ބުކިން ހެދިއިރު އެ މީހުންނަށް ދެއްކީ ޓޫރިސްޓުންގެ ހިތް ދޫވެފައި އޮތް މާފުށީގެ ފަސް ތަރީގެ ހޮޓަލެކެވެ. ކުޑަކުދިންނާ އެކު 27 މީހުން ދެ ހަފުތާއަށް ރާއްޖޭގައި ތިބެން 30،000 ޑޮލަރު (462،600ރ.) ވަގުތުން ދެއްކި އެވެ. މި ހުވަފެނުގައި، އެ މީހުން ރޭ ރާއްޖެ އައިއިރު، ބަލައި އެއާޕޯޓަށް ވެސް ދިޔަ އެވެ.
ބުކިން ހެއްދި ހޮޓަލުގެ މީހެއް ކަމަށް ބުނާ މީހާ އެކު އެ މީހުން މާލެ ފޭބީ މާފުއްޓަށް ދާށެވެ. އެކަމަކު އެ މީހުން ގޮސް ލީ ހެންވޭރު އާމުލީގޭ ކައިރި ހުރި "ފަޅު ގެއަކަށެ"ވެ. ބުކިން ހެދިއިރު ދެއްކި ފޮޓޯ އާއި އެ މީހުން ވެއްދި ތަން ފެނިފައި، ސުވާލުތައް އޮއްސާލީ އެވެ.
އެ ސުވާލުތަކުގެ ޖަވާބުން އެނގުނީ މި ލިބުނީ ބޮޑު ލަނޑެއް ކަމެވެ. އެ މީހުންނާ އެކު 13 ކުދިން އައިއިރު ތެރޭގައި އަހަރެއް ނުވާ ކުޑަކުދިން ވެސް ހިމެނެ އެވެ.
"އެ މީހުން އެތަނުގައި ތިބެން ދެކޮޅު ހެދީ. އެހެންވެ އެ ބިދޭސީ މީހާ ވަގުތުން ފިލީ،" ހެންވޭރުކޮޅުގައި މަގުތަމަތިވެފައި ތިބި ޓޫރިސްޓުންނަށް އެހީތެރިވާން އުޅުނު އަލީ ޝިފާޒް "އަދަދު" އަށް ކިޔައިދިނެވެ.

މާލޭ ހެންވޭރުކޮޅު ބޮޑުފުންގަނޑު މަގުގެ އެއް އަރިމަތީގައި ފޮށި ތަންމަތި ހިފައިގެން އެ މީހުން ތިބީ ކުޑަކުދިންނާ އެކީގަ އެވެ. ފޯނު ކަންފަތުގައި ޖަހައިގެން ފިރިހެން ވެރިން ހޭލަ މޭލައަށް އުޅުނު އިރު، އަންހެންވެރިންނާއި ކުޑަކުދިންގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.
"ހަދާނެ ގޮތް ހުސްވެފައި އެ މީހުން ތިބީ،" ޝިފާޒް ބުންޏެވެ.
މި ޓޫރިސްޓުންނަކީ ސައުދީ އަރަބިއާއަށް ދަތުރުކުރުމުގެ ކުރިން އެ ގައުމުން ޝަރުތުކުރާ ޓްރާންސިޓް ކަރަންޓީނު ފުރިހަމަކުރަން އައި އިންޑިއާ ބައެކެވެ. މަސައްކަތް ކުރަނީ އަދި ދިރިއުޅެނީ ވެސް ސައުދީގަ އެވެ.

އޮޅުވާލައިގެން ޓޫރިސްޓުން ރާއްޖެ ގެނެސް މަގުމަތިކޮށްލި މައްސަލަ ބެލުމުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ/ ސޯޝަލްމީޑިއާ
އެނގިފައިވާ ގޮތުގައި އިންޑިއާގެ އެޖެންޓެއް މެދުވެރިކޮށް އެ މީހުން ރާއްޖެ އައީ މާފުށީގެ "މާބްލް ގެސްޓް ހައުސް" ކިޔާ ފަސް ތަރީގެ ހޮޓަލެއްގައި ޗުއްޓީ ހޭދަކުރާށެވެ.
