އަންނަ އޮކްޓޫބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕާ އެކު ގައުމަށް އުފާވެރިކަން ގެނެސްދޭން ބޭނުންވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ޕްރެކްޓިސް ރޭ ފެށިއިރު، ބައްސާމް ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވައި، ޓީމަށް ހިތްވަރުދެއްވައިފަ އެވެ.
ބައްސާމް ވިދާޅުވީ ޕްރެކްޓިސްތައް ފެށުމުން އެދުނީ ގައުމީ ޖޯޝުގައި ހުރިހާ ކުޅުންތެރިން ތިބުމަށް ކަމަށާއި އެކަން ފުރަތަމަ ދުވަހު ވެސް ކުޅުންތެރިންގެ މޫނުމަތިން ފެނިގެންދިއުމަކީ ރަނގަޅު ފާލެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"މި ދަނޑިވަޅަކީ ގައުމުގެ ވަރަށް ގިނަ ރައްޔިތުންތަކެއް މާޔޫސްވެފައި ތިއްބައި އުފާވެރިކަން ގެންނަން ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ލިބިގެންދިޔަ ފުރުސަތެއް. އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން އެ އުފާވެރިކަން ގެނެސްދިނުން މި އޮތީ،" ބައްސާމް ވިދާޅުވި އެވެ.
ގައުމީ ޓީމު މުޅިން އަލަށް މުބާރާތަކަށް 100 ޕަސެންޓް ދިވެހި ޓީމަކާ އެކު މި ފަހަރު ނުކުންނާނެ އެވެ. ކުޅުންތެރިންގެ އިތުރުން ކޯޗިން ސްޓާފުންނަށް ވެސް ތިބީ މުޅިން ދިވެހިންނެވެ. ބައްސާމް ވިދާޅުވީ ކޯޗިން ސްޓާފުން ވެސް ތިބީ ވަރަށް ބޮޑު އުއްމީދަކާ އެކު ކާމިޔާބު ހޯދަން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރުމަށް ކަމަށެވެ.
ރާއްޖެ އަކީ އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ (2018 ވަަނަ އަހަރުގެ މުބާރާތުގެ) ޗެމްޕިއަނެވެ. ބައްސާމް ވިދާޅުވީ ޑިފެންޑިން ޗެމްޕިއަނެއްގެ ގޮތުގައި އޮތުމުގެ ޕްރެޝަރު އިތުރުވާނެ ސަަބަބަކީ އަމިއްލަ ގައުމުގައި އެ މުބާރާތް ހޯސްޓް ކުރުމެވެ.
"ސާފް ޗެމްޕިއަންޝިޕަކީ އަބަދުވެސް ދިވެހި ރައްޔިތުން ބޭނުންވާ އެއް ތަށި. އެހެންވީމަ އެ ތަށި ހޯދުމަށްޓަކައި އަދި ހާއްސަކޮށް ރާއްޖޭގައި ބޭއްވުމަކީ އިތުރު ޕްރެޝަރެއް އަންނާނެ ކަމެއް،" ބައްސާމް ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ދާދި ފަހުން މާލޭގައި ހޯސްޓްކުރިއިރު، އެފްއޭއެމްގެ މުވައްޒަފުން ކުރި މަސައްކަތް ފާހަގަކުރާ ކަމަށާއި ހަަމަ އެ ޖޯޝުގައި ސާފްގެ ކަންކަމުގައި ވެސް އުޅޭނެ ކަމަށް ވިދާޅުވި އެވެ.
ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮކްޓޫބަރު 1-16 އަށެވެ.
މުޅި ރާއްޖެގައި ސާފް ޗެމްޕިއަންޝިޕް އިޝްތިހާރުކުރުމުގެ ކެމްޕެއިނެއް
ވަރަށް ކުއްލި ގޮތަކަށް ސާފް ޗެމްޕިއަންޝިޕްގެ ބިޑްކުރުމާއި އެ މުބާރާތް ބޭއްވުމުގެ ކަންކަން ފަށައިގެން މިހާރު ސާފް ޗެމްޕިއަންޝިޕް ފަށަން އޮތީ ގާތްގަނޑަކަށް މަހެއްހާ ދުވަހެވެ. މި މުބާރާތުގެ އިޝްތިހާރު ކަންކަމާއި އެހެނިހެން ތައްޔާރީތަކުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ގެންދިއުމަށް އެފްއޭއެމުން ވަނީ ރާވައިފަ އެވެ.
ބައްސާމް ވިދާޅުވީ މާކެޓިން އާއި ޕްރޮމޯޝަން އަންނަ މަހު 8 ގައި ލޯންޗް ކުރެވިގެންދާނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ކަމަށެެވެ.
