ޖޭޕީގެ ލީޑާޝިޕާ ހަވާލުވީ ގާސިމް އެދިގެންކަމަށް ވިދާޅުވެ ރިޔާޒް ރައްދުދެއްވައިފި

އަބްދުﷲ ރިޔާޒް މަޖިލީހުގެ ޖަލްސާއެއްގައި: ވިދާޅުވީ ގާސިމްއަށް ކޮށްދެއްވި ކަންތައްތަކުގެ ވާހަކަ ދައްކަވަމުން ބޭނުންނުވާ ކަމަށް. --

އަބްދުﷲ ރިޔާޒް މަޖިލީހުގެ ޖަލްސާއެއްގައި: ވިދާޅުވީ ގާސިމްއަށް ކޮށްދެއްވި ކަންތައްތަކުގެ ވާހަކަ ދައްކަވަމުން ބޭނުންނުވާ ކަމަށް. --

ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާ ހަވާލުވެވަޑައިގަތީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަށް ލިޔުމުން އެދިވަޑައިގަތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ރިޔާޒްގެ ފަރާތުން ޖޭޕީގެ ލީޑަރަށް ރައްދެއް ދެއްވާފައި މި ވަނީ އޭނާ އާއި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޕާޓީގައި ހުންނަވައިގެން މަސައްކަތް ކުރީ ލީޑާޝިޕް ހޯދުމަށް ކަމަށް ވިދާޅުވެ ގާސިމް ވަރަށް ބޮޑަށް އިއްޔެ ފާޑުވިދާޅުވެފައި ވަނިކޮށެވެ.

އެކަމަކު "އަދަދު" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވީ ޖޭޕީގެ ލީޑާޝިޕާ އޭނާ ހަވާލުވީ ގާސިމް ޖަލަށްލުމުން ޕާޓީ ހިންގުމަށް ލިޔުމަކުން އެދުމުން ކަމަށެވެ. އަދި ގާސިމް ހުންނެވި މަގާމަށް އައުމަށް އެއްވެސް އިރަކު މަސައްކަތް ނުކުރައްވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ގާސިމް ޖަލަށްލުމާ ގުޅިގެން ޕާޓީގެ ހިންގުން އަޅުގަނޑާ ލިޔުމުން ހަވާލު ކުރި. ގާސިމް ރާއްޖެއިން ބޭރުގައި ހުރިއިރު ޕާޓީ ހިންގުމުގެ މަސައްކަތްތައް ކުރީ އަޅުގަނޑު،" ކުރިން ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ އިސް މަގާމްތަކެއް ފުރުއްވި ރިޔާޒް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ހިންގެވުމާ ހަވާލުވެ ހުންނެވި ދުވަސްވަރު އޭނާ މަސައްކަތް ކުރީ ވަރަށް އިހްލާސްތެރިކޮށް، ޕާޓީއަށް ފައިދާވާނެ ގޮތްތަކަށް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީ ވަރުގަދަ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ އަޅުގަނޑު ޖަލަށްލުމާ ހަމައަށް. ކިޔަވައިގެން ތިބި ވަރަށް ގިނަ މީހުން ޕާޓީއަށް ވައްދާފައި ހުންނާނެ. އަސާސީ ގަވާއިދު އިސްލާހު ކުރުމަށް އިސް ނަގައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ލީޑަޝިޕަށް ގާސިމް ނޫން އިތުރު ބޭފުޅަށް އަންނާނެ ގޮތަކާމެދު ރިޔާޒް ސުވާލު އުފެއްދެވި އެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަޝިޕް ގާސިމް އަތުން ހޯދޭނެ ގޮތެއް ބުނުއްވަބައްލަވާ؟ އެތަނަކީ އެއްވެސް ކަހަލަ އިންޓާނަލް އިންތިހާބެއް އޮވެގެން ކުރިއަށްދާތަނެއް ވެސް ނޫން،" ރިޔާޒް ވިދާޅުވި އެވެ.

ގިނަ ދުވަސްތަކަކަށްފަހު މީޑިޔާއާ ބައްދަލުކޮށް އިއްޔެ ގާސިމް ވިދާޅުވެފައި ވަނީ ރިޔާޒާއި ނާޒިމަކީ "އަމިއްލަ އެދުމުން ފޯވެފައި ތިބި ގޮތެއް ނެތް ބައެއް" ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް ރިޔާޒް އާއި ނާޒިމްއަށް ކޮންމެ ބޭފުޅަކަށް ފަސް މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށެވެ.