އެ މީހުންނާ ހަވާލާދީ މި ނޫހާ ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި، އެ މީހުން ބަލާ އެއާޕޯޓަށް ދިޔައީ ބަންގްލަދޭޝް ފިރިހެނެކެވެ. އެ މީހުންނަށް ވިއްކި ޕެކޭޖު ބުނާ ގޮތުން އެ މީހުން ދާން ޖެހެނީ މާފުއްޓަށެވެ. އެކަމަކު އެ މީހުންނާ އެއާޕޯޓުން ހަވާލުވި މީހާ އައިސް އެ މީހުން ބޭލީ މާލެއަށެވެ.
"އެ މީހުން ވަރަށް މަސައްކަތް ކުރި އިންޑިއާ އެޖެންޓަށް ގުޅަން ވެސް. 30،000 ޑޮލަރު ދިނީމޭ ބުނީ. އެކަމަކު އޭނާ ވެސް ފޯނެއް ނުނަގަޔޭ ބުނީ. އަދި މިކޮޅުން ހަވާލުވި ބިދޭސީ މީހާގެ ހަބަރެއް ވެސް ނުވެޔޭ ބުނީ،" އޭނާ ބުންޏެވެ.
މާފުށީގެ ހޮޓަލެއް ކަމަށް ބުނެ އެ ޓޫރިސްޓުންނަށް ދެއްކީ މާލޭގައި ހުންނަ މާބްލް ގެސްޓްހައުސްގެ ފޮޓޯތަކެވެ. މާފުށީގައި އެ ނަން ކިޔާ ގެސްޓްހައުސްއެއް ނޫނީ ހޮޓަލެއް ވެސް ނުހުރެ އެވެ.
އެހީވީ އެ މީހުން ތިބި ހާލު ފެނުނު ދިވެހިން
އެ އާއިލާތައް ތިބި ހާލު ފެނުނު ދިވެހިން މައުލޫމާތު އޮޅުން ފިލުވައި ވަގުތުން އެހީވާން ފެށި އެވެ. ފެނާއި ކާބޯތަކެތިން ފެށިގެން ގޮސް، އިށީންނާނެ ގޮނޑިއަށް ދަންދެން އެ މީހުންނަށް ފޯރުކޮށްދިނެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި ޝިފާޒް ބުނީ މެންދަންވި އިރު ވެސް އެ މީހުން ތިބީ މަގުމަތީގަ އެވެ. އެކަން ހައްލުވީ، ސަސްޕެންޝަންގައި ހުންނެވި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާއި އެ މިނިސްޓްރީގެ ނައިބު އަސްހަދު އަލީ (އަޑުބަރޭ)ގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު (ހަނަފީ) އެތަނަށް ވަޑައިގެން ކުރެއްވި މަސައްކަތުންނެވެ.
"އެ މީހުން އައިސް ކުޑަކުދިންނާ އެ މީހުން ގެންދިޔައީ،" ޝިފާޒް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މަހްލޫފް "އަދަދު" އަށް ވިދާޅުވީ އެ ސަރަހައްދަށް އެ ވަގުތު ވަޑައިގަތީ ކުޑަކުދިން މަގުމަތިވެފައި ތިބި މަންޒަރު ފެނިގެން ކަމަށެވެ.
"ހުޅުމާލެ އާއި ތުލުސްދޫ އާއި ގުރައިދޫއާ ވަރަށް ތަންތަނުން ބެލިން ރޫމެއް ލިބޭތޯ. އެއްގޮތަކަށް ވެސް ނުލިބިގެން އެންމެ ފަހުން އެ މީހުން ވެއްދީ ހުޅުމާލޭގައި މި ހުންނަ ފުޓްބޯޅަ ސްކޫލަށް. އޭސީއާ އެއްޗެހި ހަރުކޮށް ހަދާފައި ހުރި ތަނެއް އެއީ،" މަހުލޫފް ވިދާޅުވި އެވެ.
އެތަނަކީ ކޮވިޑްގެ ތެރޭގައި ހާލުގައި ޖެހުނު އާއިލާތައް ބައިތިއްބަން ބޭނުންކުރި ތަނެކެވެ. އަދި އެންމެ ފަހުން އެތަން ބޭނުންކުރީ އޭއެފްސީ ކަޕުގައި ރޭ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ކްލަބް އީގަލްސްގެ ފުޓުބޯޅަ ޓީމު ކޭމްޕްކުރާށެވެ. ރޭގެ މެޗަށް ފަހު އީގަލްސް ކުޅުންތެރިން އެތަނުން ނުކުމެ، އިންޑިއާ ޓޫރިސްޓުން އަންނާތީ ސާފުކޮށްދިނެވެ.
މިހާރު އެ މީހުން އެތަނުގައި ތިބިއިރު، ސަރުކާރާއި އިންޑިއާގެ އެމްބަސީން ދަނީ އެ މީހުންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއަދުގެ ވަގުތެއްގައި އިންޑިއާ އެމްބެސެޑަރު ވެސް އެ މީހުންގެ ހާލު ބަލަން އެތަނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ބޮޑު އޮޅުވާލުމެއް، މި ނެޓްވޯކް އޮތް ކަމުގެ ތުހުމަތުތަކެއް!
ބައެއް މީހުން ބުނާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ބަންގްލަދޭޝް ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރުމުގައި އެހީތެރިވެދިނީ އެ ވަގުތު އެތަނުގައި ހުރި އެހެން ބަންގްލަދޭޝް މީހެއް ކަމަށް ވެ އެވެ.
އެކަމަކު ފުލުހުން މިކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
އޭނާ ހައްޔަރުކުރަން ފަސޭހަވީ، އެނގިފައިވާ ގޮތުގައި، އެތަނުގައި ހުރި އެހެން ބަންގްލަދޭޝް މީހެއް އޭނާގެ ފޮޓޯ ދެއްކުމުންނެވެ.
ފެންމަތިވި މިކަމަކީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެފައި މިވާ ދަނޑިވަޅުގައި، އޮޅުވާލައިގެން މީހުން ގެންނަން ނެޓްވޯކުގެ ތެރޭގައި ހިނގި ކަމެއް ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ. އެހެން ގައުމުތަކަށް ދިއުމުގެ ކުރިން ރާއްޖެ އަންނަން ބޭނުންވާ ޓޫރިސްޓުންނަށް އެކި ތަންތަނުގެ ނަމުގައި ޕެކޭޖް ވިއްކައި، ކުއްޔަށް މީހުން ބައިތިއްބާ ގެތައް ވެސް ދަނީ ދައްކަމުންނެވެ.
ރަށްރަށުގެ ގެތަކަށް ވެސް ބައެއް މީހުން އެބަ ގެނެ އެވެ. އެޗްޕީއޭގެ އުސޫލާ ހިލާފަށް ރަށްރަށަށް މީހުން ގެންދާތީ ކަންބޮޑުވުން ވެސް އެބައޮތެވެ.
ހުއްދަ ނެތި މީހުން ގެނެސް މަގުމަތިކުރުމަކީ ޓޫރިޒަމް ނޫން ކަމަށާއި އެއީ ހިއުމަން ޓްރެފިކިންގެ އަމަލެއް ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. މިއީ، ކަމާގުޅޭ އިދާރާތަކުން ބަލަން ޖެހޭ މައްސަލައެއް ކަމަށާއި ރޭގައި ފެންމަތިވި ކަންކަމުގައި އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުއްވުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް މައުސޫމް ވިދާޅުވެފައިވެ އެވެ.
ވަގުތީ ގޮތުން ހުޅުމާލޭގައި ބައިތިއްބާފައި ތިބި އިންޑިއާގެ 27 މީހުންނާ މެދު ސަރުކާރުން ނިންމާ ގޮތެއް މިހާތަނަށް ނުބުނެ އެވެ.












