ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި ބައިނަލްއަގުވާމީ ފެންވަރަށް ގައުމީ ދަނޑުތައް ތަރައްގީކުރަން އިންޑިއާ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި ލައިން އޮފް ކްރެޑިޓަކީ މިހާރު ރާއްޖޭގައި ހުރި ކުޅިވަރު ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މާލެ އާއި އަތޮޅުތެރޭގައި ކުޅިވަރު ފެސިލިޓީތަކާއި ދަނޑުތައް އަޅަން ސަރުކާރުން ނެގި ލޯނެކެވެ. އަދި މި ލޯނު ފައިސާ ބޭނުންކޮށްގެން ފުޓުބޯޅަ އާއި، ވޮލީބޯޅަ އާއި، ބާސްކެޓްބޯޅަ އާއީ ޓީޓީ ކުޅުންތެރިންނަށާއި ދުވުންތެރިންނަށް ބޭނުންވާ ވަސީލަތްތަކާއި ޒުވާނުންގެ މަރުކަޒުތައް އަޅަން ވަނީ ނިންމާފަ އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ފައިސާ އިން ހިންގާ މަޝްރޫއުތައް ހިއްސާ ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، މި ފައިސާ ބޭނުންކޮށްގެން ގަލޮޅު ދަނޑު އިތުރަށް ތަރައްގީކުރުމަށާއި ގައުމީ ފެންވަރުގެ ކުޅިވަރު ސެންޓަރުތަކެއް އަޅާނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި ދުވާނުންގެ މަރުކަޒުތަކާއި ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ކުޅިވަރަށް ހާއްސަ ކްރެޑިޓް ލައިނުން ހަރަދުކުރާ މަޝްރޫއުތައް
- ހދ. ކުމުންޑޫ އަދި ތ. ކަނޑޫދޫ ޔޫތް ސެންޓާ އިމާރާތްކުރުން
- ގަލޮޅުދަނޑު ތަރައްގީކުރުން
- ނެޝަނަލް ބާސްކެޓްބޯލް ސެންޓާ މަލްޓިޕްލެކްސް އިމާރާތްކުރުން
- ނެޝަނަލް ވޮލީބޯލް ކޯޓެއް އެޅުން
- ނެޝަނަލް ޓޭބަލްޓެނިސް ސެންޓާއެއް އިމާރާތްކުރުން
- ކުޅުދުއްފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއް އިމާރާތްކުރުން
- ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިތަދޫގައި ސިންތެޓިކް ޓްރެކެއް އެޅުން
މީގެ ދެ އަހަރު ކުރިން ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރީ އަވަސް މުސްތަގުބަލެއްގައި ދަނޑުގެ މަސައްކަތް ފެށުމުގެ ވިސްނުމުގަ އެވެ. އެކަމަކު، މިހާރު އެ ދެ ފަޅި ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް މިހާތަނަށް މަސައްކަތް ނުފެށި އޮތީ ބަޖެޓް އެއްކޮށް ހަމަނުޖެހޭތީ ކަމަށް މީގެ ކުރިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ލެވަލްގެ މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރެވޭނެ ފެންވަރަށް ވަސީލަތްތައް ތަރައްގީ ކުރަން ކުރާ މަސައްކަތުގައި މި ކްރެޑިޓް ލައިނުން ލިބޭ ފައިސާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ އެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ކްރެޑިޓް ލައިނުން ހޭދަކޮށްގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ދާއިރާ އިތުރަށް ކުރިއަރަން މަގުފަހިވާނެ އެވެ. އަދި މީގެ ސަބަބުން ކުޅުންތެރިންނަށާއި އެތްލީޓުންނަށް ތަމްރީނުވުމުގެ އިތުރު ފުރުސަތުތަކެއް ލިބިގެންދާއިރު، ރާއްޖޭން ބޭރަށް ޓްރެއިނިން ކޭމްޕް ދިއުމަށް ކުރާ ހޭދަތަކަށް ވެސް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.












