 އަހަރުގައި މާމަ އޭނާއާ ވަކިވެގެންދިއުމާއި ހަމައަށްވެސް މުޝް ބުނާ ގޮތުން އޭނާއަކީ މާމަގެ 'ފޭވަރިޓް' އެވެ. ޅައުމުރުގައި މަންމަ އާއި ބައްޕަ ވަކިވިއިރު މުޝް މަޑުކުރީ އޭނާގެ މަންމަ ގާތުގަ އެވެ. އަދި މަންމަ ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ އޮފީހަށް ދިއުމުން އޭނާ ބަލައި ބޮޑުކުރީ މާމައެވެ. އެހެންކަމުން ބޮޑުވެގެން އައިއިރު އެންމެ ފޮނި ހަނދާންތަކެއް އެކުގައި ހިއްސާ ކުރެވުނު މީހަކީވެސް އެ ލޯބި މާމަ އެވެ.

މިގޮތުން ޕެޝަން ފްރުޓް ފަތު ރިހައިގެ ވާހަކަ ފެށެނީ އޭރު ގޭގައި ހެއްދި ޕެޝަން ފްރުޓް ވެޔޮގަނޑަކާއި ހިސާބުންނެވެ. މުޝް ބުނިގޮތުގައި އެކި ބާވަތްތަކުގެ ގަސްގަހާގެހިން މުއްސަނދި އެ ގޭގައި ހެއްދި މި ވެޔޮގަނޑުގައި އުޅެއުޅެވެސް ޕެޝަން ފްރުޓެއް ނޭޅި އެވެ.

އެންމެފަހުން މާމަ ދިން ހިޔާލަކީ ގޭގައި ހުރި ޅޮސް ގަހުގެ ފަތުންވެސް ރިހަ ކައްކާހެން މީރު ރިހައެއް ޕެޝަން ފްރުޓް ފަތުން ތައްޔާރުކުރުމެވެ.

"މާމައަކީ ކޮންމެހެން މޮޅު ކައްކާއެއް ނޫން. މާމަ ބަލައި ބޮޑު ކުރީވެސް މުނިކާފަ އެކަނި. އެހެންވީމަ މާބޮޑަށް ލިބިގެން އުޅުނު ދިރިއުޅުމެއް ނޫން އެއީކީ. ދެން އަބަދުވެސް ބައިވަރު ގަސް ހައްދާނެ. އެހެންވީމަ އެ ގަސްތަކުންނާއި އެކީ ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެން މާމަ ކުޑައިރުއްސުރެ ކައިބޮއެ އުޅުނީ. ކެވޭ ކޮންމެ އެއްޗަކުންވެސް މާމަ ވަރަށް މީރުކޮށް އެއްޗެހި ކައްކާނެ" މުޝް ބުންޏެވެ.

ވީޑިއޯއާއެކީ ފުލް ރެސިޕީ ހިމަނާލައިގެން މުޝް އޭނާގެ ފީޑަށް ޕޯސްޓްކުރި މި ރިހަ ފެނުމުން އަހަރެމެންނަށް ލިބުނު ހައިރާންކަން އެދުވަހު އުމުރުން އެންމެ 20 އަހަރުގެ މުޝްއަށްވެސް ހަމަ އެގޮތަށް ކުރެވުނެވެ. އެހެންނަމަވެސް މާމަ ދެންވެސް ކައްކާ މި ޒާތުގެ ފަތު ރިހަތަކުގެ މީރު ރަހައިގެ ސަބަބުން މިއީވެސް ތޯތޯ އެއްޗަކަށް ނުވާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ.

މުޝް ބުނާގޮތުގައި ކޮންމެ އެއްޗެއް ކެއްކިޔަސް، މާމަ ކައްކާ ތަކެތީގެ ރަހަ ހެޔޮވަރުވެފައި އަންގަޔަށް މީރެވެ. ސަބަބެއްކަމުގައި މުޝް ދެކެނީ މާމަ ބޭނުންކުރާ ބާވަތްތަކުގެ މިންވަރާއި އަދަދެވެ. އެންމެ ގިނައިން ރަހަލެއްވުމުގައި މާމަ ބޭނުންކުރާ 'ސީކްރެޓް އިންގްރިޑިއަންޓް' އަކީ ނޫޑްލީސް ސޫޕް ޕެކެޓެވެ. މުޝްގެ ކެއްކުމުގައި އޭގެ ބަދަލުގައި ބޭނުންކުރަނީ ޗިކަން ސްޓޮކް އެވެ.

