ލީކްވެފައިވާ ކުރިމިނަލް ކޯޓުގެ ގާޒީންތަކެއްގެ އޯޑިއޯގައި ދައްކާފައިވާ ވާހަކަތައް މިނިވަންކަމާއެކު ތަހުގީގުކުރުމަށް ގޮވާލައި، އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި ލީކްވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީންތަކެއް ދެއްކެވި ވާހަކަތަކެކެވެ.
އެ ބެންޗުގައި ތިއްބެވީ އޭރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު ރަޝީދާއި އަދި ގާޒީ އަލީ އާދަމެވެ.
ލީކްވީ، ގާޒީ ފާއިޒާއި އަލީ އާދަމް އަދި ސަމީރު ކަމަށް ބެލެވޭ ބައެއްގެ އަޑު އިވޭ އޯޑިއޯތަކެވެ.

އެ ބޭފުޅުން ވާހަކަ ދައްކަވާފައިވަނީ ޔާމީނަށް އިއްވި ހުކުމާ ގުޅޭ ގޮތުންނެވެ. އެގޮތުން، ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ ވަނީ އެ ހުކުމާ ގުޅިގެން އެކި ކަހަލަ ނުފޫޒުތައް އޮތް ކަމަށް ދޭހަވާ ފަދައިން ވާހަކަ ދައްކަވާފަ އެވެ.
އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ޔާމީނަށް އިއްވި ހުކުމަކީ ބޭއިންސާފުން، ހެކި އުފައްދައިގެން، ނުފޫޒުން އިއްވާފައިވާ ހުކުމެއް ކަން އެ އޯޑިއޯތަކުން ސާފުވާ ކަމަށެވެ.
އެހެންކަމުން، އާދަމް ޝަރީފް ވަނީ އެ އޯޑިއޯތަކުގެ މައްޗަށް މިނިވަން ތަހުގީގެއް ހިންގައި ދިނުމަށް ގޮވާލައްވައިފަ އެވެ.
ނަމަވެސް، އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި، އެ މައްސަލަ ބަލައިނުގަތުމަށް ފާސްވެފައިވަނީ 20 މެމްބަރުންގެ ވޯޓާއެކު އެވެ.
އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ލިބުނީ އެންމެ ހަތް މެމްބަރުންގެ ތާއީދެވެ.
އެ އޯޑިއޯތައް ލީކުވުމާއެކު އިދިކޮޅުން ދަނީ ކަންބޮޑުވުންފާޅުކޮށް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތަހުގީގުކުރަމުން އަންނައިރު، އެ އޯޑިއޯތަކުގައި އަޑުއިވޭ ވާހަކަތައް ދެއްކެވި ކަމަށް، އެކަމުގެ ތުހުމަތުކުރެވޭ ފަނޑިޔާރުން ވަނީ ދޮގު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން އިސްވެ ޖުޑީޝަލް ތަހުގީގެއް ހިންގަން ޔާމީންގެ ވަކީލުން ގޮވާލާފައިވާއިރު، މަޖިލީހުގައި އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި އަލީ ޒާހިރު ވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ދޮގު ކުރައްވައި، އޯޑިއޯތަކުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެދިވަޑައިގެންފައިވާކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.













