އިންޑިއާ އިން ރާއްޖެ އަށް މިހާރު ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު ސަންޖޭ ސުދީރުގެ ބަދަލުގައި، އާ ހައި ކޮމިޝަނަރެއް އައްޔަންކޮށްފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ބުނީ ރާއްޖެ އަށް މި ފަހަރު ކަނޑައެޅީ އޮމާނުގައި މިވަގުތު ހުންނެވި އިންޑިއާގެ އެމްބެސެޑަރު މުނޫ މަހާވަރް ކަމަށެވެ. އޭނާ ވަރަށް އަވަހަށް ރާއްޖެ ވަޑައިގެން މަގާމާ ހަވާލުވާނެ އެވެ.
އިންޑިއާގެ ފޮރިން ސާވިސަސްއާ 1996 ވަނަ އަހަރު ގުޅުނު މަހާވަރް ވަނީ 1998-2001 އަށް ރަޝިއާގެ ވެރިރަށް މޮސްކޯ އަދި 2008-2011 އަށް ސްވިޒަލެންޑުގެ ޖެނީވާގެ ޑިޕްލޮމެޓިކް މިޝަންގައި މަސައްކަތްކޮށްފަ އެވެ.
މީގެ އިތުރުން ބޮޑުވަޒީރުގެ އޮފީހުގެ ޑިރެކްޓަރުކަމާއި އެކްސްޓާނަލް އެފެއާޒްގެ ޔޫއެން ޕޮލިޓިކަލް ޑިވިޝަނުގައި މަސައްކަތްކޮށްފަ އެވެ.
ރާއްޖޭގައި މިހާރު ހުންނެވި ހައި ކޮމިޝަނަރު ސުދީރު މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މާޗު މަހު އެވެ. އޭނާ ވަނީ މި ސަރުކާރުން 2018 ވަނަ އަހަރު ވެރިކަމަށް އައިސް އިންޑިއާއާ ބަދަހި ކުރި ގުޅުމާ އެކު، ލިބުނު ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.













