ލަންޑަން (އޮގަސްޓް 31) - އާސެނަލަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން ބޯހެސް އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމުން އެ ކްލަބް އަތުން ބޮޑު ހަރަދެއް ސަލާމަތްވެއްޖެ އެވެ.
އުމުރުން 33 އަހަރުގެ ވިލިއަން މިދިޔަ އަހަރު އާސެނަލަށް ބަދަލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އޭނާ އާސެނަލްގެ ކޮންޓްރެކްޓްގައި ހުރީ އަހަަރަކު 14 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. އާސެނަލްގައި ހޭދަކުރި ފުރަތަމަ ސީޒަނަށް ފަހު ވިލިއަން އެ ޓީމު ދޫކޮށްލަން ނިންމީ ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ. އެހެންވެ، އާސެނަލަށް ވަނީ ވިލިއަންގެ ކޮންޓްރެކްޓްގައިވާ ބާކީ މުއްދަތަށްވާ 28 މިލިއަން ޑޮލަރު ސަލާމަތް ކުރެވިފަ އެވެ.
ޗެލްސީ އަށް ހަތް އަހަރު ކުޅެދިން ވިލިއަން އާސެނަލާ ގުޅުނު އެންމެ ބޮޑު ސަބަބަކީ ބޮޑު މުސާރައެއް ދޭ ކްލަބަކަށް ބަދަލުވުން ކަމަށް ދެހަވާ ގޮތަކަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އާސެނަލް ދޫކޮށްލުމަށް ފަހު ނެރުނު ބަޔާނުގައި ވިލިއަން ވަނީ އެ ވާހަކަތަކަށް ޖަވާބު ދީފަ އެވެ.
"އަހަރެންގެ މުޅި ކެރިއަރުގައި އަހަރެން މަސައްކަތްކުރީ އެއިރަކު ހުރި ކޮންމެ ޓީމަކަށް އެންމެ މޮޅަށް ކުޅެވޭތޯ. ކާމިޔާބު ހޯދަން ކުރެވުނު ހުރިހާ ކަމެއް ކުރިން. އެކަމަކު ހިތާމަ އަކީ އާސެނަލްގައި އަހަރެން ބޭނުންވި ގޮތަކަށް ނޫން ދިޔައީ. އެކަމަށްޓަކައި އަހަރެން (ސަޕޯޓަރުން ކިބައިން) މައާފަށް އެދެން،" ވިލިއަން އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އާންމުކުރި ބަޔާނުގައިވެ އެވެ.
"ވަރަށް ގިނަ މީޑިއާތަކުން އަހަރެންނާ މެދު ތަފާތު ގޮތްގޮތަށް ލިޔެފައިވޭ. އަހަރެން މި ޓީމަަށް އައީ މާލީ ގޮތުން ފައިދާ ހޯދަން ކަމަށް ބުނެ. އެކަމަކު އެއީ ހަގީގަތެއް ނޫން،"
މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލަށް ކުޅެދިން 25 މެޗުން ވިލިއަން ޖެހީ އެންމެ ގޯލެކެވެ. މި ސީޒަނުގައި މިހާތަނަށް އާސެނަލްގެ އެއްވެސް މެޗަކުން ވިިލިއަން ނުފެނެ އެވެ. އޭނާ މިހާރު ވަނީ އާސެނަލް ދޫކޮށް ބްރެޒިލްގެ ކޮރިންތިއަންސް އަށް ބަދަލުވާން ނިންމައިފަ އެވެ.
ބްރެޒިލް ގައުމީ ޓީމަށް 70 މެޗު ކުޅެފައިވާ ވިލިއަން ސީނިއާ ކެރިއަރު ފެށީ ވެސް ކޮރިންތިއަންސް އިންނެވެ. އޭނާ ވަނީ ޔޫކްރެއިންގެ ޝަކްތާ ޑޮނެސްކް އާއި ރަޝިއާގެ އަންޒީ މަކަޗްކަލާ އަދި ޗެލްސީ އަށް ވެސް ކުޅެފަ އެވެ. ވިިލިއަން 2013 ވަނަ އަހަރު ޗެލްސީ އަށް ސޮއިކުރުމުގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އަށް ބަދަލުވުމާ ގާތަަށް ޖެހިލި އެވެ.












