އދ. އާންމު މަޖިލީހަށް ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި

ރައީސް ސޯލިހުގެ ދެކަނބަލުން މިއަދު ހެނދުނު އެމެރިކާއަށް ފުރާވަޑައިގަންނަވަނީ: އދ.ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ތަގުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހު. -ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހުގެ ދެކަނބަލުން މިއަދު ހެނދުނު އެމެރިކާއަށް ފުރާވަޑައިގަންނަވަނީ: އދ.ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ތަގުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހު. -ފޮޓޯ: ރައީސް އޮފީސް

އދ. އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ހެނދުނު އެމެރިކާގެ ނިއު ޔޯކަށް ފުރާވަޑައިގެންފި އެވެ.

އެ ސެޝަނުގައި ރައީސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.

އދ. ގެ ސެކްރެޓޭރިއަޓުން އާންމުކޮށްފައިވާ ވަގުތީ އެޖެންޑާގައިވާ ގޮތުން، ރައީސް ސޯލިހު ތަގުރީރުކުރެއްވުމަށް ތާވަލުކުރެވިފައިވަނީ ފުރަތަމަ ދުވަހުގެ ސެޝަންގައި ތިން ވަނަ އަށެވެ. އޭގެ ކުރިއަށް ތިއްބެވީ، ބްރެޒިލް އާއި އެމެރިކާގެ ލީޑަރުންނެވެ.

އދ. ގައި ތަގުރީރުކުރެއްވުމުގެ އިތުރުން، ޖަލްސާގެ ހަވާސާގައި ގިނަ ގައުމުތަކުގެ އިސް ވެރިންނާ އެކު ރައީސް ބައްދަލުވުންތައް ކުރިއަށްގެންދަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ރައީސް އެމެރިކާގައި ހުންނަވާނެ އެވެ.

އެމަނިކުފާނު ތަގުރީރުކުރައްވާއިރު، ރިޔާސަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންނަވާނެތީ، އެ ވަގުތު ވެގެންދާނީ ރާއްޖެއަށް ތާރީހީ ވަގުތު ކޮޅަކަށެވެ.

ޖުމްލަ 193 ގައުމުގެ މައްޗަށް އެކުލެވޭ އދ. ގެ މި އަހަރުގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ޝާހިދު އެވެ. މަޖިލިސް ރަސްމީކޮށް މި ދައުރަށް ހުޅުވައި ޝާހިދު މިހާރު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފަ އެވެ.

މިއީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ. ގައި ތަގުރީރުކުރައްވާ ދެވަނަ ފަހަރެވެ. އެމަނިކުފާނު 2019 ވަނަ އަހަރު އދ. ގައި ތަގުރީރުކުރައްވާފައިވަނީ، ރާއްޖޭގެ އެންމެ އިސްވެރިޔާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުންނެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރު އާންމު މަޖިލީހުގެ ބަހުސް ބާއްވާފައިވަނީ އޮންލައިންކޮށެވެ. ހުރިހާ ގައުމުތަކުން ކުރިން ރެކޯޑްކޮށްފައިވާ މެސެޖުތަކެއް އިއްވާފައިވާއިރު، މިދިޔަ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ އަބްދުﷲ ޝާހިދެވެ.

މި ދަތުރުފުޅުގައި މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ރައީސް އެމެރިކާގައި ހުންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox