އޭޓީކޭ އަތުން ބަލިވެ މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ

Aug 21, 2021, 5:51 PM
އޭޓީކޭ އަތުން ބަލިވެ މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން 3-1 އިން ބަލިވެ، ބާކީ އެއް މެޗު އޮއްވައި މާޒިޔާ އަނެއް ބުރުގެ ހުރިހާ ފުރުސަތެއް ގެއްލިއްޖެ އެވެ.

މާޒިޔާ އޮތީ ކުޅުނު ދެ މެޗުން ވެސް ޕޮއިންޓެއް ނުލިބި އެންމެ ފުލުގަ އެވެ. ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ އިންޑިއާގެ ބެންގަލޫރު އަތުން މޮޅުވިޔަސް މާޒިޔާ އަށް އަނެއް ބުރުގެ ފުރުސަތު ނުލިބޭނެ އެވެ. ބެންގަލޫރު ވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ޕޮއިންޓެއް ހޯދި ނަމަވެސް ކަޓައިފަ އެވެ.

ގްރޫޕްގެ އެއް ވަނަ ގޮތުގައި އަނެއް ބުރުގެ ޖާގަ އަކަށް މިހާރު ވާދަކުރަނީ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އޭޓީކޭގެ އިތުރުން ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. އަންގާރަ ދުވަހު ހަވީރު ބަޝުންދަރާއާ އެއްވަރު ކޮށްލައިގެން ވެސް އޭޓީކޭ އަށް އަނެއް ބުރު ކަށަވަރު ކުރެވޭނެ އެވެ. ބަޝުންދަރާ އަނެއް ބުރަށް ދާނަމަ ޖެހޭނީ އޭޓީކޭ ބަލިކުރާށެވެ.

މާޒިޔާ އިން މި މެޗަށް ނުކުތީ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. ހަސަން ޝިފާޒް (ޑުންގާ) އާއި ނާއިޒު ހަސަން (ދާދު)ގެ ބަދަލުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި މޫސާ ޔާމީން (ޔާމްބެ) ވަނީ ކުޅެން އަރުވައިފަ އެވެ. އަނެއްކޮޅުން އޭޓީކޭ މޯހަން ބަގާން އިން ވަނީ އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު ހޫގޯ ބޯމަސްގެ ބަދަލުގައި އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް މަންވީރު ސިންގް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ދެ ވަނަ ހާފްގައި ކުޅެން އަރައި އޭޓީކޭ ކޮޅަށް މެޗު އަނބުރާލުމުގައި އެންމެ އިސް ރޯލެއް ކުޅުނީ ބޯމަސް އެވެ.

މެޗު ފަށައިގެން މާ ގިނައިރެއް ނުވެ ލިބުނު ފުރުސަތެއްގައި އޭޓީކޭގެ ފިޖީ ފޯވާޑް ރޯއީ ކްރިޝްނާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، މެޗުގެ ހަތަރު ވަނަ މިނިޓްގައި ކްރިޝްނާ މި ގޯލު ޖެހީ އޮފްސައިޑްގައި ހުރެ ކަމަށް ވުމުން ރެފްރީ ނިންމީ ގޯލު ބަލައިނުގަންނާށެވެ. އޭގެ އިރުކޮޅެއް ފަހުން މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެރިއާބޭރުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ފުރަތަމަ 15 މިނިޓަށް ފަހު މާޒިޔާ އިން އޭޓީކޭ ހާފު ތެރޭގައި ކުޅޭ ބޯޅަތަން ރަނގަޅު ވަގުތުގައި ޕާސްކޮށްގެން ފުރުސަތު ތަނަވަސްކުރަން ފެށި އެވެ. އެ ގޮތުން ލިބުނު ދެ ކޯނަރެއްގައި މާޒިޔާގެ ޖީސޫސް ޕޯޒޯ އަށް ބޮލުން ޖަހަން ދެ ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މާޒިޔާގެ ފޭދޫ އިއްބެ (ކ) ކައިރިން އޭޓީކޭގެ ސުބަޝިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްސީ

މާޒިޔާ އިން ލީޑުނެގީ މެޗުގެ 24 ވަނަ މިނިޓްގައި އިބްރާހިމް އައިސަމް ޖެހި ގޯލުންނެވެ. އޭޓީކޭ އަށް މާޒިޔާ އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއްގައި އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވި އެ ބޯޅަ މާޒިޔާ އަށް ލިބުމުން ކައުންޓަ އެޓޭކަކަށް ބަަދަލުކޮށްލި އެވެ. މަތިން ކޯނޭ އަށް ކުޅުނު ބޯޅަ ހިފައިގެން ވަދެ އޭނާ ވަނީ ގޯލު ކުރިމަތީގައި ހުސްކޮށް ހުރި އައިސަމަށް ދީފަ އެވެ. އައިސަމް ވަނީ އޭޓީކޭ ގޯލުގައި ހުރި އިންޑިއާގެ އެއް ވަނަ ކީޕަރު އަމްރިންދަރު ސިންހަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ހަތަރު މިނިޓް ފަހުން މާޒިޔާގެ ހުސެއިން ނިހާން (ނިހާޓް) އޭޓީކޭ އޭރިއާ ތެރެއިން ތިރިތިރިން ފޮނުވާލި ބޯޅަ ޖަހަން އަރައި ހުރި ހަމްޒާ މުހައްމަދު (ހަމްޕު) ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.

ނަތީޖާ ހަމަަހަމަ ކުރެވޭތޯ ކުރި މަސައްކަތުގެ ތެރެއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭޓީކޭ އަށް މާޒިޔާ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާ އެވެ. އެއީ ހިލޭ ޖެހުމަކުން އެ ޓީމުގެ ފޯވާޑް ލިސްޓަން ކޮލާސޯ ޖެހި ބޯޅައެވެ. މާޒިޔާގެ ކީޕަރު އުޒްބެކިސްތާންގެ މިރްޒޮހިދު މަމަކްތޯނޯފް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ މިނިޓް ތެރޭ ލީޑުފުޅާކުރަން މާޒިޔާ އަށް ރަނުގެ ދެ ފުރުސަތު ލިބުނެވެ. ހަމްޕު އޭރިއާތެރެއަށް ހުސްކޮށް ވަދެ ފޮނުވާލި ބޯޅަ އޭޓީކޭ ކުުޅުންތެރިއަކު ގައިގައި ޖެހިފައި ބޭރުވީ ކޯނަރަކަށެވެ. އެ ކޯނަރުން މާޒިޔާގެ ޖަޕާން މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މާޒިޔާގެ ގޯލު ޖެހުމަށް ފަހު އައިސަމް އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް

މާޒިޔާ އަށް ލިބުނު ފުރުސަތުތައް ބޭނުން ނުހިފުނުއިރު، ދެ ވަނަ ހާފްގައި އޭޓީކޭ އިން ކުރި ފުރަތަމަ އެޓޭކްގައި ވަނީ ގޯލެއް ޖަހައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާޝުތޯޝް މެހެތާ ނެގި ހުރަހަކުން މި ގޯލު ޖެހީ ކޮލާސޯ ބޮލުންނެވެ.

އަލުން ލީޑުނަގަން މާޒިޔާގެ ހަމްޕު ޖެހި ބޯޅަ އަމާޒުވީ އޭޓީކޭ ކީޕަރު އަމްރިންދަރު އަތަށެވެ.

އޭޓީކޭ އިން ފަހު 30 މިނިޓަށް ބޯމަސް އާއި އަބީޝެކް ދަނަންޖޭ ކުޅެން އަރުވައިފަ އެވެ. ކުޅެން އެރިތާ މިނިޓެއް ވެސް ނުވަނިސް ބޯމަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭޓީކޭ އިން ވަނީ ލީޑުނަގައިފަ އެވެ. އެ ޓީމުގެ ގޯލު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި ކްރިޝްނާ އެވެ.

އެ ގޯލު ޖެހިތާ ދެ މިނިޓް ތެރޭ މާޒިޔާ އަށް އެއްވަރުކޮށްދޭން ކޯނޭ ޖެހި ބޯޅަ އަަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މާޒިޔާ އިން ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 77 ވަނަ މިނިޓްގައި އޭޓީކޭގެ ތިން ވަނަ ގޯލު ޖެހީ މަންވީރު އެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ބޯމަސް އެވެ.

އޭޓީކޭ އިން ދެ ގޯލުގެ ލީޑެއް ނެގި ފަހުން މާޒިޔާ އިން ބަދަލުތަކެއް ގެނެސްގެން ކުޅެން ފެށި އެވެ. އަދި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި އެވެ. އެ ވަގުތު ތެރޭގައި ކޯނޭ އަށް ރަނގަޅު ތިން ފުރުސަތެއް ލިބުނެވެ. އެއް ފުރުސަތުން އޭނާ ޖެހި ބޯޅަ ކީޕަރު އަމްރިންދަރު މަތަކުރި އެވެ. އަނެއް ބޯޅަ ދާދު އަށް ދޭން މަަސައްކަތް ކުރިއިރު، ފުރުސަތު ގެއްލުނީ އެވެ. ފަހުން ލިބުނު ބޯޅަ ބޮލުން ފޮނުވާލި ނަމަވެސް ގޯލާ ސީދާ ވާގޮތެއްނުވި އެވެ.

މިއީ އޭއެފްސީ ކަޕްގައި މާޒިޔާ ވާދަކުރާ ހަތް ވަނަ ފަހަރެވެ. އެ ޓީމަށް މިހާތަނަށް އަދި މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއްުނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox