އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން ސޮއިކޮށްފި އެވެ.
ސައުދީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ޔާސިރް އަލް މިސެހާލް އެވެ. އަރިހުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އާއި ސައުދީ ފުޓްބޯޅައިގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް އަލްކަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.
"މިއީ ދިވެހި ފުޓްބޯޅަ އަށް ވަރަށް މުހިއްމު ދުވަހެއް. ސައުދީ ފުޓްބޯޅަ ފެޑެރޭޝަނާ އެކު މި ސޮއިކުރެވުނު އެއްބަސްވުމާ އެކީ ރާއްޖޭގެ ފުޓްބޯޅަ ޑިވެލޮޕްމަންޓަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމުގައި ދެ ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން އަންނަ ބައްސާމްގެ ލީޑަޝިޕް އައި ފަހުން އެފްއޭއެމުން އަންނަނީ ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން މީގެ ކުރިން ގަތަރާއި ޖަޕާން އަދި ދެކުނު ކޮރެއާއާ އެކު ވެސް ވަނީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ކަންކަމުގައި އެއްބަސްވުމަކަށް އަތުވެފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ ޓީމުތަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އެހެން ގައުމުތަކުގެ ފަރާތުން ވެސް ފުރުސަތުތަކެއް ލިބިގެންދެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާ، "އަދަދު" އަށް ވިދާޅުވީ ސައުދީއާ އެކު ވެވުނު އެއްބަސްވުމާ އެކު ރާއްޖޭގެ ފުޓްބޯޅަ ޑިވެލޮޕްކުރުމުގެ މުހިއްމު ބައިތަކުގެ ތެރޭގައި ހިމެނޭ ޓްރެއިނިން ކޭމްޕްގެ ފުރުސަތާއި ކޯޗުންނާއި އެޑްމިނިސްޓްރޭޓިވް މީހުން ތަމްރީން ކުރުމުގެ އިތުރުން އެހެނިހެން މުހިއްމު ޓެކްނިކަލް ސަޕޯޓް ދޭން ސައުދީން ވަނީ ނިންމައިފަ އެވެ.

ސައުދީ ފުޓްބޯޅައިގެ ރައީސް ޔާސިރް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި ޖެނެރަލް ސެކްރެޓަރީ ޖަވާޒް މަޝްވަރާކުރައްވަނީ
މި އެއްބަސްވުން ގާއިމްނުކުރަނިސް ވެސް ސައުދީން އައީ އެފްއޭއެމަށް އަދި ދިވެހި ފުޓްބޯޅަ އަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.
އެ ގޮތުން އޭއެފްސީ ކަޕްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ ކްލަބްތައް ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ވަނީ ސައުދީގައި ޓްރެއިނިން ކޭމްޕް ފުރިހަމަކޮށްފަ އެވެ. އަދި ޒުވާން ގައުމީ ޓީމެއް ވެސް ވަނީ ސައުދީ އަށް ގޮސްފަ އެވެ.
ރާއްޖޭގެ ކޮންމެ ޓީމެއް ސައުދީ އަށް ދިޔަ ކަމުގައި ވިޔަސް އެފްއޭއެމާއި ސައުދީ ފެޑެރޭޝަން އޮންނަ ބަދަހި ގުޅުމުގެ ތެރެއިން ކުޅުންތެރިންނާއި އޮފިޝަލުންނަށް އުމްރާގެ މާތް އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ވެސް ދެ އެވެ.
ސައުދީ އަކީ ފުޓްބޯޅަ އަށް ބެލިޔަސް އޭޝިއާގެ ބޮޑު ބާރެކެވެ. ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ގާއިމްކޮށްފައިވާ މަތީ ފެންވަރުގެ ގައުމެކެވެ. ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ވެސް ކުޅޭ ވަރުގަދަ ލީގެއް އޮންނަ ގައުމެކެވެ.
ފަހަކަށް އައިސް ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ސީޒަން ހުޅުވާ ސުޕަ ކަޕް މެޗު ވަނީ ސައުދީގައި ކުޅެފަ އެވެ. އޭގެ ތެރޭގައި އިޓާލިއަން ސުޕަ ކަޕާއި ސްޕެނިޝް ސުޕަ ކަޕް ހިމެނެ އެވެ. ރާއްޖޭގެ ޓީމުތަކުން ސައުދީގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރާއިރު ވެސް ލިބެނީ އެންމެ މަތީ ފެންވަރުގެ ވަސީލަތްތަކެވެ.
އެފްއޭއެމް އިން މީގެ ކުރިން ވަނީ ސައުދީ އިސްކޮށް އޮވެ، އުފެއްދި ސައުތު ވެސްޓް ފުޓްބޯލް އެސޯސިއޭޝަން (ސްވާފް)ގައި ވެސް ބައިވެރިވެފަ އެވެ.











