ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ކޮޅުމަޑުލަށް ކުރެއްވި ދަތުރުގައި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދި ވެރިކަން ހިންގާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މަސައްކަތް ކުރެއްވުމަކީ މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ރައީސް ސޯލިހު ތ. އަތޮޅަށް ވަޑައިގެން ގިނައިން އުޅުއްވީ ރަސްމީ މަސައްކަތްތަކުގައި ކަމަށާއި އެމްޑީޕީގެ ބައެއް މެމްބަރުންނާ ބައްދަލު ކުރައްވާ ބައެއް މަސައްކަތްތައް ކުރެއްވީ "އިތުރު ކަމެއްގެ" ގޮތުގައި ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރާއްޖޭގެ ރަށްރަށަށް ދަތުރު ކުރައްވަނީ. އެނގިލައްވާނެ ގިނަ އަދަދެއްގެ ކައުންސިލްތަކާ މިހާރު ވެސް ބައްދަލު ކުރައްވައިފި،" މަބްރޫކް ވިދާޅުވި އެވެ. "އެ ދަތުރުފުުޅުތަކުގެ ތެރޭގައި އެކިއެކި ފަރާތްތަކުގެ އެދިލެއްވުމަށް އަޅުގަނޑު ދަންނަވަނީ، ރައީސް ބައްދަލުވުންތައް ވަގުތު ވީ މިންވަރަކުން ބާއްވައޭ،" މަބްރޫކް ވިދާޅުވި އެވެ.
ރައީސް ޕާޓީގެ މެމްބަރުންނަށް ވެސް ކޮންމެ ރަށަކަށް ވަޑައިގެން ވަގުތު ދެއްވި ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
"އޭގެ އިތުރުން ހަމަ ރަައީސް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އެމްޑީޕީގެ ޕާޓީ މެމްބަރުން އެދިލައްވާ ރައީސް އެބޭފުޅުންނާ ބައްދަލު ކުރައްވާ ވާހަކަ ދެއްކެވުމަށް. އެބޭފުޅުންގެ ވެސް ހުރި ބައެއް ކޮންސާންތައް ޝެއާ ކުރުމަށް. އެކަމަށް ވެސް ރައީސް ވަގުތު ދެއްވަމުން ގެންދަވާ،" އޭނާ ވިދާޅުވި އެވެ.

ހޯމަ ދުވަހު ސުވާލު ކުރި ބައެއް ނޫސްވެރިންގެ ކަންބޮޑުވުމަކަށްވީ ރައީސް އެމްޑީޕީގެ މަސައްކަތް ކުރައްވާއިރު ދައުލަތުން ހަރަދުތަކެއް ކުރަންޖެހުމެވެ. އެކަމަކު އެއީ މައްސަލައެއް ނޫން ގޮތަށް ސިފަ ކުރެއްވުމަށްފަހު މަބްރޫކް ވިދާޅުވީ މީގެ ކުރިން ވެސް ރައީސްގެ މަގާމުގައި ތިއްބެވި ބޭފުޅުން އަމަލު ކުރެއްވީ އެގޮތަށް ކަމަށެވެ.
"ޖުމްލަ ގޮތެއްގައި މައްސަލައެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ދެން އަޅުގަނޑު ފާހަގަ ކުރާނަން މީގެ ކުރިން ރާއްޖެއަށް ޕާޓީ ނިޒާމު އައި ފަހުން އެއްވެސް ރައީސެއް ނުހުންނާނެ އެހެން ކުރެއްވި ދަތުރުތަކުގައި އެ ބޭފުޅުން ނިސްބަތްވާ ޕާޓީތަކުގެ މެމްބަރުންނާ ބައްދަލު ނުކުރައްވައެއް،" އޭނާ ވިދާޅުވި އެވެ.
ތ. އަތޮޅުގެ ހަތް ރަށަކަށް ރައީސް ސޯލިހު ވަޑައިގެންނެވިއިރު އެ ހުރިހާ ރަށެއްގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ބައްލަވައިފަ އެވެ. އަދި އެ ރަށްރަށުގެ ޓީޗަރުންނާއި ކައުންސިލަރުންނާއި ދަނޑުވެރިންނާއި އެކި ދާއިރާތަކުން މީހުންނާ ވެސް ރައީސް ސޯލިހު ބައްދަލު ކުރެއްވި އެވެ.
ރައީސްގެ ދަތުރުތަކުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ތިމަރަފުއްޓާއި ކިނބިދޫ އާއި އޮމަދޫ އާއި ވޭމަންޑޫ އާއި ވަންދޫ ކަނޑޫދޫ އާއި ދިޔަމިނގިއްޔާއި ގާދިއްފުށީގެ އެމްޑީޕީ މެމްބަރުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.













