އަންނަ މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރާނަމަ އިންޑިއާ ބަލިކުރަން ޖެހޭނެ ކަމަށް ނޭޕާލްގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލްމުތައިރީ ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާ އާއި ނޭޕާލުން ދެ މެޗެއް ކުޅެން ވަނީ ނިންމައިފަ އެވެ. ކަތުމަންޑޫގައި ކުޅޭ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން އިއްޔެ ވަނީ ދަސްރަތު ސްޓޭޑިއަމްގައި 1-1 އިން އިންޑިއާ އާއި ނޭޕާލް އެއްވަރުވެފަ އެވެ.
އިންޑިއާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ނޭޕާލަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ އަންޖަން ބިސްޓާ އެވެ. އޭނާ މި ގޯލު ޖެހީ އިންޑިއާގެ ގޯލުގައި ހުރި ބެންގަލޫރުގެ ކީޕަރު ގުރްޕްރީތު ސިންހް ކައިރިން ނައްޓާފައި ގޮހެވެ. ދެ ވަނަ ހާފްގައި ސުނިލް ޗެތުރީ ޖެހި ޝޮޓެއްގައި ނޭޕާލްގެ ކީޕަރު ކިރަން ކުމާރް އަތުގައި ޖެހިފައި ނުކުތް ވަގުތު އަނިރުދް ތާޕާ ވަނީ އިންޑިއާ އަށް އެއްވަރުކޮށްދީފަ އެވެ. އިންޑިއާ މޮޅުކޮށްދޭން މަންވީރު ސިންހަށް ރަނގަޅު ބޯޅަތަކެއް ލިބި ބޭނުން ނުކުރެވުނެވެ.
މެޗުގެ ކުރިން ނޭޕާލްގެ ކޯޗު މުތައިރީ ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވާން ބޭނުން ކަމަށް ބުނެފަ އެވެ. ރޭގެ މެޗަށް ފަހު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވިދާނެތޯ އަމާޒުވި ސުވާލަށް މުތައިރީ ބުނީ އެކަން ކުރެވޭނީ ޔަގީނުން ވެސް އިންޑިއާ ބަލިކޮށްގެން ކަމަށެވެ.
"އަހަރެމެން މި އަށް ވުރެ ރަނގަޅަށް ކުޅެން ޖެހޭ. ދެ ވަނަ ހާފްގެ 15 ވަރަކަށް މިނިޓަށް ކޮންސަންޓްރޭޝަން ނުދިޔަ ނަމަ މިއީ މޮޅުވާނެ މެޗެއް އަހަރެމެން. ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރާނަމަ މިއަށް ވުރެ މޮޅަށް ކުޅެން ޖެހޭނެ. ޔަގީނުން ވެސް އިންޑިއާ ބަލިކުރަން ޖެހޭނެ،" މުތައިރީ ބުންޏެވެ. "އަހަރެން ފަހުރުވެރިވޭ ކުޅުންތެރިން މި މެޗުން މޮޅުވާން ކުރި މަސައްކަތާ މެދު،"

ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހު ބައްދަލުކުރާނީ ރާއްޖެއާ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުން ނޭޕާލް ކެޓީ ސެމީގައި ރާއްޖެ އަތުންނެވެ. ސާފަށް ތައްޔާރުވާން އިންޑިއާ އާއި ނޭޕާލް ކުޅޭ ދެ ވަނަ މެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ.
އިންޑިއާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ވަނީ ނޭޕާލް ދެ މެޗަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލިބުނު ރަނގަޅު ފުުރުސަތެއް ކަމަށް ބުނެފަ އެވެ. އަދި އިއްޔެގެ މެޗު އެއްވަރުވެގެން ނިމުނުއިރު، މި މެޗުން މޮޅެއް ލިބެން ޖެހޭނެ ވަރަށް މަސައްކަތްކުރި ޓިމަކީ އިންޑިއާ ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ. އަދި މެޗުގައި އިންޑިއާ އަށް ދިމާވި އެންމެ ބޮޑު ސަބަބަކީ ރަނގަޅު ފުޓްބޯޅައެއް ކުޅެވޭނެ ހާލަތުގައި މެޗު ކުޅުނު ރަސްރަތު ސްޓޭޑިއަމް ނެތުން ކަމަށް ސްޓިމަކް ބުންޏެވެ.
"ކޮލިޓީ ފުޓްބޯޅައެއް ނޫން މި ފެނުނީ. ދަނޑުގެ ވިނަގަނޑު އޮތީ ދަށް ހާލަތެއްގައި. މިއީ ޓީވީ ކައިރީގައި މެޗު ބަލަން ތިބި މީހުންނާއި ޕަބްލިކަށް ވަރަށް ގަޔާވާ މެޗަކަށް ވެދާނެ. މި މެޗު ދިޔަ ގޮތާއި ފުރުސަތު ތަނަވަސްކޮށްފައި ހުރި ގޮތަށް ބަލާއިރު އިންޑިއާ އަށް މޮޅެއް ހައްގު. އަހަރެމެން ކޮޅަށް ވަން ގޯލަކީ ޑިފެންސިވް މިސްޓޭކެއް. އެއީ އެހާ ގިނައިން ފެންނަ މަންޒަރެއް ނޫން،" ސްޓިމަކް ބުންޏެވެ.
އިންޑިއާ އިން ފާއިތުވި އަހަރުތަކުގައި ސާފް ޗެމްޕިއަންޝިޕަށް ފޮނުވާފައިވަނީ ޒުވާން ސްކޮޑެކެވެ. އެކަމަކު މި ފަހަރު ސީނިއާ ގިނަ ކުޅުންތެރިންނާ އެކު އޮތް ޓީމެއް ފޮނުވަން ނިންމީ ޕްރެޝަރެއް އޮތުމުންތޯ ސުވާލުކުރުމުން ސްޓިމަކް ބުނީ އަދި ޓީމު ފައިނަލްނުވާ ކަމަށާއި ސާފް ޗެމްޕިއަންޝިޕްގެ ބޭނުންހިފާނީ އޭޝިއަން ކަޕްގެ ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ އިން މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަަމަ މެޗުގައި އަންނަ މަހު ހަތަރު ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މިިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި އިންޑިއާ އިން ވަނީ ޗެތުރީގެ ދެ ގޯލާ އެކު 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.