"ގައުމީ ކެމްޕެއިނެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގެ ކަންކަން ފެށިގެންދާނީ. އަޅުގަނޑުމެން ބޭނުންވަނީ މި މުބާރާތް ތެރޭގައި ގައުމު އެއްބައިވަންތަކުރަން. އަޅުގަނޑު ބޭނުން ރާއްޖޭގެ ހުރިހާ ގެޔެއްގައި ދިވެހި ދިދަ ނެގިގެން ދިއުން،" ބައްސާމް ވިދާޅުވި އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލެވިފައިވާ ގޮތަށް ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން ކުރިއަށް ގެންދަން ރާވާފައިވާއިރު، ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކާ އެކު ވެސް އެކިއެކި މަޝްވަރާތައް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.
"އަތޮޅު ތެރޭގައި ވެސް މި ފޯރި ގެންނަން ޖެހޭ. އަޅުގަނޑުމެންގެ މާކެޓިން ޓީމު ހަތަރު ފަސް ސަރަހައްދަކަށް ދަތުރުކުރުން ވެސް އޮތީ ރޭވިފައި. ވަރަށް ކުރު މުއްދަތެއް. ސެޕްޓެމްބަރު 8 ގައި ކެމްޕެއިން ފަށައިފިއްޔާ މި ލިބެނީ 22 ވަރަކަށް ދުވަސް މުބާރާތާ ދޭތެރޭގައި. އެހެންވީމަ ވަރަށް ފޯރީގައި ވަރަށް ވަރުގަދަ އަށް ޖައްސައިގެން ކާމިޔާބުކުރެވޭނީ،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމްގެ އިލްތިމާސަކީ މާކެޓިން ޓީމުތަކަށް ބައެއް ރަށްރަށަށް ނުދެވުނު ކަމުގައި ވިޔަސް ރާއްޖޭގެ ހުރިހާ ރަށެއްގައި ގައުމީ ޓީމަށް ތަރުހީބު ދިނުމަށް އެކި އެކި ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށެވެ. އަދި މިއީ އެންމެންގެ ސަޕޯޓް ލިބިގެން ކުރެވޭނެ ކަމެއް ކަމަށާއި މީގެ ވަކި ފަންތިއެއް ނޫނީ ވަކި ގިންތިއެއްގެ މީހެއް ތަފާތުވުމެއް ނެތް ކަމަށް ބައްސާމް ވިދާޅުވި އެވެ.
މީގެ އިތުރުން ސާފް ޗެމްޕިއަންޝިޕް މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި ސަޕޯޓަރުން ވެއްދުމަށް އެންމެ ބޮޑަށް ބާރުލިބޭނެ ކަމަކީ ވީހާވެސް ގިނަ ބަޔަކު ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުންކަން ފާހަގަކުރެއްވި އެވެ.
މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު މާޗް މަހުގައި ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އާއި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރި އެވެ. އަދިވެސް އެ ދެ ފަރާތް އޮތީ އެ ގޮތަށެވެ. ސާފް ޗެމްޕިއަންޝިޕަށް ސަޕޯޓަރުން ވެއްދުމަށް މަސައްކަތް ކުރާއިރު، ދަނޑުގައި ކުރަން ހުރި އެ ފަދަ ކަންތައްތަކަށް ވެސް ކޮންމެ ވެސް ކަހަލަ ހައްލެއް ހޯދަން ޖެހެ އެވެ.
ބައްސާމް ވިދާޅުވީ ބައެއް ސިޑިބަރިތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެ ސިޑިބަރިތަކުގެ ބައެއް ދިމަދިމާލުގައި އަޑިން ބީމްތަކެއް އެޅުމުގެ ކަންކަން ކުރަން ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
"ގަލޮޅު ދަނޑުގެ ކެޕޭސިޓީ އަކީ 6500. އޭގެ ދެބައިކުޅަ އެއްބައި (ސަޕޯޓަރުން) ވެއްދޭތޯ. އާންމުކޮށް މި ވެއްދެނީ ވަކި (ގައިދުރުކަމެއް) ޑިސްޓެންސެއް ބަހައްޓައިގެން. ފުލް ކެޕޭސިޓީ ބޭނުން ނުކުރެވިދާނެ. ދެބައި ކުޅަ އެއްބައި ވިޔަސް ބޭނުންކުރެވޭތޯ ބަލަމުން މި ދަނީ،" ބައްސާމް ވިދާޅުވި އެވެ.
އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗުތަކަށް ވެސް ސަޕޯޓަރުން ވައްދަން ޖެހުނީ ސަހަރާ ފަޅި އާއި ބޮޑުގޭޓް ފަޅި ބޭނުންނުކުރާ ގޮތަށެވެ.











