ބާމިންހަމް (އޮގަސްޓް 26) - އިނގިރޭސި ލީގު ކަޕްގައި ރޭ ވެސްޓް ބްރޮމް 6-0 އިން ބަލިކުރުމަށް ފަހު އާސެނަލުން ސީޒަނުގެ ފުރަތަމަ މޮޅުހޯދައި ހަމަނޭވައެއް ލައިފި އެވެ.
މި ފަހަރުގެ ސީޒަނުގައި އާސެނަލުން މީގެ ކުރިން ކުޅުނީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ މެޗެވެ. ފުރަތަަމަ މެޗުގައި ރަށުންބޭރުގައި އާސެނަލް ބަލިވީ 74 ފަހު އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބްރެންޓްފޯޑް އަތުން 2-0 އިންނެެެވެ. ދެ ވަނަ މެޗުގައި ޗެލްސީ އަތުން އާސެނަލް ބަލިވީ އަމިއްލަ ދަނޑުގައި 2-0 އިންނެވެ. އެހެންވެ، އެ ޓީމަށް އޮތީ ރޭ ލީގު ކަޕްގެ މެޗަށް ނުކުތްއިރު ޕްރެޝަރު ބޮޑުވެފަ އެެވެ.
އާންމު ގޮތެއްގައި ލީގު ކަޕްގައި އާސެނަލުން ބޭނުންކުރަނީ ޒުވާން ކުޅުންތެރިން ގިނަ ޓީމެކެވެ. އެކަަމަކު، ސީޒަނުގައި މޮޅެއް ނުލިބި އޮތުމުން ރޭގެ މެޗުގައި ދެ ވަނަ ޑިވިޝަނުގެ ވެސްޓް ބްރޮމްއާ ވާދަކުރީ ސީނިއާ ކުޅުންތެރިން ގިނަ ވަރުގަދަ ޓީމަކާ އެކު އެވެ.
ރޭގެ މެޗުގައި އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ވަނީ ހެޓްރިކެއް ހަަދައިފަ އެވެ. މިއި މި ފަހަރު ސީޒަނުގައި އޭނާ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އޭނާ އަށް ފުރަތަމަ މެޗު ގެއްލުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. ދެ ވަނަ މެޗުގައި ބަދަލެއްގެ ގޮތުގައި ޗެލްސީއާ ދެކޮޅަށް ކުޅެން އެރި އެވެ.
އާސެނަލްގެ އަނެއް ތިން ގޯލު ޖެހީ ނިކޮލަސް ޕެޕޭ އާއި ބުކާޔޯ ސަކާ އަދި އަލެކްސަންޑަ ލަކަޒޭޓް އެވެ. މިއީ ކޮވިޑުން ރަނގަޅުވެގެން އައިސް ފްރާންސްގެ ފޯވާޑް ލަކަޒޭޓް ވެސް ކުޅުނު ފުރަތަމަ މެޗެވެ.
ރޭގެ މެޗުގައި އާސެނަލުން ވަނީ އެ ޓީމުން ޓްރާންސްފާ މާކެޓްގައި އެންމެ ފަހުން ގަތް ގޯލްކީޕަރު އާރޮން ރަމްސްޑޭލް އާއި ޕްލޭމޭކަރު މާޓިން އޮޑެގާޑް ކުޅެން އަރުވައިފަ އެވެ. އޮޑެގާޑް ވަނީ ރޭގެ މެޗުގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އާސެނަލަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑު ހަރަދެއް ކުރި އިނގިރޭސި ޓީމެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ފުރަތަމަ ދެ މެޗުން ބަލިވެ ލިބުނު މާޔޫސްކަމުން އަރައިގަންނަން މި މޮޅުގެ ބޭނުން ހިފިދާނެ ކަމަށެވެ. ލީގު ކަޕްގެ ތިން ވަނަ ބުރުގައި އާސެނަލުން ނުކުންނާނީ ވިމްބަލްޑަންއާ ދެކޮޅަށެވެ.
ރޭ ލީގު ކަޕްގައި ކުޅުުނު ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު ނިއުޕޯޓް ކައުންޓީ ދަނޑުގައި ސައުތެމްޓަން ވަނީ 8-0 އިން މޮޅުވެފަ އެވެ. އަދި ނިއުކާސަލް ޔުނައިޓެޑް އަތުން ބާންލީ ވަނީ ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެފަ އެވެ.












