ތާލިބާނުންގެ އަތް ދަށަށް ހަތިޔާރުތައް ގޮސް އެމެރިކާ ބޮޑު ލަދެއްގައި ބެދިފައި

އެމެރިކާގައި އުފައްދައިގެން އަފްގާން ސިފައިންނަށް ހަދިޔާ ކުރި އަސްކަރީ އުޅަނދެއްގައި ތާލިބާނުން މަގުމަތި ޕެޓްރޯލް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގައި އުފައްދައިގެން އަފްގާން ސިފައިންނަށް ހަދިޔާ ކުރި އަސްކަރީ އުޅަނދެއްގައި ތާލިބާނުން މަގުމަތި ޕެޓްރޯލް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 19) - މިދިޔަ އާދީއްތަ ދުވަހު އަފްގާނިސްތާނުގެ ވެރިކަމަށް އައި ތާލިބާނުން، އެމެރިކާގައި އުފައްދާފައިވާ އަސްކަރީ އުޅަނދުތަކާއި، އެމެރިކާއިން ހަދިޔާކޮށްފައިވާ ބަރު ހަތިޔާރާއި، އެމެރިކާގެ "ބްލެކް ހޯވްކް" ހެލިކޮޕްޓަރުތައް ދުއްވާ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވާން ފެށުމާ އެކު ރައީސް ޖޯ ބައިޑެންގެ ސަރުކާރު ބޮޑު ލަދެއްގައި ބެދިއްޖެ އެވެ.

ފަސޭހަކަމާ އެކި އަފްގާނިސްތާނުގެ ކޮންޓްރޯލް ހޯދި ތާލިބާނުންނަށް ވަނީ އަފްގާން ސިފައިންގެ އަތުގައި ހުރި ގިނަ އަދަދެއްގެ ހަތިޔާރާއި، ވަޒަން އަދި އެހެނިހެން އަސްކަރީ ތަކެތި ލިބިފަ އެވެ. އޭގެ ތެރެއިން ގިނަ ތަކެއްޗަކީ ފާއިތުވި 20 އަހަރު އެމެރިކާ ސިފައިން އަފްގާން ފަސްގަނޑުގައި ތިބިއިރު ހަދިޔާކުރި ތަކެއްޗެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ތާލިބާން ހަނގުރާމަވެރިން އެމް18 އެސޯލްޓް ރައިފަލް އާއި އެމް24 ސްނައިޕާ ހަތިޔާރާ އެކު އުޅޭ މަންޒަރެވެ. މަގުމަތި ޕެޓްރޯލް ކުރަމުން ދަނީ އެމެރިކާގެ މަޝްހޫރު ޔޫއެސް ހަމްވީޒް އުޅަނދު ގަ އެވެ. އިތުރު ވީޑިއޯއެއްގައި އެމެރިކާ ސްޓައިލުގެ ސްޕެޝަލް ފޯސް ޔުނިފޯމް އަޅައިގެން ވެސް ހަނގުރާމަވެރިން ތިބި މަންޒަރު ފެނުނެވެ.

ވިހި އަހަރުގެ ދިގު ހަނގުރާމަ އަށް ފަހު އަފްގާނިސްތާން ދޫކޮށް ދިޔުމުގައި ބައިޑެން ގިނަ ގޯސްތަކެއް ހައްދަވާފައިވާ ކަމަށް އަމާޒުވެފައިވާ ސިޔާސީ ފާޑުކިޔުންތަކަށް އެ ވީޑިއޯތަކުގެ ސަބަބުން ވަނީ އިތުރު ބާރު ލިބިފަ އެވެ.

ތާލިބާނުން އަތުގައި މިހާރު ހުރި ގިނަ ސާމާނަކީ އަފްގާން ސިފައިންގެ އަތުން ހިފެހެއްޓި ތަކެއްޗެވެ. ވިހި އަހަރު ވަންދެން އެމެރިކާ އިން ތަމްރީން ފޯރުކޮށްދީ، އެތައް ބިލިއަން ޑޮލަރެއް އަފްގާން ސިފައިންނަށް އެމެރިކާއިން ހޭދަކުރި ނަމަވެސް، ތާލިބާނުންނަށް ވެރިރަށް ކާބުލް ހިފުނީ ސިފައިން އަމާން ދިނުމުންނެވެ.

"ދިފާއީ ސާމާނުގެ ހުރިހާ އެއްޗެއް މިހާރު ހުރީ ކޮން ތަނެއްގައިތޯ ބެލޭނެ ފުރިހަމަ މަންޒަރެއް ނުލިބޭ. އެކަމަކު ޔަގީންކަމަކީ އޭގެން ބޮޑު ބަޔެއް ތާލިބާނުންގެ އަތް ދަށަށް ގޮސްފައިވާކަން،" ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން އަންގާރަ ދުވަހު ވިދާޅުވި އެވެ.

އަފްގާނިސްތާނުން ފޭބުމުގައި ގޯސްތައް ގިނަ

"އެ ހަތިޔާރުތައް އަނބުރާ ރައްދު ކުރާނެ ކަމަކަށް ނުބެލެވޭ،" ސަލިވަން ވިދާޅުވި އެވެ.

ގިނަ ހަތިޔާރުތަކެއް ތާލިބާނުންނަށް ލިބިފައިވާ ކަމަށް އެމެރިކާ ސަރުކާރުން އެއްބަސްވުމާ އެކު އިދިކޮޅު ރިޕަބްލިކަން ޕާޓީން ވަނީ ފުރުސަތުގެ ބޭނުން ހިފައި، ބައިޑެން އަށް ފާޑުކިޔާފަ އެވެ.

"ގިނަ ގޯސްތައް ހަދައިގެން އަފްގާނުން ފައިބަން ބައިޑެން ނިންމެވުމުން، މިއަދު ތާލިބާނުން އެ ތިބީ ކުރިއަށް ވުރެ ގިނަ ހަތިޔާރާ އެކު. ފަހަރުގައި މިއީ މިހާ ގިނަ ހަތިޔާރު އެއް ފަހަރާ އެ މީހުންނަށް ލިބުނު ފުރަތަމަ ފަހަރު ކަމަށް ވެސް ވެދާނެ،" ރިޕަބްލިކަން ނޭޝަނަލް ޗެއާ ރޮނާ މެކްޑެނިއެލް ވިދާޅުވި އެވެ.

ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން އެމެރިކާ އަސްކަރިއްޔާ އިން އަފްގާން ސިފައިންނަށް 7،000 އަށް ވުރެ ގިނަ މެޝިން ބަޑި އާއި، 4،700 ހަމްވީޒް އާދި 20،000 ގްރެނޭޑް ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަޕްލައިކޮށްފަ އެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ ވަޒަނާއި ޑްރޯން އަދި ޖެޓާއި ހެލިކޮޕްޓަރު ހިމެނޭހެން 200 އަށް ވުރެ ގިނަ ވައިގެ އުޅަނދު ވެސް ސަޕްލައި ކުރި އެވެ.

އަފްގާން ސިފައިން ހިންގި އޮޕަރޭޝަން ވަރަށް ބޮޑަށް ބަރޯސާވެފައި އޮތީ އެމެރިކާ އިން ފޯރުކޮށްދެމުން ދިޔަ ޓެކްނިކަލް އެހީތެރިކަމާއި ތަކެތީގެ މައްޗަށެވެ.

ޑިފެންސް ސްޕެޝަލިސްޓް ގްރޫޕް ޖޭންސް އިން ބުދަ ދުވަހު އާއްމު ކުރި ފޮޓޯތަކުން ހާމަވާ ގޮތުގައި ފާއިތުވި ހަފްތާގައި ތާލިބާނުންގެ ކިބައިން ސަލާމަތްވުމަށް އަފްގާން ސިފައިންގެ 40 ވައިގެ އުޅަނދު އުޒްބެކިސްތާނަށް ގޮސްފައި ވެ އެވެ. އެއީ ފަސް ޔޫއެޗް-60 ބްލެކް ހޯވްކް އާއި 16 ރަޝިއާ އެމްއައި17 ހެލިކޮޕްޓަރާއި 10 އޭ29 ސުޕާ ޓުކާނޯ މަތިންދާބޯޓެވެ.