ބޭނުންވާ ތަކެތި

  • 2 ފިޔާ ތުނިކޮށް ކޮށާފައި
  • 3 ތޮޅި މިރުސް
  • 15-20 ހިކަނދި ފަތް
  • 6 އިންޗް ރާނބާ ފަތް
  • 1 ގިތެޔޮ މިރުސް
  • 1 މޭޒުމަތީ ސަމްސާ ޖިންޖާ ގާލިކް ޕޭސްޓް
  • 30 ޕެޝަން ފްރުޓް ފަތް ކުދިކޮށް ކޮށާފައި (1 މިނިޓް ވަންދެން ފެނު ކައްކާ ހިއްކާފައި)
  • 200 ގްރާމް ވަޅޯމަސް ކޮށާފައި
  • 3 ޖޯޑު ކާށި ކިރު
  • ½ ޖޯޑު ބޯކިރު
  • 2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް
  • 3 މޭޒުމަތީ ސަމްސާ ހަނާކުރި ހަވާދު
  • 1 މޭޒުމަތީ ސަމްސާ ދިރި ޕައުޑަރު
  • 1 މޭޒުމަތީ ސަމްސާ ލޮނުމިރުސް ހަވާދު
  • 6-8 ހިކި މިރުސް
  • 2 ކިއުބް ޗިކަން ސްޓޮކް
  • 1 ސައި ސަމްސާ އޯބަތް
  • 1 ސައި ސަމްސާ މަސްޓަޑް ސީޑްސް
  • 5 ވަރަކަށް ކާފުރުތޮޅި
  • 3 އިންޗް ފޮނިތޮށި
  • ލޮނު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ އޯބަތް އަދި މަސްޓަޑް ސީޑްސް ހޫނު ތެޔޮކޮޅެއްގެ ތެރެއަށްލާ ރަހަ ނުކުންނަންދެން މަޑުކޮށްލުމަށްފަހު ފިޔާ މީރުކޮށްލާށެވެ. ފިޔާ މީރުކުރާއިރު ކާފުރުތޮޅި އަދި ފޮނިތޮށިވެސް ހިމަނާލައި ކުޑަކޮށް ރަތް ވެލުމުން ޗިކަން ސްޓޮކްވެސް އަޅާލާށެވެ. އެއަށްފަހު ހަވާދުގެ ބާވަތްތަކާއި ޓޮމާޓޯ ޕޭސްޓް ފިޔާގަނޑުގެ ތެރެއަށް އެއްކޮށްލާ ށެވެ. ރަނގަޅަށް އެއްކޮށް ލެވުމުންް ¼ ޖޯޑު ކާށިކިރު އަޅައި ހަވާދުތައް ރޯފިލުވާލުމަށް ފަސްވަރަކަށް މިނިޓް ކައްކާލާށެވެ.

ދެން އަޅާނީ ކޮށާފައި ހުރި ވަޅޯމަސްކޮޅާއި ލޮނު ކޮޅެކެވެ. އޭގެ ދެތިން މިނިޓް ފަހުން އަޅާނީ ޕެޝަން ފްރުޓް ފަތެވެ. ފަތް އެޅުމަށްފަހު އަނެއްކާވެސް ދެތިން މިނިޓް ކައްކާލުމަށްފަހު ބާކީ ހުރި ކާށިކިރު ފޮދު އަޅާލާށެވެ. އެއަށްފަހު ރަނގަޅަށް ބޮކި އަރަންދެން ކެއްކުމަށްފަހު އެންމެ ފަހު ބޯކިރު އަޅާލާށެވެ. ރަނގަޅަށް މިކްސްކޮށްލުމުން މިއޮތީ ރިހަ ކައްކާ ނިމިފަ އެވެ.

މުޝް ކެއްކި ޕެޝަން ފްރުޓް ފަތު ރިހަ --ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު
މުޝް ކެއްކި ޕެޝަން ފްރުޓް ފަތު ރިހަ --ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

މުޝް ކެއްކި ޕެޝަން ފްރުޓް ފަތު ރިހަ --ފޮޓޯ:ހުސެއިން ޝަޔާހު/އަދަދު

މި ރެސިޕީގައި ތައްޔާރީ ހަވާދެއް ބޭނުންކުރިއަސް، އާންމުކޮށް މުޝްގެ ކެއްކުމުގައި އޭނާ ބޭނުންކުރަނީ އަމިއްލަ އަށް ގޭގައި ތައްޔާރުކުރާ ހަވާދެވެ. މިވެސް ދަސްކުރީ މާމަގެ ފަރާތުންނެވެ.

ޖުމްހޫރީ މޭވާގެ ފަތް މިހާ ތަފާތު ގޮތަކަށް ރިހައިގައި ބޭނުންކުރިޔަސްވެސް، ރިހައިގައި އެއްވެސް ކަހަލަ އުނި ރަހައެއް ނުހުރެ އެވެ. އަދި ހަވާދުތައް ބޭނުންކޮށްފައި ހުރިގޮތުން ތަފާތު މީރު ރަހައެއް ރިހައިގައި ހިމެނޭއިރު އެންމެ ފަހުން އަޅާ ބޯކިރު ފޮދުން ރިހައިގެ ރަހަ މާ ބޮޑަށްވެސް މުއްސަނދިވެ އެވެ. ރޮށްޓާއި އެކީގައި މި ރިހައަކީ ހަމަ ކާލަން މީރުވާނޭ މޮޅު ތަފާތު ރިހައެކެވެ.

މި ނޫނަސް މާމަގެ ކެއްކުމުގެ ހުނަރުގެ ތަފާތުކަން އެނގޭ އެތަށް ރެސިޕީތަކެއް މުޝްއަތުގައި އެބަހުއްޓެވެ. މި ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ އަލުވީގައި ހަދާ ބޮނޑިބަތާއި, މުރަނގަފަތު ރިހައާ, މަސްދަޅު ބޭނުންކޮށްގެން ހަދާ ރިހައެއްގެ އިތުރުން ބޯކުރި ބަނބުކެޔޮ ރެސިޕީ އެކެވެ.

ހަތަރު ކުދިންގެ މަންމައެއް ކަމުގައިވާ މުޝްއަކީ ސެލްފް ޓޯޓް ބޭކާ އެކެވެ. އާއިލާގެ ދެ ފަރާތުގެ މާމަގެ ފަރާތުންވެސް ކެއްކުމުގެ މޮޅު އުކުޅުތަކާއި ރަހަމީރު އެތައް ރެސިޕީއެއް ވަނީ ދަސްކޮށްފަ އެވެ. މާމަމެންގެ ފަރާތުން ވާރުތަވި ކެއްކުމުގެ ހުނަރާއި ލޯބި ހަނދާންތައް އޭނާ ބޭނުން ވަނީ ދަރިންގެ ދަރިންނަށް ވާރުތަކޮށް ދޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox