އަންނަ މަހު މާލޭގައި ބާއްވާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކަށް ސަޕޯޓަރުން ދަނޑަށް ވަންނައިރު، ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކަނޑައަޅާފައިވާ ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން އެދޭ ކަމަށާއި ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށް ގެންދެވޭނީ ސަޕޯޓަރުންގެ އެއްބާރުލުން ލިބިގެން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ޕީއެސްއެމް އިން ފެށި "ގަދަ ރަތް" ކައުންޓްޑައުން ޝޯގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގައި ވެސް ބޭނުންކުރާނީ މިދިޔަ މަހު މާލޭގައި ބޭއްވި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބޭނުންކުރި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދިން ގައިޑްލައިން ކަމަށެވެ.
ބައްސާމް ވިދާޅުވީ އެ ގައިޑްލައިން އިތުރަށް ދަމަހައްޓަން މަސައްކަތް ކުރުން އޮތީ ހުރިހާ ފަރާތެއް ގުޅިގެން ކުރެވޭ ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ.
"ދަނޑަށް ސަޕޯޓަރުން ވަދެވޭނެ. ސަޕޯޓަރުންނަށް މި އުފާވެރިކަން ލިބިގެންދާނެކަން ޔަގީން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދަނޑަށް ސަޕޯޓަރުން ވެއްދޭނީ ބައެއް ކަހަލަ ކަންތައްތައް ފުރިހަމަވުމުން. އެންމެ މުހިއްމު ކަމަކަށް މި އޮތީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން. އެއް ޑޯޒް ޖަހާފައި ތިބި ބޭފުޅުން ވީ އެންމެ އަވަހަށް ދެ ވަނަ ޑޯޒް ޖެހުން އެދެން،" ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ދަނޑަށް ސަޕޯޓަރުން ވައްދަން ހުއްދަ ލިބިފައި އޮތްއިރުގައި ސަޕޯޓަރުންގެ ފަރާތުން ވެސް އެއްބާރުލުން ބޭނުންވާނެ. ދެ ބައި ގުޅިގެން ނޫނިއްޔާ މި ކަމެއް ކުރިއަކަށް ނުދާނެ. ބޭނުމެއް ނޫން ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެގެންދާކަށް ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކާ ހެދި. ހުރިހާ އެންމެ ގުޅިގެން މިކަން ކުރެވޭނީ،"
ބައްސާމް ވިދާޅުވީ ޓިކެޓް ވިއްކާއިރުގައި އެފްއޭއެމުން ބަލާނީ އައިޑީކާޑާ އެކީ ދެ ޑޯޒް ފުރިހަމަކޮށްފައި އޮތް ވެކްސިން ކާޑު އޮތްތޯ ކަމަށެވެ.
ދަނޑުތެރޭގައި އުޅޭއިރު ސަޕޯޓަރުން އަމަލުކުރަން ޖެހޭ ގައިޑްލައިނެއްގެ ގޮތުގައި އެންމެ ބޮޑަށް ކަނޑައަޅާފައިވަނީ މާސްކް އެޅުމާއި ގައިދުރު ކަމަށް އިސްކަން ދިނުމަށެވެ. ދަނޑުގެ އެކި ސަރަހައްދުގައި ސެނިޓައިޒާ ފުޅިތަކެއް ބެހެއްޓުމަށް ވެސް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
އެފްއޭއެމުން ނިންމާފައިވަނީ ދަނޑަށް މެޗު ބަލަން ވަނުމަށް ފަހު ނުކުމެވޭނީ މެޗު ނިމުމުން ކަމަށެވެ. މިއީ ކޮވިޑްގެ ހާލަތެއް ކަމަށްވާތީ ސަޕޯޓަރުން ވަދެ ނުކުމެ އުޅުން މަދުކުރަން ދަނޑުގައި ކެންޓީން ފަދަ ތަންތަން ހެދުމަށް ވަނީ ނިންމައިފަ އެވެ.

ގަލޮޅު ދަނޑުގެ ސަހަރާފަޅި: މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޭނުންކުރެވޭނީ ސަހަރާފަޅީގެ ތިރި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މީގެ ދެ އަހަރު ކުރިން ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރި އެވެ. މިހާރު އެ ދެ ފަޅި ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، އެ މުއްދަތުގައި ގައުމީ ޓީމުން ވަނީ އެ ދެ ފަޅިއަށް ސަޕޯޓަރުން ނުވައްދައި ވޯލްޑް ކަޕް ކޮލިފައިން މެޗުތަކެއް ކުޅެފަ އެވެ. އެ މެޗުތައް ކުޅުނުއިރު، ވަގުތީ ހައްލުތަކެއް ހޯދައިގެން ސަޕޯޓަރުން ވެއްދޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރަން ގޮވާލި ނަމަވެސް އޭރު އެކި ސަބަބުތަކާ ހުރެ އެކަން ނުކުރެވުނެވެ.
ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގެ ބިޑް ކާމިޔާބު ކުރުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވި ދުވަހުގައި ދަނޑަށް ސަޕޯޓަރުން ވެއްދުމަށް ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"ހަމަވަގުތުން (ރައީސް) ވިދާޅުވި ގައުމީ ޓީމު ކުޅޭ ކަމަށްވިއްޔާ ދިވެހި ރައްޔިތުން ދަނޑުގައި ތިބެންވާނެއޭ. އެ އިންތިޒާމްތައް ހަމަޖައްސައިދެއްވާނެ ކަމަށް ކަންކަން ރޭވިގެންދާނެ ކަމަށް ވިދާޅުވި،" ބައްސާމް ވިދާޅުވި އެވެ.
ސާފް ޗެމްޕިއަންޝިޕަށް ގަލޮޅު ދަނޑުގެ ތައްޔާރީތަކުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިހާރު އޮތްގޮތުން ދަނޑުގައި ސަޕޯޓަރުން ނުވެއްދޭނެ ތަނަކަށް އޮތީ ސަހަރާފަޅީ ސިޑީބަރީގެ މައްޗެވެ.
ބައްސާމް ވިދާޅުވީ މި ވަގުތަށް ބަލާއިރު ސަހަރާފަޅި މަތި ބޭނުންކުރެވޭނެ ކަމަށާއި އެތަން ބޭނުންކުރަން ބޭނުުންވާ ވަގުތެއް ނެތް ކަމަށެވެ.
"ސަހަރާފަޅީގެ މަތި ބޭނުންނުކުރާ ގޮތަށް މި ނިންމީ އެއީ ތަންކޮޅެއް އުސްވުމާ އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ ވަރަށް އެތަން މަރާމާތު ނުކުރެެވިދާނެތީ. ސަހަރާ ފަޅީ މަތި ފިޔަވަައި ހުރިހާ ދިމާލަކަށް ސަޕޯޓަރުން ވެއްދޭނެ،" ބައްސާމް ވިދާޅުވި އެވެ.
އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ސަރަަހައްދުގެ ހަތަރު ގައުމެއް ރާއްޖެ އަންނާނެ އެވެ. އެއީ އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ.
ބައްސާމް ވިދާޅުވީ ސިއްހީ ގައިޑްލައިންތައް ސަރަހައްދުގެ ހުރިހާ ގައުމަކަށް ފޮނުވާފައިވާ ކަމަށާއި އެ އަށް އަމަލުކުރަން ހުރިހާ ޓީމަކަށް ލާޒިމްވާނެ ކަމަށެވެ. އަދި މި މުބާރާތް ރައްކާތެރިކަން ކަަށަވަރުކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ސަރަހައްުުދުގެ ހުރިހާ ގައުމަކުން ރާއްޖެ އަށް އިތުބާރު ކުރާ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.