"އަބްދުﷲ ރިޔާޒް ހޮވުނީ ކިތައް މިލިއަން ރުފިޔާ ހަރަދުކޮށްގެންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެ. ދާއިރާގެ މީހުންނަށް ގޮވައިގެން އަންނައިރަށް ކިތައް މީހުންނަށް ބޭސްފަރުވާގެ އެހީ ދިނިންތޯ؟ އޭނާގެ ދާއިރާގެ ކިތައް މީހުންނަށް ސްކޯލާޝިޕް ދިނިންތޯ. ބޭރަށް ފޮނުވައިގެން ކިޔަވައިދިނިންތޯ،" ރިސޯޓް ހިންގާ މަޝްހޫރު ވިލާ ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.

ނަމަވެސް ގާސިމް އެ ވާހަކަތައް ދޮގު ކުރައްވަމުން ރިޔާޒް ވިދާޅުވީ ގާނޫނާ ހިލާފަށް އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައި ނޯންނާނެ ކަމަށާއި "އެކަކު އަނެކަކަށް ކޮށްދިން ކަންތައްތަކުގެ ވާހަކައަކީ އަޅުގަނޑު ދައްކަން ބޭނުންވާ ވާހަކައެއް ނޫން" ކަމަށެވެ.

"އަޅުގަނޑު ކެމްޕެއިން ކުރީ ހަމައެކަނި އޮނަރަބަލް ގާސިމް އިބްރާހިމްގެ އެހީއަކު އެކަންޏެއް ނޫން. އަޅުގަނޑަށް ހެޔޮ އެދޭ ވަރަށް ގިނަ މީހުންގެ އެހީތެރިކަން ލިބުނު. ގާސިމްގެ އެހީތެރިކަން ވެސް ލިބުނު އެކަމަށް އަޅުގަނޑު އަބަދުވެސް ޝުކުރުވެރިވާނެ،" ރިޔާޒް ވިދާޅުވި އެވެ.

ކެމްޕެއިނުތަކަށް ފައިސާ ހަރަދު ކުރެވޭނީ ވަކި މިންވަރަކަށް ކަމަށް ބަޔާންކޮށްފައި އޮއްވާ ގާސިމް ގާނޫނާ ހިލާފަށް ފައިސާ ހަރަދު ކުރައްވާފައިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރަށް ހަރަދުކުރީތަ؟

"އަޅުގަނޑު ގަބޫލެއް ނުކުރަން އޮނަރަބަލް ގާސިމް އިބްރާހިމް ގާނޫނުގައި ކެމްޕެއިނުގައި ހަރަދު ކުރަންޖެހޭނީ ވަކި އަދަދަކަށް ކަމަށް ބަޔާންކޮށްފައި އޮންނައިރު ކެމްޕެއިނެއް ކުރުމަށް އެއަށްވުރެ ގިނައިން ގާނޫނާ ހިލާފަށް ފައިސާ ދެއްވާފާނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައި ވަނީ "އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދު ކުރަންވާނީ، އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1500ރ. މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށް" ކަމަށެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލިސް ހޮވުމަށް 2019 ވަނަ އަހަރު އިންތިހާބު ބޭއްވިއިރު ތިމަރަފުށީ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 2708 މީހުންނެވެ. އެހެންކަމުން ބޮލަކަށް 1500 ޖެހުމުން އެ ދާއިރާގެ ކެންޑިޑޭޓުންނަށް އެންމެ ގިނަވެގެން ހަރަދު ކުރެވޭނީ 4،077،000ރ. އެވެ.

ރިޔާޒް އާއި ނާޒިމް އިސްވެ ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ ރަޖިސްޓްރީ ކުރުމަށް އަންނަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އެ ޕާޓީއަކީ ދިވެހިރާއްޖޭގައި އާ ސިޔާސީ ފިކުރެއް އުފައްދައި ވަކި މީހެއްގެ ފަހަތުން އެނބުރޭ ފިކުރު ނައްތާލަން މަސައްކަތް ކުރުމުގެ މަގްސަދުގައި އުފައްދާ ޕާޓީއެއް ކަމަށް ވެސް ކުރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox