މެރިން ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ 2021 ޑިސެމްބަރު 10 އިން 12 އަށް ހުޅުމާލެގައި ބާއްވާކަން އިއުލާނުކޮށްފި އެވެ.
މެރިން އެކްސްޕޯއަކީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރަސްމީ އިވެންޓެވެ. މިއީ އެ ޖަމިއްޔާއިން ލިވްއެބޯޑްތަކާއި މެރިން ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ކުރިއެރުމަށްޓަކައި 2014 ވަނަ އަހަރުން ފެށި އެކްސްޕޯއެކެވެ.
ވޯޓާސްޕޯޓްސް ފެސްޓިވަލަކާއެކީ ބާއްވާ މިއަހަރުގެ މެރިން އެކްސްޕޯގައި އަލަށް ތައާރަފުކުރާ ކަންކަމުގެ ތެރޭގައި މެރިން ފުޑްސް އަދި ކަނޑުގެ ކުޅިވަރުތަކާއި އެންޑިއުރަންސް ހަރަކާތްތައް ހިމެނެ އެވެ. އަދި އެގްޒިބިޝަން އޭރިއާއަކާއި، ބޯޓް ޑިސްޕްލޭއަކާއި، ސެމިނާތަކާއި ވާކްޝޮޕްތައް އެކްސްޕޯގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މެރިން ފުޑްސް އަދި ވޯޓާސްޕޯޓްސްގެ ބައި މިއަހަރުގެ އެކްސްޕޯގައި ހިމެނުމާ ގުޅިގެން މެރިން އެކްސްޕޯ އިންތިޒާމުކުރާ ފަރާތްތަކުން ބުނީ، އެކްސްޕޯގައި މި ބައިތައް ހިމެނީ މިއީ ވެސް މެރިން ސިނާއަތަށް މުހިންމު ދާއިރާތަކަކަށް ވާތީ ކަމަށެވެ.
އެގޮތުން ކަނޑުގެ ދިރުންތަކުން ވެލިއު އެޑްކޮށްގެން ކާބޯތަކެތީގެ އުފެއްދުންތައް އުފައްދާ ވިޔަފާރިތަކަށް އެކްސްޕޯގައި ފުރަތަމަ ފަހަރަށް ބައިވެރިވެވޭނެ އެވެ. އަދި ވޯޓާސްޕޯޓްސްގެ ބައި ކުރިޔަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެން މުބާރާތެއް ގޮތަށެވެ.
އެގްޒިބިޓަރުންނަށް ހުރި ފުރުސަތުތަކަށް ބަލާއިރު، ދެ ސައިޒެއްގެ އައުޓްޑޯ ޓެންޓު ހުންނާނެ އެވެ. އަދި އެއްވެސް ޓެންޓެއް ނުލާ ހުންނަ ހުސް ޖާގަތައް ވެސް ހުރެ އެވެ. މީގެ އިތުރުން ބޯޓު ބިލްޑަރުންނަށް އެއްގަމުގައި ބޯޓުތައް ދައްކާލާނެ ހާއްސަ ބޯޓު ޑިސްޕްލޭ ސަރަހައްދެއް އޮންނާނެ އެވެ.
މި އެކްސްޕޯ އިންތިޒާމުކުރުމުގެ ކަންކަން މިއަހަރު ހަވާލުކުރީ މީޑިއަމް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި އެކްސްޕޯގައި އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށް މީޑިއަމްއިން ވަނީ ބުނެފަ އެވެ.










