ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ހާއްސަ ވެބިނާއެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ސެޕްޓެމްބަރު މަހަކީ ދުނިޔޭގައި ފާހަގަކުރާ ޕީސީއޯސްއެސްއަށް މީހުން ހޭލުންތެރިކުރާ މަހެވެ. ޕީސީއޯއެސް އަކީ ހަށިގަނޑުގައި ހޯމަނަލް އިމްބްލެންސެއް ހުރުމުގެ ސަބަބުން މެދުވެރިވާ ހާލަތެކެވެ. ޕީސީއޯއެސް ހުންނަ އަންހެނުންގެ ހަށިގަނޑުގައި "އެންްޑްރޮޖެން" ނުވަތަ ފިރިހެން ހޯމޯން އާންމުކޮށް ހުންނަ މިންވަރަށްވުރެ ގިނައިން ހުރެ އެވެ. މީގެ ސަބަބުން އޯވަރީގައި ބައިވަރު ކުދި ސިސްޓްތަކެއް އުފެދުމަށް މެދުވެރިވެ އެވެ. އަދި ގަވާއިދުން މައްސަރު ކަންތައް ނުޖެހުމާއި އެކު ދަރިމައިވުމަށް ވެސް އުދަނގޫތަކެއް އާދެ އެވެ.
ފާޓިލިޓީ ސަޕޯޓް ގްރޫޕްގެ ފަރާތުން އިންތިޒާމް ކުރާ މި ވެބިނާގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލަނީ ޕީސީއޯއެސްގެ ސަބަބުން ދިމާވާ އިންފާޓިލިޓީ ނުވަތަ ދަރިމައިވުމުގެ މައްސަލަތަކަށެވެ. މިގޮތުން ޕެނަލިސްޓުންގެ ގޮތުގައި އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން އެންޑޯކްރޮނޮލޮޖީ ޑރ.މުހައްމަދު ޝިރުހާން އާއި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ. ޖުވޭރިޔާ އަހުމަދު ބައިވެރިވެޑައިގަންނަވާނެ އެވެ. އެއާއެކު ލައިސެންސްޑް ޑައިޓީޝަނެއް ކަމުގައިވާ އާމިނަތު އިއާޝާ ހުސެއިންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ވެބިނާ ހޮނިހިރު ދުވަހުގެ ރޭ 9 ޖަހާއިރު އޮންނައިރު ވެބިނާގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލެވިފަ އެވެ. ބައިވެރިވާ ފަރާތްތަކަށް ހާއްސަ ލިންކެއް ފާޓިލިޓީ ސަޕޯޓް ގްރޫޕްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަން ހުންނާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
ވެބިނާގައި އަލިއަޅުވާލާ މުހިންމު ކަންކަމުގެ ތެރޭގައި ޕީސީއޯއެސް ދެނެގަނެ ފަރުވާ ކުރުމާއި، މާބަނޑުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބެން ހުރި ފަރުވާތައް ހިއްސާކުރުމުގެ އިތުރަށް ޕީސީއޯއެސް ހުންނަ ފަރާތްތަކުގެ ކެއިން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅެންވީ ގޮތްވެސް ހިމެނެ އެވެ.












