ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 25) - އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ ވެރިޔާ ވިލިއަމް ބާންސް އާއި ތާލިބާނުންގެ ކޯފައުންޑަރު މުއްލާ އަބްދުލް ގަނީ ބަރާދަރް ސިއްރުން ބައްދަލުކޮށްފި އެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓު ކުރި ގޮތުގައި ބައްދަލުވުން އޮތީ ހޯމަ ދުވަހު އެވެ. މިއީ ތާލިބާނުންނާއި އެމެރިކާއާ ދެމެދު މިހާތަނަށް ސީދާ ބޭއްވި އެންމެ އިސް ފަންތީގެ ހަމައެކަނި ބައްދަލުވުމެވެ.
ބާންސް އަކީ މި ވަގުތު އެމެރިކާގެ އިދާރާއެއްގެ އިސް މަގާމެއްގައި ހުރި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ގަތަރުގައި ހުންނަ ތާލިބާނުންގެ ސިޔާސީ އޮފީހުގެ އިސްވެރިޔާގެ މަގާމުގައި ހުންނަ ބަރާދަރް އަކީ ތާލިބާން ލީޑާޝިޕްގެ އެންމެ ކުރީގައި ހިމެނޭ މީހެކެވެ.
ސީއައިއޭގެ ވެރިޔާ ބަރާދަރްއާ ބައްދަލުކުރިކަން ކަށަވަރުކޮށްދޭން އެ އިދާރާއިން ވަނީ ދެކޮޅު ހަދާފަ އެވެ.
ގިނަ މަސްދަރުތަކަކާ ހަވާލަދީ ވޮޝިންޓަން ޕޯސްޓުން ބުނީ ހޯމަ ދުވަހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް ބެލެވެނީ އެމެރިކާ ސިފައިން އަފްގާން ފަސްގަނޑު ދޫކޮށް ދާން ކަނޑައަޅާފައި ސުންގަޑިއާ ގުޅޭ ގޮތުން ކަމަށެވެ.
އެމެރިކާ އިން އިއުލާނުކޮށްފައިވާ ސުންގަޑިއަކީ އޯގަސްޓު 31 އެވެ. ނަމަވެސް އެ ސުންގަޑީގެ ކުރިން އަފްގާނިސްތާން ފުރަން ބޭނުންވާ އެންމެންނަށް ދެވޭނެކަމުގެ ޔަގީންކަމެއް ނެތެވެ.
ސުންގަޑި ދިގުދަންމާލުމުގެ ވާހަކަ ހުޅަނގުގެ ގައުމުތަކުން ދައްކަން ފެށުމާއެކު ތާލިބާނުން ވަނީ އެކަމާ ދެކޮޅަށް އިންޒާރު ދީފަ އެވެ. އޭގެ އިތުރުން ހުނަރުވެރި އަފްގާން ރައްޔިތުން ނުގެންދިޔުމަށް ވެސް ގޮވާލި އެވެ.










