ބަންގްލަދެޝްގެ ވެރިރަށް ޑާކާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގައި ފަށަން ޔޫއެސް ބަންގްލާ އެއާލައިނުން ނިންމައިފި އެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ރާއްޖެއަށް ދަތުރުކުރާނީ 164 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެއް ކަމަށާއި ހަފުތާއަކު ހަތަރު ދަތުރުކުރާނެ ކަމަށެވެ.
ޑާކާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން ބަންގްލަދޭޝުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ އެވެ. އަދި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ދަތުރުކުރަން މިހާރަށް ވުރެ ފަސޭހަތަކެއް ވެގެންދާނެ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ފެށި ޔޫއެސް ބަންގްލާ އެއާލައިނަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކުންފުންޏެވެ. އެ އެއާލައިނަކީ އެ ގައުމުގެ ދެ ވަނަ އަށް އެންމެ ބޮޑު ފްލީޓް ވެސް ގެންގުޅޭ އެއާލައިނެވެ. މިހާރު އެ އެއާލައިނުގެ ފްލީޓް ގައި 14 އެއާކްރާފްޓް ހިމެނެ އެވެ.











