އޮޔާއެކު ރަސްފަންނަށް ކަޅުތެޔޮ ވަދެ، އެ ސަރަހައްދުގެ ތަޣައްޔަރުވެފައިވާތީ، އެތަނަށް މޫދަން އެރުން މަނާކޮށްފި އެވެ.
އާންމުކޮށް މީހުން މޫދަށް އެރި އުޅޭ ސަރަހައްދު ކަޅުތެލުން ތަޣައްޔަރުވެފައިވާއިރު، ރާޅުޖަހައި ހިސާބުގެ ވެލިގަނޑު ވެސް ވަނީ ކަޅުވެފަ އެވެ.
ފުލުހުން ވެސް މިހާރު އެ ސަރަހައްދު ބަލަހައްޓަމުންދާއިރު، މިއަދު ހަވީރު އެ ސަރަހައްދަށް މޫދަށް އެރިތިބި މީހުން ފުލުހުންނާއި ސިފައިން ވެގެން ވަނީ އަރުވައިފަ އެވެ.
ފުލުހުންގެ މީޑިޔާ އޮފީޝަލު "އަދަދު"އަށް ވިދާޅުވީ އެ ސަރަހައްދަށް ތެލުގެ އަސަރު ކޮށްފައިވާ ކަމަށާއި، އެތަނަށް މޫދަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިރޭ "އަދަދު"އަށް ވިދާޅުވި ގޮތުގައި އެ ސަރަހައްދަށް ތެލުގެ އަސަރު ކުރި ގޮތް މިހާރު ބަލަމުން އަންނަ ކަމަށެވެ.

"އެ ސަރަހައްދުން ސާމްޕަލް ނަގައިގެން ބެލުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުން،" ނައީމް ވިދާޅުވި އެވެ.
ރަސްފަންނަށް ތެޔޮ ޖަމާވަމުންދަނީ އިއްޔެ މާލެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ވިލިނގިލި ފަރުމައްޗަށް ތެޔޮ ބޯޓެއް އަރާފައިވަނިކޮށެވެ.
ނަމަވެސް، ރަސްފަންނު ސަރަހައްދަށް ތެލުގެ އަސަރު ކޮށްފައިވަނީ އެ ބޯޓުން ތެޔޮ ލީކުވެގެން ނޫން ކަމަށް ނައީމް ވިދާޅުވި އެވެ.
ސިފައިން މިހާރު ދަނީ އެ ސަރަހައްދު ބަންދުކޮށްގެން ތެޔޮތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.