އެމެރިކާ ސިފައިން އެނބުރި ގައުމަށް ދާން ފެށުމާއެކު ޕެންޓަގަން އިން ވަނީ ގިނަ އަދަދެއްގެ ސާމާނު އަނބުރާ ގައުމަށް ގެންގޮސް، ބައެއް ސާމާނު އަފްގާން ސިފައިންނަށް ދީފަ އެވެ.

ނަމަވެސް ގިނަ އަދަދެއްގެ މުހިއްމު އަސްކަރީ ސާމާނު ތާލިބާނުންގެ އަތް ދަށަށް ގޮސްފައިވާ ކަމަށް ބެލެވޭތީ މިހާރު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ނުރައްކާ އޮތީ ލިމިޓުވެފައި

"އަޅުގަނޑުމެންގެ މަސްލަހަތާއި އަފްގާން ރައްޔިތުންގެ މަސްލަހަތާ ދެކޮޅަށް އަމަލު ކުރާނެ ކަމަށް ބެލެވޭ ބަޔެއްގެ އަތް ދަށަށް އަޅުގަނޑުމެންގެ ސާމާނު ދާކަށް ބޭނުމެއް ނުވާނެ،" ކާބީ ބުދަ ދުވަހު ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން ގިނަ ސިޔާސަތުތަކެއް ކަނޑައެޅިދާނެ. އެއީ މިސާލަކަށް އެ ތަކެތި ނައްތާލުން ކަމުގައި ވެސް ވެދާނެ."

ތަޖުރިބާކާރުން ބުނެފައި ވަނީ ތާލިބާނުންގެ އަތް ދަށަށް ގޮސްފައިވާ ހަތިޔާރާއި އުޅަނދުތަކުގެ ސަބަބުން އެ މީހުންނަށް ލިބޭނެ ބާރު އޮތީ ލިމިޓުވެފަ އެވެ.

"ތާލިބާނުންނަށް ލިބިފައިވާ އެންމެ ނުރައްކާތެރި ހަތިޔާރަކީ ޑީ30 ހޮވިޓްޒާސް އަދި އަފްގާން ވައިގެ ސިފައިންގެ އުޅަނދުތައް،" ސެކިއުރިޓީ ކޮންޒަލްޓެންސީ ކުންފުނި ސީއެންއޭގެ ކައުންޓަރިން ތްރެޓްސް އެންޑް ޗެލެންޖާޒް ޕްރޮގްރާމްގެ ޑިރެކްޓަރު ޖޮނަތަން ޝްރޯޑެން ވިދާޅުވި އެވެ.

"އެ މީހުންނަށް ލިބުނު ހުރިހާ ވައިގެ އުޅަނދެއް ދުއްވުމުގެ ގާބިލްކަން ހުރި ކަމެއް އަދި ސާފެއް ނޫން. އެކަމަކު މިހާތަނަށް އެނގޭ ގޮތުގައި ހޮވިޓްޒާސް ދުއްވުމުގެ ގާބިލްކަން އެބަ ހުރި."

އެހެންވިޔަސް، އެ އުޅަނދުގެ ސަބަބުން ނުރައްކާ އޮތީ ތާލިބާނުންނަށް ވުރެ ހަތިޔާރު ގިނައިން ލިބިފައި ހުރި އަވައްޓެރި ގައުމުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ތާލިބާނުންނަށް ލިބުނު ގިނަ އަދަދެއްގެ ހަތިޔާރާއި ވަޒަންތައް އަފްގާނިސްތާނުން ނިކުމެގެން ގޮސް ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ޓެރަރިސްޓުންނަށް ލިބުމުގެ ނުރައްކާ އެބަ އޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މި ވަގުތު އެމެރިކާ އަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އަފްގާނިސްތާނުގެ އަވައްޓެރިންނާ އެކު މަސައްކަތްކޮށް އެ ތަނުން އެއްވެސް ސާމާނެއް ބޯޑަރު ހުރަސްކޮށް ނުދާނެކަން ކަށަވަރު ކުރުން،"

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox