ހައި ސްޕީޑް ފެރީ ނެޓްވޯކުގެ ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ޓެސްޓް ފެރީ ލޯންޗު ސެޕްޓެމްބަރު މަހު ބާލާނެ ކަމަށާއި އެއަށް އެޕްރޫވަލް ލިބުމުން، ފެރީ ލޯންޗުތައް ބަންނަން ފަށައި އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ހައި ސްޕީޑް ފެރީ ނިޒާމަކީ އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކަކުން މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ގުޅާލުމަށް ސަރުކާރުން ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިދުމަތް ދޭން ފަށާނީ އުތުރުން ހއ، ހދ، އަދި ށ. އަތޮޅަށެވެ.
މި ފިޔަވައްސަށް 157 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން 107 މިލިއަން ރުފިޔާ ހަރަދު ކުރަނީ 17 ހައި ސްޕީޑް ފެރީ ބަނުމަށެވެ. ބާކީ ފައިސާއަކީ ރަށްރަށުގައި ފެރީ ގިމަތަ ގާއިމުކުރަން ހިނގާ ހަރަދެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާޒިމް "އަދަދު" އަށް ވިދާޅުވީ، ކުރިން ވެސް ރާވާފައިވާ ގޮތަށް ޓެސްޓް ފެރީ ސެޕްޓެމްބަރުގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި އެހެން އުޅަނދުތައް ބަންނަން ފަށާނީ އެއަށް އެޕްރޫވަލް ލިބުމުން ކަމަށާއި އެ މަސައްކަތް ނޮވެމްބަރުގައި ފެށޭނެ ކަމަށެވެ.
"ޖެނުއަރީ ނުވަތަ ފެބްރުއަރީގައި މަސައްކަތް ނިމޭނެ،" އާޒިމް ވިދާޅުވި އެވެ.
މި ފެރީތަކުގެ މަސައްކަތް ބައްލަވާލައްވަން އާޒިމް ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ އެކު ގަލްފް ކްރާފްޓް މޯލްޑިވްސްގެ ބޯޓް ޔާޑަށް ޒިޔާރަތްކޮށްފަ އެވެ.
ހައި ސްޕީޑް ފެރީތަކުގެ އިތުރުން، މި ނެޓްވާކުގައި ބޭނުން ކުރާ ގިމަތަތަކުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަމަލީ މަސައްކަތް ފަށާފައިވަނީ ހއ. އިހަވަންދޫ، ހއ. ހޯރަފުށި އަދި ހއ. ދިއްދޫގަ އެވެ. އަދި ބާކީ ހުރި ރަށްތަކަށް ބޭނުންވާ ގިމަތަތަކުގެ ޕްރީ ކާސްޓިން މަސައްކަތްތައް ކުޅުދުއްފުށި ސިޓީ އެމްޓީސީސީ ސައިޓުގައި އަންނަނީ ކުރަމުންނެވެ.
އެކި ޒޯންތަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކުގައި މީހުން އުފުލާ ފެރީތަކުގެ އިތުރުން ކާގޯ ފެރީ ވެސް ހުރެ އެވެ. މި ޒަމާނީ ފެންވަރުގެ ފެރީތަކަކީ ބާރު ދުވެލީގައި ދަތުރުކުރާ، ފަސިންޖަރުން ބޭނުންވާ ހިދުމަތްތައް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެވެ. ޕްލޭނިން މިނިސްޓްރީން ލަފާކުރަނީ މި މުޅި ނެޓްވާކުގެ މަސައްކަތް 2023 އަށް ނިންމާލެވޭނެ ކަމަށެވެ.










