މެންޗެސްޓާ (ސެޕްޓެމްބަރު 16) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން އިޓަލީގެ މަޝްހޫރު ކޯޗު އެންޓޯނިއޯ ކޮންޓޭ ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިިދިޔަ ސީޒަނުގައި އިންޓަ މިލާނަށް 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދައިދިންތާ މާ ގިނަ ދުވަހެއް ނުވެ ކޮންޓޭ އެ ޓީމު ކޯޗުކަން ދޫކޮށްލީ ސަބަބުތަކާ އެކު އެވެ. އެއީ އިންޓަ ހިންގަމުން އަންނަ ޗައިނާގެ ކުންފުނި, ސަނިން ހޯލްޑިންގްސް ގްރޫޕުން ކްލަބްގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން ނިންމުމާ އެކު އެވެ. ކޮންޓޭ އިންޓަ ދޫކޮށްލީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައި ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ.
މި ސީޒަން ފެއްޓުމުގެ ކުރިން ކޮންޓޭ ވަނީ ރެއާލް މެޑްރިޑާއި ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވާން މަޝްވަރާކޮށްފަ އެވެ. އެކަމަކު، އޭނާ ބޭނުންވާ ވަރުގެ ޕްރޮޖެކްޓެއް އެ ކްލަބްތަކުގައި ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުން އެ ދެ ކްލަބްގެ ހުށަހެޅުން ދޫކޮށްލި އެވެ.
ސްކައި އިޓާލިއާ އިން ރިޕޯޓްކުރާގޮތުގައި ކޮންޓޭ ދެން ހަވާލުވާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ އެވެ. ދާދި ފަހުން އިނގިރޭސި މީޑިއާގައި ވަނީ ކޮންޓޭ އާއި އާސެނަލާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ދައްކައިފަ އެވެ. އެކަމަކު، އިޓަލީގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި މި ވަގުތަށް ބަލާއިރު، އިނގިރޭސި ކްލަބަކާ ހަވާލުވާނަމަ ކޮންޓޭ ބޭނުމީ ޔުނައިޓެޑާ ގުޅޭށެވެ.
ކުރިން ޗެލްސީ އާއި ޔުވެންޓަސް އަށް ކޯޗުކޮށްދިން ކޮންޓޭ އަކީ އޭނާ މަސައްކަތްކުރި ކޮންމެ ކްލަބެއްގައި ވެސް ކާމިޔާބު ހޯދި ކޯޗެކެވެ. ޔުނައިޓެޑުން ފާއިތުވި ހަތަރު އަހަރު ކާމިޔާބެއް ނުލިބި ނިންމާލާފައިވާއިރު، މި ސީޒަނުގައި ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އެ ޓީމު ގޮވައިގެން ކާމިޔާބެއް ނުހޯދިއްޖެނަމަ ވަޒީފާ ނުދެމެހެއްޓޭނެ އެވެ.
މި ސީޒަން ފެއްޓުމުގެ ކުރިން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސޯލްޝެއާ ވަނީ ޔުނައިޓެޑްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގައި މި ފަހަރު ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން ޔުނައިޓެޑް ބަލިވުުމުން ސޯލްޝެއާ އަށް މި ސީޒަން ނިމެންދެން ވަޒީފާގައި ދެމި ހުރެވިދާނެތޯ ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ކޮންޓޭ ވަނީ އޭނާ މަސައްކަތްކުރި ކްލަބްތަކުގައި ތަފާތު ދައްކައިފަ އެވެ. ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކުރިއިރު، ޗެލްސީއާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. ޗެލްސީގެ ކޯޗުކަމުން 2018 ވަނަ އަހަރު ވަކިކުރި ނަމަވެސް އޭނާ އެ ސީޒަނުގައި ވަނީ އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދީފަ އެވެ. އަދި މިިދިޔަ ސީޒަނުގައި ގިނަ އަހަރުތަކަކަށް ފަހު އިންޓަ އަށް އިޓަލީގެ ޗެމްޕިއަންކަން ހޯދައިދިނެވެ.












